ޑިޖިޓަލް އީޖާދީ ވިސްނުންތަކުގެ އެންމެ ކުރީގައި ތިބީ ޒުވާނުންކަމަށާއި، ޑިޖިޓަލް ދާއިރާ ކުރިއަރައިގެން ދިއުމުގެ އެންމެ ކުރީގައި ތިބީ ވެސް ޒުވާނުންކަމަށް ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެއެވެ.
ސަރުކާރާއި މަދަނީ ޖަމިއްޔާތައް އަދި އަމިއްލަ ފަރާތްތަކާއި ތައުލީމީ ދާއިރާ އަދި ޓެކްނޮލޮޖީ ދާއިރާގެ މަންދޫބުން އެއްވެ ކުރިޔަށް ގެންދާ އިންޓަނެޓް ގަވަނަންސް ފޯރަމް ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި ފައިދާ ކުރާނެ މައުލޫމާތުތައް ހޯދައި، އުނގެނުމަށް މިފަދަ ފޯރަމްތައް ނުހަނު ބޭނުންތެރިކަމަށެވެ. ހާއްސަކޮށް ޓެކްގެ ދާއިރާގެ ތެރޭގައި މަސައްކަތް ކުރާ ޒުވާނުންގެ ހުނަރު ކުރިއެރުވުމަށް މަސައްކަތް ކުރާއިރު، އެފަދަ ޒުވާނުންނަށް ފުރުސަތު ދިނުމަށް އިސްކަން ދޭން ޖެހޭކަމަށް ވިދާޅުވި އެވެ.
އަސްވާޑު ވިދާޅުވީ ޑިޖިޓަލް އީޖާދީ ވިސްނުންތަކުގެ އެންމެ ކުރީގައި ތިބީ ޒުވާނުންކަމަށާއި ޑިޖިޓަލް ދާއިރާ ކުރިއަރައިގެން ދިއުމުގެ އެންމެ ކުރީގައި ތިބި ބަޔަކީ ވެސް އެއީކަމަށެވެ.
އިންޓަނެޓަކީ ރައްކާތެރި ވަސީލަތަކަށް ހެދުމަށް އިސްކަން ދޭން ޖެހޭކަން ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ ޑިޖިޓަލް މާހައުލެއް ކުރިއެރުވުމަށްޓަކައި އިންޓަނެޓްގެ ފައިދާހުރި ގަވަނަންސް މުހިންމު ކަމަށެވެ.
މީގެއިތުރުން މިނިސްޓަރ ވިދާޅުވީ ޑިޖިޓަލް ޓެކްނޮލޮޖީ ކުރިއެރުވުމުގައި ރާއްޖެ ވަނީ ފާހަގަކޮށްލެވޭ ގިނަ ކާމިޔާބީތައް ހޯދާފައިކަމަށާއި، އިންޓަނެޓު ބޭނުން ކުރާ އާބާދީ އިތުރުވެ ސަރުކާރުގެ ހިދުމަތް ދިނުމުގައި ވެސް އެ ޕްލެޓްފޯމު ހިޔާރު ކުރަމުންދާކަމަށެވެ. އެހެން ނަމަވެސް ސްކޭމްތައް ގިނަވެ، ދިމާވާ ގޮންޖެހުމުގެ ތެރޭގައި ގޯސް މައުލޫމާތު ފެތުރުމާއި ނަފްރަތު އުފެދޭ ގޮތަކަށް ފުރައްސާރަ ކުރުން ހިމެނޭކަމަށް ފާހަގަކުރެއްވި އެވެ.
އަސްވާޑު ވިދާޅުވީ އިންޓަނެޓަކީ ޒުވާނުންނާއި ޓެކްނެޓްވޯކް ބާރުވެރިކޮށްދިނުމަށް ފައިދާ ހުރި ޕްލެޓްފޯމަކަށް ވެގެންދާނެކަމަށާއި މިއީ ފައިދާ ހުރި އެންމެންގެ ޝާމިލުވުމާއި އިލްމާއި ހުނަރު ފެނިގެންދާ ޕްލެޓްފޯމަކަށް ވެގެންދާނެކަމަށެވެ.
މިއަދު ފެށި ފޯރަމްއާއި ގުޅޭގޮތުން އަސްވާޑު އިތުރަށް ވިދާޅުވީ މިފަދަ ޕްލެޓްފޯމެއްގެ ބޭނުމަކީ ތަފާތު ފަންތީގެ ފަރުދުންގެ ޓެކް ކޮމިއުނިޓީއެއް އުފެއްދުންކަމަށްވުމާއި އެކު ފޯރަމްގައި، ހުށަހެޅޭ ކަންކަމަށް މަޝްވަރާކޮށް ވިސްނުންތައް ހިއްސާ ކުރެވޭނެކަމަށް އުންމީދު ކުރާކަމަށެވެ.
ނިންމަވާލައްވަމުން ޒުވާނުންނަށް އަސްވާޑު ދިން މެސެޖަކީ ޑިޖިޓަލައިޒްވެފައި އޮތް ދުނިޔެއެއްގައި ޕްރޮޑަކްޓިވްވެ، މިފަދަ ފޯރަމްތައް މެދުވެރިކޮށް ތަފާތު އަޑުތައް އިވޭ ޑިޖިޓަލް ލޭންޑްސްކޭޕެއް ތަސައްވުރު ކުރުމެވެ.

