ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ ވިޔަފާރިތަކުގެ ނަންނަތައް އާންމު ކުރުރުމަށް ނިންމާފައިވާކަމަށް އެ ކޯޕަރޭޝަނުން ބުނެފި އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި އެޗްޑީސީ ބުނެފައި ވަނީ އެޗްޑީސީއަށް ދައްކަން ޖެހޭ ފައިސާ ނުދައްކާ ވިޔަފާރިތައް ނުވަތަ ކުންފުނިތަކުގެ ނަންތައް އާންމު ކުރުމަށް ނިންމާފައިވާކަމަށެވެ.
މީގެ ތެރޭގައި އެކި ސްކީމްތަކުގެ ތެރެއިން ދޫކޮށްފައިވާ ފްލެޓުތައް ނުހިމެނޭނެކަމަށް އެޗްޑީސީ ބުންޏެވެ.
އިތުރު ތަފްސީލާއި އެކު ނެރުނު ބަޔާނެއްގައި އެޗްޑީސީ ބުނެފައި ވަނީ ވިޔަފާރި އުސޫލުން ދެމުން އަންނަ ހިދުމަތްތަކާއި ދޫކޮށްފައިވާ ތަންތަން އަދި ތަރައްގީ ކުރަމުން އަންނަ ތަންތަނަށް ފައިސާ ދައްކަން ޖެހި ނުދައްކައި ތިބި ފަރާތްތަކުން އެ ފައިސާ އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ދައްކައި ހަލާސް ކުރުމަށް އެދޭކަމަށެވެ.
މި މުއްދަތުގައި ފައިސާ ދެއްކުމަށް އުޒުރުވެރިވާ ނަމަ، އިތުރު ނޯޓިސްއެއް ދޭނެކަމަށް ބަޔާނުގައި ވެއެވެ. އަދި ނޯޓިހާއި އެކު އެ ފަރާތްތަކުގެ މައުލޫމާތާއި ދައްކަން ޖެހޭ ފައިސާގެ ތަފްސީލު އެޗްޑީސީގެ ވެބްސައިޓުގައި ޝާއިއު ކުރާނެކަމަށް ވަނީ ބުނެފަ އެވެ.
އެޗްޑީސީ ބުނި ގޮތުގައި މިއީ ކުންފުނީގެ ހިންގުން ހަރުދަނާ ކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އެޅި ފިޔަވަޅެކެވެ.

