ދިވެހިރާއްޖޭގެ ސިޔާސީ ތާރީޚަށް ބަލާއިރު، އަޅުގަނޑުމެންގެ ޤައުމު ވަނީ ގިނަގުނަ ބަދަލުތަކަކާއި ކުރިމަތިލާފައެވެ. ޒަމާނުއްސުރެ ދިވެހިރާއްޖޭގައި ވެރިކަން ކުރަމުން އައީ ސުލްޠާނުންނެވެ. މި ނިޒާމުގެ ދަށުން، ވެރިކަމުގެ ބާރުތައް އެއްފަރާތެއްގެ އަތްމަތީގައި އޮތުމުގެ ސަބަބުން، ރައްޔިތުންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް އުފެދެން ފެށިއެވެ.
1932 ވަނަ އަހަރު ފުރަތަމަ ޤާނޫނުއަސާސީ އެކުލަވާލެވުނު ނަމަވެސް، ޙަޤީޤީ ބަދަލުތަކެއް އައީ 2008 ވަނަ އަހަރު އައު ޤާނޫނުއަސާސީ ތަޞްދީޤު ކުރެވުމާ ގުޅިގެންނެވެ. މި ބަދަލާއެކު، ސިޔާސީ ޕާޓީތަކުގެ ނިޒާމް ތަޢާރަފުވެ، ގިނަ ޕާޓީތަކެއް އުފެދި، ސިޔާސީ ވާދަވެރިކަން އިތުރުވެގެން ދިޔައެވެ.
ނަމަވެސް، މި ވާދަވެރިކަމާއެކު، ބައެއް ފަހަރު ސިޔާސީ ފިކުރުގެ ތަފާތުކަމުގެ ސަބަބުން ދެކޮޅުވެރިކަން އުފެދި، ޤައުމަށް ނޭދެވޭ އަސަރުތަކެއް ކުރިއެވެ. މިސާލަކަށް، ސިޔާސީ ހަމަނުޖެހުންތަކުގެ ސަބަބުން ޤައުމުގެ އިޤްތިޞާދަށް ލޮޅުން އެރި، ތަރައްޤީގެ މަޝްރޫޢުތައް ލަސްވެ، އަދި ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ރާއްޖޭގެ އަގު ވެއްޓިގެން ދިޔައެވެ.
އެހެންނަމަވެސް، އަޅުގަނޑުމެން ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ސިޔާސީ ހިޔާލު ތަފާތުވުމަކީ ދީމިޤްރާޠީ މުޖުތަމަޢުއެއްގެ ޞިއްޙަތު ރަނގަޅުކަން ދައްކުވައިދޭ ކަމެއް ކަމެވެ. އެހެންކަމުން، މި ތަފާތުވުންތަކަށް ދެކޮޅުވެރިނުވެ ކުރިއަށް ދިއުމަކީ މުހިންމު ކަމެކެވެ. މީގެ ޙައްލަކީ އެހެން މީހުންގެ ޚިޔާލުތަކަށް އިޙްތިރާމްކުރުމެވެ. ހަރުދަނާ ބަހުސްތަކާއި މަޝްވަރާތައް ކުރިއަށް ގެންދިއުމެވެ. ޤައުމީ މަޞްލަޙަތު އިސްކުރުމެވެ. ސުލްޙަވެރި އަދި ހަމަހަމަ އިންތިޚާބުތަކެއް ބޭއްވުމެވެ. ޤާނޫނުގެ ވެރިކަމަށް ބޯލަނބައި، ޑިމޮކްރަސީގެ އަސާސްތަކަށް ޙުރުމަތްތެރިކޮށް ހިތުމެވެ.
ކުރިމަގަށް ބަލާއިރު، އަޅުގަނޑުމެންގެ އުންމީދަކީ ސިޔާސީ ތަފާތުވުންތަކުގެ ތެރެއިން ވެސް އެއްބައިވަންތަކަމާއެކު ކުރިއަށް ދެވޭނެ މަގެއް ފެނިގެން ދިއުމެވެ. ސިޔާސީ ވާދަވެރިކަމުގައި ހިޔާލު ތަފާތުވިޔަސް، އެކަކު އަނެކަކަށް އިޙްތިރާމްކޮށް، ޤައުމީ ތަރައްޤީއަށް އެންމެން ގުޅިގެން މަސައްކަތްކުރުމަކީ މުހިންމު ކަމެކެވެ. މިގޮތަށް ޢަމަލުކުރެވިއްޖެނަމަ ދިވެހިރާއްޖެއަށް އުޖާލާ މުސްތަޤުބަލެއް ކަށަވަރުވެގެންދާނެއެވެ.
