ކައުންސިލްތަކަށް ރައްޔިތުން ކުރާ އިތުބާރު ގެއްލުވާލުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ގެންދާކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
ފައްޔާޒް މިފަދައިން ވިދާޅުވީ ހދ ކުޅުދުއްފުށީގައި އެމްޑީޕީއިން ކުރިއަށް ގެންދާ ”ލާމަރުކަޒީ ގުޅުން“ ކޮންފަރެންސްގެ ތެރެއިން ބޭއްވި ޕެނަލް ޑިސްކަޝަނެއްގައި ވާހަކަދައްކަވަމުންނެވެ.
ފައްޔާޒް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކައުންސިލްތަކުގެ ބާރު ކަނޑުވާލުމުގެ މަސައްކަތްތައް ސަރުކާރުން ކުރަމުންދާކަމަށެވެ. ހަރަދު ކުޑަ ކުރުމުގެ ނަމުގައި ކައުންސިލަރުންގެ އަދަދު މަދުކުރުމަށް ސަރުކާރުން މަސައްކަތް ކުރަނީވެސް އެ މަގްސަދުގައިކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
އަޅުގަނޑުމެންގެ ވިސްނުން އޮތީ ހަމަ މިހާރު އޮތް ގޮތަށް ކައުންސިލަރުންގެ އަދަދު ވެސް، ޑަބްލިއުޑީސީގެ މެމްބަރުން ވެސް އަދި ޑަބްލިއުޑީސީގެ މެމްބަރުންނަކީ ވެސް ފުލްޓައިމް ބައެއްގެ ގޮތުގައި ބޭތިއްބުން.
ކައުންސިލްތަކުން ބޭކާރު ހަރަދު ކުރާކަމުގެ ވާހަކައާއި، ކައުންސިލްތަކުގައި ކޮރަޕްޝަން އޮތްކަމަށް ބުނެ ސަރުކާރުން ވާހަކަދައްކަނީ، ކައުންސިލްތަކާއިމެދު ރައްޔިތުންގެ ހިތްތަކުގައި ނުބައި ތަސައްވުރެއް އުފެއްދުމަށްޓަކައިކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ސަރުކާރުން މިހެން ދައްކާ ދޮގުވާތަކުގެ ހަގީގަތް ރައްޔިތުންނާއި ހަމައަށް ގެނެސްދީ، ކައުންސިލަރުންގެ އިހުލާސްތެރިކަން ރައްޔިތުންނަށް ބަޔާންކޮށްދިނުމަށްޓަކައި، އެމްޑީޕީއިން ބައެއް ކަންކަން ރާވަމުން ގެންދާކަމަށް ފާހަގަކޮށް ފައްޔާޒް ވިދާޅުވީ، ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން މިހެން ކުރާ މަސައްކަތްތައް ހުއްޓުވުމަކީ ދަތިކަމެއްކަމަށެވެ. އެއީ މަޖިލީހުގައި ޕީއެންސީގެ ސުޕަރ މެޖޯރިޓީ އޮތުމުންކަމަށް އޭނާ ވިދާޅުވިއެވެ.

