ރާއްޖެއިން ބޭރުން ހޮސްޕިޓަލެއް ގަންނަނާނެހާ ފައިސާ ބޭރުގެ ހޮސްޕިޓަލްތަކަށް އާސަންދައިން ޚަރަދުކުރާކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
މިކަމާއިމެދު ކަންބޮޑުވުންފާޅު ކުރައްވާ ނާޒިމް ވިދާޅުވީ ވަރަށް ބޮޑު ހޭދައެއް ބޭރުގެ ހޮސްޕިޓަލްތަކަށް ކުރާކަމަށެވެ.
ބައެއް ހޮސްޕިޓަލްތަކަށް ދައްކަން ހުރި އަދަދުތަކަށް ބަލާއިރު ހޮސްޕިޓަލެއް ރާއްޖެއިން ބޭރުން ގަންޏަންޏާ ގަނެވޭ ވަރަށްވެސް އެބަހުރި.
ނާޒިމް ވިދާޅުވިއެވެ.
ބޭރުގެ ހޮސްޕިޓަލްތަކަށް ދޭން ޖެހޭ އެތައް ފައިސާއެއް ނުދީވެސް އެބަހުރިކަމަށް ފާހަގަކޮށް ނާޒިމް ވިދާޅުވީ 8 މިލިޔަން ޑޮލަރުން 6 މިލިޔަން ޑޮލަރުން ހޮސްޕިޓަލްތަކަށް ލާރި ދައްކަން ޖެހިފައި އެބަހުރިކަމަށެވެ.
މިއަހަރުގެ ޖުލައި މަހުގެ 10 ވަނަ ދުވަހާ ހަމައަށް އާސަންދައިން 1.7 ބިލިއަން ރުފިޔާ ޚަރަދުކޮށްފައިވާކަމަށް ފިނޭންސް މިނިސްޓްރީން މަޢުލޫމާތު ދީފައިވާކަން ނާޒިމް ފާހަގަކުރެއްވިއެވެ. މިއަހަރު ނިމޭއިރު އާސަންދައިގެ ހަރަދު ތިން ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ލަފާކުރެވޭކަމަށްވެސް ވިދާޅުވިއެވެ.
ދައުލަތަށް އަހަރަކު 34 ބިލިއަން ރުފިޔާ ލިބޭއިރު، މުޅި ދައުލަތުގެ އާމްދަނީގެ 10 އިންސައްތަ ހަރަދުކުރަނީ އާސަންދައަށްކަމަށް ނާޒިމް ވިދާޅުވިއެވެ.

