އުމުރުން ދުވަސްވީ މީހުންނަށް އަމާޒުކޮށްގެން މަކަރާއި ހީލަތުގެ އަމަލުތައް ހިނގައި ސްކޭމްގެ މައްސަލަތައް ގިނަވެފައިވާކަން ފާހަގަކުރެވިފައިވާކަމަށް ފުލުހުން ބުނެފި އެވެ.
އެކި ނަންނަމުގައި ސްކޭމްތައް ހިންގުން އާންމުވެފައިވާއިރު، ފުލުހުންގެ މުވައްސަސާއިން އާންމު ކުރި ބަޔާނެއްގައި ބުނީ މަކރާއި ހީލަތުގެ މައްސަލަތަކެއްގައި އައު ގޮތެއްތަކެއް ހޯދައި ސްކޭމް ކުރަމުންދާކަން ފާހަގަކުރެވިފައިވާކަމަށެވެ.
އެގޮތުން، އުމުރުން ދުވަސްވީ މީހަކާ ދިމާވުމުން، ދަންނަ މީހެއްގެ ގޮތުގައި ތައާރަފުވެ، ދުވަސްވީ މީހުންގެ އިތުބާރު ހޯދުމަށްފަހު އެކި ތަންތަނަށް ގެންގޮސް، ދުވަސްވީ މީހުންގެ އަތުން ފޭރުމުގެ މައްސަލަތަކުގެ ގިނަ ރިޕޯޓު ލިބިފައިވާކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މިފަދަ އަމަލުތަކާއި މިފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތަކާމެދު ސަމާލުވުމަށް އިލްތިމާސްކޮށް ފުލުހުން ބުނެފައި ވަނީ އާންމު ރައްޔިތުންނަށް، ހާއްސަކޮށް އުމުރުން ދުވަސްވީ މީހުންނަށާއި އެ މީހުންގެ އާއިލާތަކުން ސަމާލުވާން އެދޭކަމަށެވެ.
މިފަދަކަމެއް ތުހުމަތު ކުރެވިއްޖެނަމަ ހޮޓްލައިން ނަންބަރު 3322111 އަށް ނުވަތަ އިމަޖެންސީ ނަންބަރު 119 އަށް ގުޅުއްވައި ރިޕޯޓު ކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.

