މޯލްޑިވްސް އިމިގްރޭޝަނުން ހުޅުމާލެ ފޭސް 1 ގައި ހިންގި އޮޕަރޭޝަނެއްގައި 3 ކެފޭއެއް ބަލައި ފާސްކޮށް، ޤަވާއިދާ ޚިލާފަށް މަސައްކަތްކުރަމުންދިޔަ 2 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
އިމިގްރޭޝަނުން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައި ބުނެފައިވާ ގޮތުގައި، މި އޮޕަރޭޝަނަކީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގުނު އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގައި ހުޅުމާލެ ފޭސް 1 ގައި ހިންގަމުންދާ 3ދާ 3 ޓޭކްއަވޭ/ކެފޭއެއް ބަލައި ފާސްކޮށްފައިވެއެވެ.
ރާއްޖޭގައި ދިމާވެފައިވާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް އިމިގްރޭޝަނުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަކަން ފާހަގަކުރެވެއެވެ. މިގޮތުން، އިމިގްރޭޝަނުން ފަށާފައިވާ ރެއިޑް އޮޕަރޭޝަންތަކުގެ ތެރެއިން މިހާތަނަށް މާލެ އާއި ހުޅުމާލޭގެ ގިނަ އަދަދެއްގެ ތަންތަން ބަލައި ފާސްކޮށް، ޤަވާއިދާ ޚިލާފަށް އުޅޭ އެތައް ބިދޭސީންނެއް ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
އިމިގްރޭޝަނުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، 2022 ވަނަ އަހަރުގެ ނޮވެމްބަރު 17 އިން ފެށިގެން މިހާތަނަށް 4,000 އަށްވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓުކޮށްފައެވެ. މީގެ އިތުރުން، ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި، ސައްހަ ވިޒާއެއް ނެތި ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންނާއި، އެކިއެކި ކުށްތަކަށް އަރައިގަނެފައިވާ ބިދޭސީންނާ ދެކޮޅަށް ސަރުކާރުގެ ހުރިހާ އިދާރާއެއް ގުޅިގެން ޚާއްޞަ މަޝްރޫޢުއެއް ކުރިއަށް ގެންދެއެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި، ގަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކުރަމުންދާ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް އެފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅިގެންދާނެއެވެ. މި މަސައްކަތުގެ ތެރެއިން ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް މުޅި ރާއްޖޭގައި މިހާރުވެސް ދަނީ ކުރިއަށެވެ.

