ޝަހީދުވާ މީހުން ހިނަވާ، ކަށު ނަމާދު ކުރުމެއް ދީނުގައި ނޯންނަކަމަށް އިސްލާމިކް މިނިސްޓަރު ޑރ ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޑރ ޝަހީމް ވިދާޅުވީ އިސްލާމްދީނުގެ ޖުމުހޫރު ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ހަނގުރާމައިގެ މައިދާނުގައި ދުޝްމަނުންނާ ހަނގުރާމަކުރަނިކޮށް ޝަހީދުވާ މީހުންގެ މައްޗަށް ކަށު ނަމާދު ކުރުން ނޯންނަކަމަށެވެ. އެގޮތަށް ކަށު ނަމާދު ކުރެވިދާނެކަމަށް ދެކެނީ ވަރަށް މަދު އިލްމްވެރިއެއްކަމަށްވެސް ވިދާޅުވިއެވެ.
ޖާއިޒުކަމަށް ދެކޭ އިލްމުވެރިން ވެސް ބުނަކީ ވާޖިބު ކަމެއް ނޫންކަމެއްކަމަށާއި، ދީނުގެ ކަންކަމުގައި ޢަމަލުކުރަންވާނީ ދީނުގައި އޮންނަ ރަނގަޅު ގޮތަށްކަމަށް ފާހަގަކޮށް މިނިސްތަރު ވަނީ ރަސޫލާގެ ސުންނަތުގައި އޮންނަ ގޮތްވެސް ހިއްސާ ކުރައްވާފައެވެ.
”ކީރިތި ރަސޫލާ صلى الله عليه وسلم ގެ ޞައްޙަ ސުންނަތުގައި އޮންނަ ގޮތަށް، އުޙުދު ހަނގުރާމައިގައި ޝަހީދުވި މާތް ޞަޙާބީންގެ މައްޗަށް ކީރިތި ރަސޫލާ صلى الله عليه وسلم ކަށު ނަމާދު ކުރައްވާފައި ނުވެއެވެ. އެހަނގުރާމައިގައި އެކަލޭގެފާނުގެ މާތް ބޮޑު ބޭބޭފުޅު ޙަމްޒަތުގެފާނުގެ ވެސް ޝަހީދުވެވަޑައިގެންނެވިއެވެ. ޙަމްޒަތުގެފާނުގެ މައްޗަށް ވެސް، އެހެން ބޭކަލެއްގެ މައްޗަށް ވެސް ވަޅުލުމުގެ ކުރިން ކަށު ނަމާދުކުރައްވާފައިނުވެ“
ޝަހީމް ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ ޝަހީދުން ވަޅުލަނީ ނުހިނަވައި އެމީހުންގެ ލެއާއެކުގަގައިކަމަށާއި، އަދި ޝަހީދުންގެ މައްޗަށް ކަށު ނަމާދު ކުރުމެއް ނެތްކަމަށެވެ. ޝަހީދުންނަކީ މަރުވިޔަސް، ދިރި ތިބި ބައެއްކަމަށާއި، ޝަހީދުންގެ މައްޗަށް އޮތީ ހެޔޮ ދުޢާކުރުންކަމަށް ވިދާޅުވިއެވެ.

