ރައީސް ޑރ. މުހައްމަދު މުއިއްޒު މުސާރައިގެ 50 އިންސައްތަ ނުނަންގަވާ ގޮތަށް ނިންމަވައިފިއެެވެ.
ސިޔާސީ މަގާމުތަކުގައި ތިއްބަވާ ބޭފުޅުންގެ މުސާރައިން 10 ޕަސެންޓް އުނި ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
ހަރަދު ކުޑަ ކުރުމުގެ ސިޔާސަތުގެ ދަށުން، އެޅުމަށް ނިންމަވާފައިވާ ގިނަ ފިޔަވަޅުތަކެއް ރައީސް މިއަދު ވަނީ ނިންމަވާފަ އެވެ.
2025 ވަނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓުގެ މަސައްކަތް ކުރިޔަށް ދާއިރު، ރައީސް ވިދާޅުވި ގޮތުގައި މަޖިލީހަށް ބިލު ހުށަހަޅާނީ ހަރަދުތައް ކުޑަ ކުރުމަށް ފަހު އެވެ.
މި ފިޔަވަޅުތައް އެޅުމަށް ރައީސް ނިންމަވާފައި ވަނީ ދެ އަހަރުގެ މުއްދަތަކަށެވެ. އޭގެ ތެރޭގައި ހިމެނެނީ ސިޔާސީ މުވައްޒަފުންގެ އަދަދު މަދު ކުރުމާއި، ކުންފުނިތަކުގެ ވެރިންނަށް އެންމެ ބޮޑުވެގެން ދެވޭނެ ވަކި މުސާރައެއް ކަނޑައެޅުމެވެ.
ބައެއް ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނަކީ ލައްކައަކަށް ވުރެ ބޮޑު މުސާރައެއް ލިބޭ ބަޔަކަށްވާއިރު، ރައީސް ވިދާޅުވީ އެމަނިކުފާނުގެ ހުށަހެޅުމާއި އެއްގޮތަށް އެއްވެސް ކުންފުންޏެއްގެ ވެރިއަކަށް 90،000 އަށް ވުރެ ބޮޑު މުސާރައެއް ނުލިބޭނެ އެވެ.
ދައުލަތުގެ މުވައްސަސާތަކުގެ ވެރިންނަކީ ވެސް ބޮޑު މުސާރައެއް ހިނގާ މެމްބަރުންކަމަށްވާއިރު، ރައީސް ވިދާޅުވީ އެ މެމްބަރުންގެ މުސާރައިން 10 އިންސައްތަ އުނި ކުރުމަށް ނިންމާފައިވާކަމަށެވެ.
މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ މުސާރަ ވެސް އެ އުސޫލުގެ ދަށުން، 10 އިންސައްތަ ދަށް ކުރުމަށް ހުށަހެޅުންތަކުގައި ވެއެވެ.
މިއަދު ރައީސް އިއުލާނު ކުރެއްވި ފިޔަވަޅުގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ، އެމަނިކުފާނަށް ލިބިވަޑައިގަންނަވާ މުސާރައިގެ 50 އިންސައްތަ ނުނެންގެވުމަށް ނިންމެވި ނިންމެވުމެވެ.

