ސައިބަރ ސެކިއުރިޓީ ތްރެޓް ލެވެލް ހުރީ ނުހަނު ކަންބޮޑުވާ ހިސާބެއްގައި ކަމަށާއި ސައިބަރ ހަމަލާތަކުން ރައްކާތެރިވުމަށްޓަކައި ބޮޑެތި ގައުމުތަކުން ކުރާ މަސައްކަތްތައް ރާއްޖެއިންވެސް ކުރަންޖެހޭ ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފިއެވެ.
ސައިބަރ ސެކިއުރިޓީ އާއި ނޭޝަނަލް އާޓިފިޝަލް އިންޓެލިޖެންސްއާ ގުޅޭ ގޮތުން ބޭއްވި ސިމްޕޯސިއަމްއާ ގުޅިގެން ވާހަކަދައްކަވަމުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. ކިނާނަތު ވިދާޅުވީ، މި ސިމްޕޯޒިއަމްގައި ސަރުކާރުގެ އެކި މުއައްސަސާތަކުން ޓެކްނިކަލް އަދި ނޮން-ޓެކްނިކަލް ބޭފުޅުން ބައިވެރިވެފައިވާ ކަމަށެވެ.
”ސައިބަރ ހަމަލާތަކުން ރައްކާތެރިވުމަށްޓަކައި ބޮޑެތި ގައުމުތަކުން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ރާއްޖެއިންވެސް ކުރަން ޖެހޭ,“ ޑރ. ކިނާނަތު ވިދާޅުވިއެވެ. އިތުރަށް ވިދާޅުވީ، އާޓިފިޝަލް އިންޓެލިޖެންސް ޓެކްނޮލޮޖީގެ މުހިންމުކަމާއި، ދުނިޔޭގެ ކޮންޓެކްސްޓްގައި އޭއައި ޓެކްނޮލޮޖީ ގޮސްފައިވާ ހިސާބު ފާހަގަކުރަން ބޭނުންވާ ކަމަށެވެ.
ސްޓޭޓް މިނިސްޓަރ އިތުރަށް ވިދާޅުވީ، ރާއްޖޭގައިވެސް ކުރިއަށް އޮތް ތަނުގައި އޭއައި ބޭނުންކޮށްގެން ސިސްޓަމްތައް ޑިޒައިންކުރެވެން ޖެހޭ ކަމަށެވެ. އަދި ނޭޝަނަލް ސެންޓަރ ފޯ އިންފޮމޭޝަން ޓެކްނޮލޮޖީ (އެންސީއައިޓީ) އިން އޭއައި އާ ބެހޭ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގައި، އޭގެ މުހިންމުކަން ރައްޔިތުންނަށް އަންގައިދޭން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
ކޮންމެ އަހަރެއްގެ އޮކްޓޯބަރު މަހަކީ އިންޓަރނެޓް މެދުވެރިކޮށް ހިންގާ ކުށްތަކާމެދު ހޭލުންތެރިކުރުވުމަށް ފާހަގަކުރާ މަހެވެ. މި މަހުގެ ތެރޭގައި ރައްޔިތުން ހޭލުންތެރިކުރުވުމަށް އެކި ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ވަނީ ނިންމާފައެވެ.
މިގޮތުން، އެންސީއައިޓީން ވަނީ ނޭޝަނަލް އާޓިފިޝަލް އިންޓެލިޖެންސްއާއި ސައިބަރ ސެކިއުރިޓީއަށް ހޭލުންތެރިކުރުވުމަށް ސިމްޕޯޒިއަމްއެއް ކުރިއަށް ގެންގޮސްފައެވެ. މިއީ އެންސީއައިޓީން މި ސިމްޕޯޒިއަމް ކުރިއަށް ގެންދިޔަ 3 ވަނަ ފަހަރެވެ.