އަޅުގަނޑުމެންގެ ޤައުމުގެ ކުރިމަގު ބިނާވެގެންދާނީ މިއަދު އަޅުގަނޑުމެން އަޅާ ފިޔަވަޅުތަކުގެ މައްޗަށެވެ. ސިޔާސީ ވާދަވެރިކަމުގައި ހިޔާލު ތަފާތުވުންތައް ހުރިނަމަވެސް، އެއީ ދެކޮޅުވެރިކަމަށް މަގުފަހިވާ ކަމަކަށް ހަދައިގެން ނުވާނެއެވެ. ބަދަލުގައި، މި ތަފާތުވުންތަކަކީ ޤައުމީ ކުރިއެރުމަށް މަގުފަހިކޮށްދޭ ވަސީލަތެއްގެ ގޮތުގައި ދެކެން ޖެހެއެވެ.
ސިޔާސީ ލީޑަރުންނާއި ރައްޔިތުން އެންމެން ވެސް ގަބޫލުކުރަންޖެހޭ ޙަޤީޤަތަކީ ޤައުމުގެ މަޞްލަޙަތު އަބަދުވެސް އިސްކުރަންޖެހޭނެ ކަމެވެ. އަމިއްލަ ނުވަތަ ވަކި ޕާޓީއެއްގެ މަޞްލަޙަތަށްވުރެ ޤައުމީ މަޞްލަޙަތު މުހިންމުކަން ހަނދާންކުރަން ޖެހެއެވެ.
މިގޮތުން: ސިޔާސީ ޚިޔާލު ތަފާތުވުންތައް ބިނާކުރަނިވި ގޮތެއްގައި ކުރިއަށް ގެންދަން ޖެހެއެވެ. ޤައުމީ ތަރައްޤީގެ ކަންކަމުގައި އެއްބާރުލުން ދޭން ޖެހޭނެއެވެ. ޒުވާނުންގެ މެދުގައި ސިޔާސީ ހޭލުންތެރިކަން އިތުރުކުރަން ޖެހޭނެއެވެ. މީޑިއާގެ ދައުރު ޒިންމާދާރު ގޮތެއްގައި އަދާކުރުމަކީ ކޮންމެހެން ވެސް ކުރަން ޖެހޭނެ ކަމެކެވެ. މީގެއިތުރުން ކޮރަޕްޝަނާ ދެކޮޅަށް ގުޅިގެން މަސައްކަތްކުރުމަކީ ގައުމުގެ މާދަމާގެ މުސްތަގުބަލް ބިނާ ކުރެވެން ހަމައެކަނި މަގެވެ.
މި ކަންކަމަށް ސަމާލުކަން ދީގެން ކުރިއަށް ދެވިއްޖެނަމަ، ދިވެހިރާއްޖޭގެ ސިޔާސީ މަޝްރަޙު އިތުރަށް ހަރުދަނާވެ، ޤައުމީ ތަރައްޤީއަށް މަގުފަހިވެގެންދާނެއެވެ.
ނިންމާލަމުން ދަންނަވާނީ، ސިޔާސީ ވާދަވެރިކަމުގައި ހިޔާލު ތަފާތުވިޔަސް ދެކޮޅުވެރިވާކަށް ނުޖެހެއެވެ. އެއްބައިވަންތަކަމާއި އެކުވެރިކަމުގެ ރޫޙެއްގައި ކުރިއަށް ދިއުމަކީ ކޮންމެ ދިވެއްސެއްގެ ވެސް ޒިންމާއެކެވެ. އަޅުގަނޑުމެންގެ ތަފާތުތަކަކީ އަޅުގަނޑުމެންގެ ބާރެވެ. އެ ތަފާތުތަކުގެ ތެރެއިން ވެސް އެއްބައިވަންތަކަމާއެކު ކުރިއަށް ދެވޭނެ މަގެއް ހޯދައި، ދިވެހިރާއްޖެ އިތުރު ފަހި މުސްތަޤުބަލަކަށް ގެންދިއުމަށް މަސައްކަތް ކުރަމާ ހިންގަވާށެވެ.

