މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީ ޠާރިޤު އިބްރާހިމް ކޮލޮމްބިއާގެ ކަލީގައި އޮތް ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވާރސިޓީގެ 16 ވަނަ ކޮންފަރަންސް އޮފް ދަ ޕާރޓީސް ގެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް އެ ގައުމަށް ފުރާ ވަޑައިގެންފިއެވެ.
ކޮންވެންޝަން އޮން ބަޔޮލޮޖިކަލް ޑައިވާރސިޓީގެ 16 ވަނަ ކޮންފަރަންސް އޮފް ދަ ޕާރޓީސް ގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރ ތޯރިގް ފުރާވަޑައިގެންފައިވާއިރު މި މުއާހަދާއަކީ ދިރޭތަކެތީގެ ނަސްލުތައް ރައްކާތެރިކޮށް ހިމާޔަތްކުރުމުގެ މަގުސަދުގައި އެކުލަވާލާފައިވާ މުއާހަދާއެކެވެ. މި މުއާހަދާގެ 16 ވަނަ ކޮންފަރަންސް އޮފް ދަ ޕާރޓީސް ބޭއްވުމަށް ހަމަޖެހިފައިވަނީ 21 އޮކްޓޫބަރުން 1 ނޮވެމްބަރަށް ކޮލޮމްބިއާގެ ކަލީގައިއެވެ.
މި ބައްދަލުވުމުގައި މި މުއާހަދާ ތަންފީޒުކުރަމުންދާ ގޮތް ރިވިއުކޮށް، ބައިނަލްއަގްވާމީ ގޮތުން ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތްކުރުމަށް ކުރަންޖެހޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރާނެއެވެ. މި ބައްދަލުވުމުގައި 2022 ވަނަ އަހަރު އެކުލަވާލި ކުންމިން-މޮންޓްރިއަލް ގްލޯބަލް ބަޔޯޑައިވަރސިޓީ ފްރޭމްވާރކް ރިވިއުކޮށް، މުއާހަދާގައި ބައިވެރިވެފައިވާ ގައުމުތަކުގެ ނޭޝަނަލް ބަޔޯޑައިވާރސިޓީ ސްޓރެޓަޖީ އެންޑް އެކްޝަން ޕްލޭން ތަންފީޒުކުރުމުގައި މި ފްރޭމްވާރކްއާއި ގުޅުވާލުމަށް މަސައްކަތްކުރާނެއެވެ.
މީގެ އިތުރުން ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތްކުރުމަށް ކުރާ މަސައްކަތްތައް މޮނިޓަރކުރާނެ ނިޒާމަކާއި، ދިރޭތަކެތީގެ ނަސްލުތައް ހިމާޔަތްކުރުމަށް ކުރާ ހޭދަ އިތުރުކުރުމަށް މަޝްވަރާކުރާނެއެވެ. އަދި މި ބައްދަލުވުމުގައި ޑިޖިޓަލް ސީކުއެންސް އިންފޯމޭޝަން އިން ލިބޭ ނަފާ ހަމަ ހަމަ ގޮތެއްގައި ބެހުމަށް އެކުލަވާލާ މަލްޓިލެޓަރަލް ނިޒާމު ނިންމާ، ތަންފީޒުކުރުން ފެށުމަށް މަސައްކަތްކުރާނެއެވެ.

