ސީރިއާގެ ހަނގުރާމައިގެ މައިދާނުގައި ތިބެ، ހާލުގައި ޖެހިގެން އަނބުރާ ރާއްޖެ ގެނެސް ރީ އިންޓަގްރޭޝަން ޕްރޮގްރާމަށް ސެންޓަރުގައި ބެހެއްޓި މީހުންގެ ތެރެއިން 19 މީހަކު އިތުރު ހަ މަސް ދުވަހު ބަހައްޓަން ހޯމް މިނިސްޓްރީން ނިންމައިފި އެވެ.
ރީ އިންޓަގްރޭޝަން ސެންޓަރުގައި ފަރުވާ ދޭނީ ވިކްޓިމްއެއްގެ ގޮތުގައި ކަނޑައެޅޭ މީހުންނަށެވެ. މިއީ ޓެރަރިޒަމް ގާނޫނުގައި ބަޔާން ކުރާ ހަނގުރާމަވެރި ސަރަހައްދުތަކުން ނުވަތަ އެފަދަ ސަރަހައްދަކުން އަނބުރާ އަންނަ ނުވަތަ ގެނެވޭ މީހުން މުޖްތަމައުއަށް ނިކުތުމުގެ ކުރިން ޕްރޮގްރާމް ހިންގުމަށް ކަނޑައަޅާފައިވާ މަރުކަޒެކެވެ.
އޮޅުވާލައިގެންނާއި، އެ ނޫން ވެސް ގޮތްގޮތުން ސީރިއާއަށް އެތެރެވި ދިވެހިންގެ ޖުމްލަ އަދަދު މިހާތަނަށް އައިއިރު ދެނެގަނެވިފައި ނުވެ އެވެ. ގިނަ ބަޔަކު ހަނގުރާމައިގެ ތެރޭގައި މަރުވެފައިވާއިރު، އެތައް ބަޔަކު ހާލުގައި ޖެހުމުގެ ސަބަބުން އެނބުރި އައުމަށް ބޭނުންވެ އެވެ. މީގެ ތެރޭގައި ގިނައީ، ހަނގުރާމައަށް ދިއުމުގެ ގޮތުން އޮޅުވާލައިގެން ނުވަތަ ދާތަނެއް ނޭނގި އެތެރެވި މީހުންނެވެ.
ރާއްޖެއަށް އެންމެ ފަހުން ގެނައި އާއިލާތަކުގެ މައުލޫމާތުތައް ދިން ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމް މިނިސްޓަރ އަލީ އިހުސާން ވިދާޅުވެފައި ވަނީ ރާއްޖެއަށް އަންނަން ބޭނުންވެގެން 90 މީހަކު އެދިފައިވާކަމަށެވެ. އަދި އޭގެ ތެރެއިން މައުލޫމާތުތައް ސާފުކުރުމަށް ފަހު އަނބުރާ ގެނައީ 21 މީހެކެވެ.
މިދިޔަ ޖެނުއަރީ މަހު ގެނައީ 15 ކުޑަކުދިންނާއި، ފަސް އަންހެނަކާއި ފިރިހެނެކެވެ. އެ އެންމެން ވެސް ތިބީ ކ. ހިންމަފުށީގައި ގާއިމުކޮށްފައިވާ ރިހެބިލިޓޭޝަން ސެންޓަރުގަ އެވެ.
ރިހިބިލިޓޭޝަންގައި އިތުރު މުއްދަތަކަށް އެ މީހުން ބޭތިއްބުމަށް ނިންމާފައި ވާތީ، ”ސަންގު“ އިން ސުވާލު ކުރުމުން ހޯމް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މީހުންނަށް އޭރު ދިން ހަ މަސް ދުވަހުގެ މުއްދަތު އޮގަސްޓު މަހު ހަމަވުމުން އިތުރު ހަ މަސް ދުވަހަށް ތިބޭ ގޮތަށް އިތުރުކޮށްފައިވާނެ ކަމަށެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިިކަމުގައި ހާލުގައި ޖެހުނު އާއިލާއެއް އަނބުރާ ގެނެސް ރިހިބިލިޓޭޝަން ސެންޓަރެއްގައި ބެހެއްޓި އެވެ. އެއީ އަންހެނަކާއި އޭނާގެ ދެކުދިންނެވެ. އެ އާއިލާ ވެސް ޕްރޮގްރާމް ފުރިހަމަކޮށް މުޖްތަމައުގެ ތެރޭގައި އުޅެމުންދެ އެވެ.
އެ ސަރަހައްދުން ގެނައި ބައެއް އާއިލާތައް ރިހިބިލިޓޭޝަން ފުރިހަމަކޮށް މުޖްތަމައުގެ ތެރޭގައި އުޅެމުން ދެއެވެ.
ދިވެހި ސަރުކާރުން ތުރުކީއަށް ކުރެއްވި ދަތުރުފުޅުގައި އެ ސަރައްދުގައި ތިބި ދިވެހިން ވީހާވެސް އަވަހަށް ރާއްޖެ ގެނެއައުމަށް މަޝްވަރާ ކުރެވުނެވެ. ރައީސްގެ ހާއްސަ އިރުޝާދުގެ ދަށުން ހޯމް ލޭންޑް މިނިސްޓްރީން އެކަމަށް ބޭނުންވާ ފަންޑު ހޯދައި ހާއްސަ ފްލައިޓެއް ހަމަޖެއްސީ މިދިޔަ ޖެނުއަރީ މަހު އެވެ. އެ ދަތުރުގައި މެޑިކަލް އޮފިސަރުންނާއި، ސެކިއުރިޓީ ބަލަހައްޓާ ބޭފުޅުންނާއި، ސައިކޮލޮޖިކަލް ސަޕޯޓް ދެވޭ ބޭފުޅުންނާއި، ފުލުހުންގެ އިންޓެލިޖެންސް ބޭފުޅުންނާއި އަދި ތަހުގީގު މަސައްކަތް ކުރާ ފަރާތައް ގޮސްފައި ވެއެވެ.

