ސަޕްލިމެންޓަރީ ބަޖެޓެއް ހުށައަޅާފައިވަނީ ރައްޔިތުންގެ ފައިސާއިން ވައްކަން ކުރުމަށްކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންޑޫ ދާއިރާގެ މެމްބަރު މައުރޫފް ޛާކިރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ސަރުކާރުން ހުށަހަޅާފައިވާ ސަޕްލިމެންޓަރީ ބަޖެޓާ ގުޅޭގޮތުން ވާހަކަދައްކަވަމުން، މެންބަރު މައުރޫފް ވަނީ ސަރުކާރުގެ މާލީ ހިންގުމާމެދު ސުވާލު އުފައްދަވާފައެވެ.
އޭނާ ފާހަގަކުރެއްވި ގޮތުގައި، 2024 ވަނަ އަހަރުގެ 49 ބިލިއަން ރުފިޔާގެ ބަޖެޓުން މިހާތަނަށް ޚަރަދުކުރެވިފައިވަނީ 18 ބިލިއަން ރުފިޔާ ކަމަށާއި، ބާކީ 31 ބިލިއަން ރުފިޔާއަށް ވީގޮތް ސާފުނުވާކަމަށެވެ.
މައުރޫފް ވިދާޅުވި ގޮތުގައި، ސަރުކާރުން މިހާރު އިތުރު 5 ބިލިއަން ރުފިޔާގެ ސަޕްލިމެންޓަރީ ބަޖެޓެއް ހުށަހަޅާފައިވަނީ، ކުރިން ބަޖެޓުކުރެވުނު ފައިސާގެ ހިސާބުތަކާއި ދައުލަތުގެ މާލީ ރިޕޯޓުތައް ހާމަނުކޮށް ކަމަށެވެ. އޭނާ ސުވާލު އުފެއްދެވީ، މި ހާލަތުގައި ރައްޔިތުންގެ ހައްޤުގައި ވަކާލާތުކުރުމަށް ހުވާކޮށްގެން ތިބި ބަޔަކު އިތުރު ފައިސާ ދޫކުރާނީ ކިހިނެއްތޯއެވެ.
އިތުރަށް ފާހަގަކުރެއްވި ގޮތުގައި، 2024 ވަނަ އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫޢުތަކަށް 9 ބިލިއަން ރުފިޔާ ކަނޑައެޅިފައިވާއިރު، މިހާތަނަށް ޚަރަދުކުރެވިފައިވަނީ އެންމެ 2 ބިލިއަން ރުފިޔާ ކަމަށެވެ. ބާކީ 7 ބިލިއަން ރުފިޔާއަށް ވީގޮތެއް އެނގެން ނެތްކަމަށް ވިދާޅުވިއެވެ.
މައުރޫފް އިތުރަށް ފާހަގަކުރެއްވީ، ކެންދޫ ދާއިރާގައި ހިމެނޭ ރަށްތަކުގައި ކުރިއަށް ގެންދިއުމަށް ބަޖެޓުކޮށްފައިވާ އެއްވެސް މަޝްރޫޢެއް ކުރިއަށް ނުދާކަމުގެ ކަންބޮޑުވުމެވެ. މި ހުރިހާ ކަމަކަށް ރިޢާޔަތްކޮށް، އިތުރު ބަޖެޓަކަށް ވޯޓު ދިނުމަށް ދަތިވާނެކަމަށް އޭނާ ވިދާޅުވިއެވެ.

