އިސްރާއީލުން ލުބުނާނާއި ސީރިޔާ ދެމެދު އޮންނަ މައި ބޯޑާރ ކްރޮސިންގް ސަރަަހައްދު ބަންދުކޮށްފައިވާކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.
ރިޕޯޓުތަކުގައިވާގޮތުން އިސްރާއިލުންވަނީ އަނެއްކާވެސް ލުބުނާނަށް ހަަމަލާ ދީފައެވެ. ވައިގެ މަގުން ދިން މި ހަމަލާ އަމާޒުކޮށްފައިވަނީ ވެރިރަށް ބެއިރޫތް އަށް ކަމަށްވާއިރު އެކަމުގެ ސަބަބުން ލުބުނާނާއި ސީރިޔާ ދެމެދު އޮންނަ މައި ބޯޑާރ ކްރޮސިންގް ބަންދުވެ ހަމަލާތަކުން ސަލާމަތްވުމަށްޓަކައި ގޮދޮރު ދޫކޮށް ހިޖުރައިގެ ހާލަތުގައި ތިބި އެތައް ހާސް ބަޔަކު އެތަނުގައި ތާށިވެފައިވާކަމަށެވެ.
މީޑީއާތަކުން ބުނާގޮތުން ރޭގަނޑުގެ ވަގުތުތަކުގައި ދިން ހަމަލާތަކުގެ އަސަރު އެތައް ކިލޯމީޓަރެެއް ދުރަށްވެސް ހުއްޓެވެ. މި ހަމަލާގައި އާންމު އިމާރާތްތަކަށާއި މުދަލަށްވެސް ބޮޑެތި ގެއްލުންތައް ލިބިފައިވާކަމަށްވާއިރު އިސްރާއީލުންވަނީ އެ ގައުމުން އަމާޒުކުރީ ހިޒްބުﷲ ޖަމާއަތުގެ މައި އިންޓެލިޖެންްސް ހެޓްކުއާޓާއަށްކަމަށް އާންމުކޮށްފައެވެ. އެހެންނަމަވެސް އެތަނުގައި ތިބި ވަކި ބަޔަކުވެސް ހިއްސާކޮށްފައިނުވާކަމަށާއި މި ހަމަލާގައި އެއްވެސް މީހަކު މަރާލެވިފައިވާކަން ހާމަ ނުކުރާކަމަށެވެ. އެހެންނަމަވެސް ހަމަލާއަށް ފަހު އެ ގައުމުންވަނީ 24 ގަޑިއިރުގެ ތެރޭގައި ހިޒްބުﷲ ޖަމާއަތުގެ 100 މީހުން މަރާލާފައިވާކަމަށް ބުނެފައިކަންވެސް ފާހަގަކުރެއެވެ.
ލުބުނާނުގެ ނޫސްތަކުން ބުނާގޮތުން އެއް ސަރަހައްދަކަށް އިސްރާއީލުންވަނީ 10 ފަހަރެއްގެ މަތިން ވައިގެމަގުން ހަމަލާ ދީފައެވެ. އަދި އެކަމުގެ ސަބަބުން 1400 ލުބުނާނުގެ އާންމު ރައްޔިތުން ނިޔާވެފައިވާކަމަށާއި ހިޒްބުﷲ ޖަމާއަތުގެ ހަނގުރާމަވެރިންވެސް ހިމެނޭނެކަމަށެވެ. އަދި އިސްރާއީލުން ހަމަލާތައް ވަރުގަދަ ކުރަން ފެށުމާއިއެކު 1.2 މިލިއަން ރައްޔިތުން ތިބީ ގެދޮރު ނެތިފައިކަމަށްވެސް ބުނެފައިވެއެވެ.
އިސްރާއީލުން ލުބުނާނުގެ ހޮސްޕިޓަލްތަކަށްވެސް ހަމަލާ ދެމުންދާކަން މީޑިއާތަކުން ފާހަގަކުރެއެވެ. އެގޮތުން ދާދި ފަހުން އެ ގައުމުންވަނީ ހުސްކުރުމަށް އިންޒާރު ދިނުމަށްފަހު ހޮސްޕިޓަލަކަށް ބަރު ހަތިޔާރުން ހަމަލާ ދީފައިކަމަށާއި އެކަމުގެ ސަބަބުން ޑޮކްޓަރުންނާއި ނަރުހުންނަށް ބޮޑެތި އަނިޔާތައް ލިބިފައިވާކަމަށެވެ. އަދި ޑަބްލިއުއެޗްއޯއިންވެސް ލުބުނާނުގައި ސިއްހީ ހިދުމަތްތެރިން މަރުވަމުންދާކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވާކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ.

