ކުރޫ ބަދަލުކުރަން އައި ބޯޓަކަށް ފެން އެޅުމުން ސަރުކާރުން ބޮޑުބެރުޖަހައި ކުރުނބާ ބޯންދިންކަމަށް ބުނެ އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާޙިމް ނާޒިލް ބަންކަރިންގެ ހިދުމަތްތަކަށް ފާޑުވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ހަރުގެ ޖަލްސާގައި ނާޒިލް ވިދާޅުވީ، މިފަހުން އެމްޑީޕީ ކުރި ދަތުރުތަކުގެ ތެރެއިން ސަރުކާރުން ފަށާފައިވާ ބަންކަރިންގެ ހިދުމަތް ކުރިއަށްދާ ގޮތުގެ ތަފްސީލު އޭނާ ހޯދިކަމަށެވެ. އަދި ވިދާޅުވީ ބަންކަރިން ފެށި ސަރަހައްދުގައި ދިރިއުޅޭ ރަށްތަކުގެ ރައްޔިތުން އެ ހިދުމަތަށް ފާޑުކިޔާކަމަށާއި، އޭގެ ސަބަބުން ވާނެ ފައިދާއެއް ނެތްކަމަށް ރައްޔިތުން ގަބޫލު ކުރާކަމަށެވެ.
ބަންކަރިންގެ ހިދުމަތަށްކަމަށް ބުނެ ސަރުކާރުން ގެނައި ބޯޓުގައި އެއްވެސް މަސައްކަތެއް ނުކޮށް އޮތް އިރު، އެ ސަރަހައްދަށް މިހާރު އެއްވަނީ މާނިޔަ މަސްކަމަށް މަޒާޖީ މޭރުމަކުން ދެއްކެވި ވާހަކައިގައި ނާޒިލް ވިދާޅުވި އެވެ. ނާޒިލް ވިދާޅުވީ ބަންކަރިންގެ ހިދުމަތް ފެށިތާ މަހެއް ވެގެން ދިޔައިރު މިހާތަނަށް އައީ އެންމެ އުޅަނދެއްކަމަށާއި އެއީ ކްރޫއިން ބަދަލު ކުރުމުގެ ބޭނުމަށް އައި ބޯޓެއް ކަމަށެވެ.
މީގެއިތުރުން ނާޒިލް ވިދާޅުވީ، ކުރޫއަކު ބަދަލުކުރަން އައިސް ބޯޓަށް ފެން އަޅުމުން ސަރުކާރުން އެކަން ފާހަގަކުރީ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ކަމަށެވެ. އަދި ބޮޑުބެރު ޖެހުމުގެ ހަރަކާތްތައް ބާއްވައި، ކުރުނބާ ވެދެން ކުރިއިރު އެއީ ރައްޔިތުންގެ ލޮލުގައި އަނދުން އެޅުވުން ކަމަށެވެ. އަދި ވިދާޅުވީ، މި މަސައްކަތްތަކަށް 4 މިލިއަން ހަރަދުކުރާނެއިރު 400 މިލިއަން ލިބޭނެކަމަށް ބުނާކަމަށާއި އެއަށްވުރެ ބޮޑު ވިޔަފާރީގެ ފައިދާއެއްވިކަމަށް ދުނިޔޭގެ އެއްވެސް ބަޔަކު ނުދައްކާކަމަށެވެ. ސަރުކާރުން ދައްކަމުންދަނީ 4 މިލިއަންގެ ބަދަލުގައި އަހަރެއްގެ މައްޗަށް 400 މިލިއަން ހޯދާ ވާޙަކަ ކަމަށާއި އެހެންކަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދަކީ ކިހާ ގާބިލު ފަރާތެއް ތޯ ނާޒިލް ސުވާލު އުފެއްދެވިއެވެ.
ނާޒިލް ވިދާޅުވީ، ރައީސް މުއިއްޒުގެ ގާތް ބޭފުޅުން ނުވަތަ ވަޒީފާ ދެވޭ ފެންވަރުގެ ބޭފުޅުން ކުރު ކޯހެއް ހަދަންޖެހޭކަމަށެވެ. އޭނާ ވިދާޅުވީ، އެއީ ދޮގު ހަދުމުގެ ކޯހެއްކަމަށާއި އެ ކޯސް ފުރިހަމަ ނުކުރާ ހިނދު ވަޒީފާ ނުލިބޭނެކަމަށެވެ. އެގޮތުން މިހާރު އެ ކޯސް ފުރިހަމަ ނުކުރާ 228 މީހަކު ހުރިކަން ފެނިގެންދާކަމަށާއި ކަނޑާލާއިރަށް ކޯސް ފުރިހަމަ ކުރާނެކަމަށް ބުނާއިރަށް އަލުން ވައްދާކަމަށެވެ.

