ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ މަޤާމުތަކަށް ހަތަރު ބޭފުޅަކު އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.
މި މަޤާމުތައް ހުސްވެފައިވަނީ، ރައްޔިތުންގެ މަޖިލީހުން ސަރުކާރަށް ދިން ލަފާގެ މަތިން، ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސާއި ނައިބު ރައީސް ހިމެނޭ ގޮތަށް އެ މުއައްސަސާގެ ހަތަރު މެންބަރަކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޤާމުން ވަކިކުރެއްވުމާ ގުޅިގެންނެވެ.
މި މެންބަރުން މަޤާމުން ވަކިކުރެއްވީ ފާއިތުވި ހޯމަ ދުވަހުއެވެ. މަޖިލީހުން މި މައްސަލަ ތަޙުޤީޤުކުރަން ފެށީ މި މެންބަރުންގެ މައްޗަށް ތުހުމަތުކުރެވޭ ބައެއް މައްސަލަތައް ހާމަވުމާ ގުޅިގެންނެވެ. މީގެ ތެރޭގައި ކޮރަޕްޝަންގެ މައްސަލަތައް ހިމެނޭ ކަމަށް ބެލެވެއެވެ.
ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ހުސްވެފައިވާ މެންބަރުންގެ މަޤާމުތަކަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގޞަތުގައި 13 ފަރާތަކުން ވަނީ ކުރިމަތިލާފައެވެ.
މި މަޤާމުތަކަށް ކުރިމަތިލެއްވި އެންމެހައި ބޭފުޅުންގެ ނަންތައް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމުން، މަޖިލީހުގެ ޖަލްސާގައި ވަނީ މި މަޤާމުތަކަށް ކުރިމަތިލެއްވި ބޭފުޅުންނަށް ރުހުން ހޯދުމަށް ވަކިވަކިން ވޯޓަށް އަހާފައެވެ. މެންބަރުންގެ ވޯޓުން ރުހުން ދިނުމަށް ފާސްކޮށްފައިވަނީ އަލްއުސްތާޛު ޢަބްދުލްޣަނީ މުޙައްމަދު، އިބްރާހީމް ޝަރީފް، ޙަސަން ޒުހައިރު މުޙައްމަދު އަދި އަލްއުސްތާޛާ ޝިފްޒާ ޢަބްދުލްޤައްޔޫމް އެވެ.

