މުދައްރިސުންގެ ހިޔާލުތަކަށް އިހުތިރާމުކުރާ ސަގާފަތެއް އުފައްދަން މަސައްކަތް ކުރަން ޖެހޭ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފައްޔާޒް ވިދާޅުވީ މުދައްރިސުންނަކީ ގައުމަށް ކުރިމަތިވާ ކޮންމެ ގޮންޖެހުމެއްގައި ރައްޔިތުންނާ އެންމެ ގާތުން މަސައްކަތް ކުރާ ބަޔެއް ކަމަށެވެ. އެމީހުންނަކީ ވިސްނުންތެރިކަމާއި އޯގާތެރިކަން ފުރިހަމައަށް ލިބިފައިވާ ބައެއް ކަމަށާއި ތައުލީމީ ދާއިރާގެ މުހިންމުކަން ދެނެގަންނަން ޖެހޭ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ މުދައްރިސުންގެ ހިޔާލުތަކަށް އެކަށީގެންވާ އަހަންމިއްޔަތު ކަމެއް ދޭން ޖެހޭކަމަށެވެ. އެގޮތުން ސިޔާސަތުތައް އެކުލަވާލާ ފަރާތްތަކުން މުދައްރިސުންގެ ހިޔާލުތަކަށް އިހްތިރާމު ކުރާ ސަގާފަތެއް އުފެއްދުމަށް މަސައްކަތް ކުރުމަކީ މިއަދު ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

