ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖިހާދު ރާއްޖެ ވަޑައިގަތުމުން ދައުވާތައް ބޭރުކޮށްލި އަނެއްކާވެސް ހައި ކޯޓަށް

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ވާހަކަ ދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

މިހާރު ދިރިއުޅުއްވާ އެޑްރެސް ސާފު ނުވާތީ ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ދައުލަތުން ހުށަހެޅި ދައުވާތައް ހައިކޯޓުން އަނބުރާ ފޮނުވާލި މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން އަލުން ހުށަހަޅައިފި އެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފުގެ މައްސަލަ މިދިޔަ މަހުގެ 27 ގައި އަނބުރާ ފޮނުވާލާފައި ވަނީ، ޖިހާދު ދިރިއުޅުއްވާ ގޭގެ އެޑްރެސް ސާފު ނުކުރެވޭތީ ޗިޓު ހަވާލު ނުކުރެވިގެންނެވެ. ޕީޖީ އޮފީހުން ފޮނުވި އެޑްރެހުގައި ޖިހާދު ދިރިނޫޅުއްވާކަމަށް އެ ގެއަށް ޗިޓު ހަވާލު ކުރަމަށް ދިއުމުން ބުނެފައި ވާތީ މައްސަލަ ބޭރުކޮށް ހައިކޯޓުން ބުނީ އެ އިންތިޒާމު ހަމަޖައްސައި، އޭނާ ދިރިއުޅޭ ގެ ސާފު ކުރުމަށް ފަހު މައްސަލަ އަލުން ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

އެނގިފައިވާ ގޮތުގައި ޖިހާދުއަށް ކުރިން ޗިޓު ހަވާލު ކުރެވިފައި ނުވަނީ ރާއްޖެއިން ބޭރުގައި ހުންނެވުމުންނެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ”ސަންގު“ އަށް ވިދާޅުވީ ޖިހާދު މިދިޔަ ހޯމަ ދުވަހު ރާއްޖެ ވަޑައިގަނެފައިވާކަމަށް ފުލުހުންގެ ފަރާތުން އަންގާފައި ވާތީ، އެ މައްސަލައިގެ ލިޔެކިއުންތަކާއި އެކު ދައުވާތައް ހައިކޯޓަށް ހުށަހެޅީ އިއްޔެ ކަމަށެވެ.

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝިއަލް ސާވިސް އޮތޯރިޓީގެ ޗެއާމަންގެ މަގާމުގައި ހުންނެވި ޖިހާދުގެ މައްޗަށް ދައުވާ ކުރީ އޭނާގެ ފިނޭންސް މިނިސްޓަރުކަމުގައި 2013 ވަނަ އަހަރު ފުށިދިއްގަރުފަޅުގެ އެއްބަސްވުމުގައި ސޮއި ކުރި މައްސަލައިގަ އެވެ.

ދައުލަތަށް ފައިދާވާން އޮތްކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރުމުގެ ދައުވާ ޖިހާދުގެ މައްޗަށް ކުރީ ފުށިދިއްގަރުފަޅު ތަރައްގީ ކުރުމަށް ސަރުކާރާއި ބޭރުގެ ކުންފުންޏެއް ގުޅިގެން ކޮއިންޓް ވެންޗާ ކުންފުންޏެއް އުފެއްދިއިރު ލަފައާއި ހިލާފަށް ދިވެހި ސަރުކާރުގެ ހިއްސާއަކީ 25 އިންސައްތަކަމަށް އެއްބަސްވުމުގައި އޮއްވައި ސޮއިކުރިކަމަށް ބުނެއެވެ.

އެކަމަކު މި މައްސަލަ ކުރިޔަށް ނުގެންދެވޭނެކަމަށް، ކްރިމިނަލް ކޯޓުން ނިންމާފައި ވަނީ އެ މައްސަލަ ކުރިޔަށް ގެންދިއުމާއި މެދު މަދަނީ މިންގަނޑުން ބެލުމަށްފަހު އެވެ. އެއީ ތަހުގީގު މަރުހަލާގައި ގާނޫނީގޮތުން ގޯސްތަކެއް ހަދާފައި ހުރުމުގެ ސަބަބުންކަމަށް ނިންމުމުގައި ވެއެވެ.

ގާޒީ ހުސެއިން ފާއިޒް ރަޝާދުގެ އެ ނިންމެވުމުގައި ބުނެފައި ވަނީ، މިދިޔަ ސަރުކާރުން އެކުލަވާލި އެސެޓް ރިކަވަރީ ކޮމިޝަނުން މައްސަލަ ބެލީ ކުރިން އެންޓި ކޮރަޕްޝަން ކޮމިޝަނުން އެ މައްސަލަ ބަލައި ނިންމާފައިވަނިކޮށްކަމަށެވެ. އަދި މައްސަލަ އަލުން ބެލި ސަބަބެއް ބުނެދެވިފައި ނުވާކަމަށް އެ ނިންމުމުގައި ވެއެވެ.

މީގެއިތުރުން މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރުގެ ބަހަށް ތަހުގީގު މަރުހަލާގައި ބަލާފައިވާކަމަށާއި އޭނާއަކީ ޝައްކުގެ މަހައްލުގައި ހުރިމީހެއްކަމަށް ބުނެފައި ވެއެވެ. އަދި އޭނާގެ ބަހުގެ ތެދުކަން ކަށަވަރު ކުރުމަށް ވެސް މަސައްކަތްކޮށްފައި ނުވާކަމަށް ދަށު ކޯޓުގެ ނިންމުމުގައި ވެއެވެ.

ދައުލަތުން މި މައްސަލަ ހައިކޯޓަށް ހުށަހެޅީ ވެސް، ކްރިމިނަލް ކޯޓުގެ ނިންމުމާއި މެދު އަމަލު ކުރާނެ ގޮތުގެ ދިރާސާ ކުރުމަށް ގިނަ ދުވަސްތަކެއް ނެގުމަށް ފަހު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: