“އިމިގްރޭޝަން ވޮޗް” އަށް އެންމެ ގިނައިން ހުށަހަޅާއިފައިވަނީ، ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް ވިޔަފާރިކުރާ ބިދޭސީންގެ މައްސަލަތައް ކަމުގައި އިމިގްރޭޝަނުން ހާމަކޮށްފި އެވެ.
އިމިގްރޭޝަނުން ހިއްސާކުރެއްވި ތަފާސް ހިސާބުތަކުން ދައްކައި ގޮތުގައި، މި އަހަރުގެ ޖުލައިމަހުގެ 17 އިން ފެށިގެން އޮކްޓޯބަރ މަހު 17 ވަނަ ދުވަހާއި ހަމައަށް އިމިގްރޭޝަން ވޮޗަށް ހުށަހެޅި ޖުމްލަ 840 މައްސަލައެވެ. އެގޮތުން ރާއްޖޭގައި ޤަވައިދާ ޚިލާފަށް ވިޔަފާރިކުރަމުން އަންނަ 221 މީހެއްގެ މައްސަލަ އިމިގްރޭޝަން ވޮޗަށް ވަނީ ހުށަހަޅައިފައެވެ. އަދި ވޯކް ވިސާއާއި ޚިލާފަށް ރާއްޖޭގައި ޙަރަކާތްތެރިވާ ބިދޭސީންގެ 206 މައްސަލައެއް ވަނީ ހުށަހަޅައިފައެވެ.
އެގޮތުން އިމިގްރޭޝަނުން ހާމަކުރި ގޮތުގައި އިމިގްރޭޝަނަން ވޮޗަށް ފާއިތުވި ތިން މަސްދުވަހުގެ ތެރޭގައި ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 596 މައްސަލައަކަށް އިމިގްރޭޝަނުން އެޓެންޑްވެފައިވާއިރު އޭގެ ތެރެއިން ގުޅުންނެތް 174 މައްސަލައެއް ވަނީ ފާހަގަކުރެވިފައެވެ. އަދި އިތުރު 70 މައްސަލަ ވެރިފައިކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.
އިމިގްރޭޝަން ވޮޗަށް ހުށަހަޅައިފައިވާ ބިދޭސީންގެ އިތުރު މައްސަލަތަކަށް ބަލާއިރު:
- ގެއްލިގެން ހޯދަމުންދާ މީހުން -32
- ވަޒީފާދޭ ފަރާތުގެ އެއްބަސްވުމާ ޚިލާފުވުން – 9
- ޓޫރިސްޓް ވިސާއާ ޚިލާފުވުން – 10
- ހަށިވިއްކުން – 50
- ކަޅު ބާޒާރުގައި ޑޮލަރު ވިޔަފާރިކުރުން – 7
- ޑްރަގް ޓްރެފިކިންގ – 9
- އިންސާނީ ވަގުފާރި – 7
- ބޯޑަރ އިންޓެލިޖެންސް – 3
- ވަގު ލިޔެކިޔުން ބޭނުންކުރުން – 2
“އިމިގްރޭޝަން ވޮޗް” އަކީ އިމިގްރޭޝަނާ ގުޅުންހުރި ކަންތައްތައް ރިޕޯޓްކުރުމަށް އާންމުންނަށް ފުރުސަތު ލިބިގެންދާނެ ޕްލެޓް ފޯމެކެވެ. އެގޮތުން، މި ޕްލެޓްފޯމުން ކޮންމެ ފަރާތަކަށްވެސް ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީއެއްގެ މައްސަލަ ރިޕޯޓް ކުރެވިދާނެއެވެ. ސަރުކާރުން އަމާޒުހިފާފައިވަނީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ހިންގާ އޮޕަރޭޝަން ރާއްޖޭގެ ހުރިހާ ރަށަކަށް ފުޅާކުރުމެވެ. އަދި ރާއްޖޭގަތިބި ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއް ޑޭޓާބޭސްއަކަށް ގެނެސް ބިދޭސީންގެ މައްސަލަތައް 3 އަހަރުގެތެރޭ ޖުމްލަ ޙައްލެއް ގެނައުމަކީވެސް ސަރުކާރުގެ އަމާޒެކެވެ.

