ރައީސް ޑރ މުހައްމަދު މުއިއްޒު ހުންނެވީ އިންޑިއާއިން ބުނެފި ހާލަތެއްގައި މުންޑެއް އަނދެއް ނިއްކުރީގައި ސިއްކަ ޖެހުމަށްވެސް ތައްޔާރަަށް ކަމަށް މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ރާއީ ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ހަރުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރާއީ ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުގައި ބައެއް ފިޔަވަޅުތައް އަޅަން ނިންމާފައިވަނީ ދިވެހިރާއްޖޭގެ މަސްލަހަތަށް ރިއާޔަތްކޮށްކަން މީގެ ކުރިންވެސް ހިއްސާކޮށްފައިވާނެކަމަށެވެ. އޭނާ ވިދާޅުވީ، އެ ދައުރުގައި ދިވެހިރާއްޖޭގެ ވަޒީރުން ހާރިޖީ މަސައްކަތްތައް ކުރަމުން އައީ ވަރަށް ރަނގަޅަށް ކަމަށެވެ،
ރާއީ ވިދާޅުވީ، މި ހުަސްވާ ހަފްތާގެ ހޯމަ ދުވަހަކީ ރަސްމީގޮތުން ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ފެށެން ޖެހޭ ދުވަސްކަމަށެވެ. އެހެންނަމަވެސް ޕީއެންސީއިންވަނީ އެ މަސައްކަތްތައް ކުރިއަށް އޮތް ހަފްތާގެ ތެރެއަށް ފަސްކޮށްފައިކަމަށާއި ފާހަގަކުރައްވާ އޭނާވަނީ އެގޮތަށް ކަން ކޮށްފައިވާ ސަބަބާއިމެދު ސުވާލު އުފައްދަވާފައެވެ.
އޭނާ ވިދާޅުވީ، އެކަން ކޮށްފައިވަނީ ރައީސް ޑރ މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން އެއްޗެއް އަތުޖެހޭތޯކަމަށާއި ކުރިއަށް އޮތީ ބަޖެޓު ބަހުސްކަމަށްވުމުން ހިމަނާ ކަންކަން ރައްޔިތުން ބަލަން ބޭނުންވާނެކަމަށެވެ. އެހެންކަމުން ޕީއެންސީއިން މަސައްކަތްކޮށްފައިވަނީ އެ ދަތުރުގައި އެއްބަސްވެވޭ ކަންތައްތައް ބެލުމަށްފަހު މަޖިލީހުގައި އެ ވާހަކަތައް ދެއްކުމަށްކަމަށްވުމުން ލަސްކޮށްލީކަމަށެވެ.
ރާއީ ވިދާޅުވީ، މިފަދަ ކަމެއް މީގެ ކުރިން ތާރީހުގައިވެސް ކޮށްފައިނުވާނެކަމަށާއި ރައީސްއަކު އަވައްޓެރި ގައުމަކާއި ގުޅޭގޮތުން އެވަރަށް ވާހަކަތައް ދައްކަން ނުވާނެކަން އެމްޑީޕީއިން ބުނަމުން އައިސްފައިވާނެކަމަށެވެ. އޭނާ ވިދާޅުވީ، ހުރިހާ ކަމެއް ފެނިފައިވާކަމަށާއި މިއަދު ރައީސް ހުންނެވީ އެ ގައުމުން ބޭނުންވެއްޖެ ހާލަތެއްގައި މުންޑެއް އަނދެ ނިއްކުރީގައި ސިއްކައެއްވެސް ޖެހުމަށް ތައްޔާރަށްކަމަށެވެ.
އެހެންކަމުން މިއީ ވަރަށް ތަކުލީފާއި ވޭނުގައި މަސައްކަތްކުރަމުންދާ ސަރުކާރެއްކަމަށާއި މިގޮތަށް ހިނގަމުންދާ ސަރުކާރަކަށް ރައްޔިތުން ހިތްހަމަޖެއްސުމަށް ކަމެއް ނުކޮށްދެވޭނެކަމަށެވެ. ރާއީ ވިދާޅުވީ، ދޮގު ހެދުމުގެ ވާހަކައަކީ އުފަންވީއްސުރެ ދަރިންކައިރީގައިވެސް ދައްކާ ވާހަކައެއްކަމަށެވެ. އޭނާ ވިދާޅުވީ، އެއްވެސް ބައެއްގެ މައިންބަފައިން އެބަޔަކު ގޮސް މީހުން ކައިރީ ދޮގު ހަދަން ބޭނުން ނުވާނެކަމަށްވީނަމަވެސް ރާއްޖޭގައި ފެނިގެންދަނީ ވެރިޔަކަށް ހުންނެވި ފަރާތުން ދޮގަކީ އާންމު އެއްޗަކަށް ހަދަމުންދާ މަންޒަރުކަމަށާއި އެއީ އަންމު ކަމެއްގެ ގޮތުގައި ވެއްޖެ ހާލަތެއްގައި އެ ގައުމަކަށް ކުރިއެރުމެއް ނުލިބޭނެކަމަށް ފާހަގަކުރެއްވިއެވެ.

