ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި އަހަރަށް ފަސް ބިލިއަން ރުފިޔާގެ ސަޕްލިމަންޓްރީ ބަޖެޓެއް، ކީއްވެ؟

ކޮމިޓީ ބައްދަލުވުމެއްގައި މެމްބަރަކު ދައުލަތުގެ ބަޖެޓު ފޮތް ބައްލަވާލައްވަނީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

2024 ވަނަ އަހަރުގެ މިހާތަނަށް ލިބުނު ހިލޭއެހީއަށް ބަލައި ފާސްކުރި ބަޖެޓުގައި އަހަރުގެ ނިޔަލަށް ލިބޭނެކަމަށް ލަފާ ކުރި އާމްދަނީއާއި ހިލޭ އެހީގެ އަންދާޒާތަކަށް ބޮޑު ބަދަލުތަކެއް މިވަނީ އައިސްފަ އެވެ. މި އަހަރުގެ ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ އަންދާޒާއަކީ 34.3 ބިލިއަން ރުފިޔާކަމަށްވާއިރު، ކުރިން އަންދާޒާކޮށްފައި ނުވާ ދާއިރާތަކުން ވެސް އާމްދަނީ ލިބޭނެކަމަށް ލަފާ ކުރެވެ އެވެ. އެގޮތުން ނޮވެމްބަރު މަހުން ފެށުގެން މުދަލުގެ އިމްޕޯޓު ޑިއުޓީން ނަގަމުންދާ ރޭޓު މުރާޖައާ ކުރުމުން ޓެކުހުގެ ގޮތުގައި އިތުރު 180 މިލިއަން ރުފިޔާ ލިބޭނެކަމަށް ބެލެވެ އެވެ.

މި އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 49.8 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. މި އަހަރުގެ ހަރަދުތަކުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި ސެޕްޓެމްބަރު މަހުގެ ނިޔަލަށް ބަޖެޓުގެ 73 އިންސައްތަ ވަނީ ހަރަދުވެފަ އެވެ. އެހެންކަމުން 2024 ވަނަ އަހަރުގެ ނިޔަލަށް ލަފާ ކުރާ ޖުމްލަ ބަޖެޓު ހުންނާނެކަމަށް ލަފާކުރެވެނީ 54.9 ބިލިއަން ރުފިޔާގަ އެވެ. އެހެންކަމުން މި އަހަރަށް ފާސްކުރި ބަޖެޓަށް ވުރެ އިތުރުވާ ހަރަދުތަކަށް 5.1 ބިލިއަން ރުފިޔާ ބަޖެޓަށް ސަޕްލިމެންޓު ކުރަން ޖެހޭނެ އެވެ.

ހަރަދުތައް އިތުރުވާނެކަމަށް ލަފާކުރެވޭ ސަބަބުތަކުގެ ތެރޭގައި ޕީއެސްއައިޕީ ހަރަދުތައް، ރިއަލިސްޓިކް މިންވަރަށް ވުރެ މަދުން ބަޖެޓުގައި ހިމަނާފައިވުމާއި ބަޖެޓުގައި ތަސައްވުރުކޮށްފައި ހުރި ފިސްކަލް ރިފޯމުތަކުގެ ގިނަ ޓެކްނިކަލް މަސައްކަތްތައް ތަންފީޒު ކުރުމަށް ބޭނުންވާ މިންވަރަށް ނުކޮށް ހުރުން ހިމެނެ އެވެ. މި މަސައްކަތްތައް ނިންމުމަށް ވަގުތު ނެގުމާއި ގުޅިގެން ބަޖެޓުގައި ރާވާފައިވާ ގޮތަށް ފިސްކަލް ރިފޯމުތައް ތަންފީޒު ކުރެވިފައި ނެތެވެ. އަދި އާސަންދަ ފަދަ ބައެއް ހިދުމަތްތަކުގެ އަގުތަކަށް އައިސްފައިވާ ބަދަލުތަކާއި ހިދުމަތަށް ބޭނުން ކުރެވޭ މިންވަރު އިތުރުވުމުގެ އިތުރުން ބަޖެޓުގައި ތަސައްވުރުކޮށްފައި ނުވީ ނަމަވެސް ބައެއް ސިޔާސަތުތަކަށް އަހަރުގެ ތެރޭގައި ގެނެވިފައިވާ ބަދަލުތައް ހިމެނެ އެވެ.

ބަޖެޓަށް ސަޕްލިމެންޓްރީ ކުރަން ޖެހޭ ހަރަދުގެ ތެރޭގައި، ސަރުކާރުގެ ހޮސްޕިޓަލްތަކުން ހިދުމަތް ދިނުމަށް ބޭނުން ކުރާ މެޑިކަލް ސަޕްލައިޒް އަދި ކޮންސިއުމަބަލް ހޯދުމަށް މި އަހަރަށް ބަޖެޓު ކުރި މިންވަރަށް ވުރެ އިތުރަށް 200 މިލިއަން ރުފިޔާ ހަރަދު ކުރަން ޖެހެ އެވެ. އޭގެ ސަބަބަކީ މި އަހަރުގެ ބަޖެޓުގެ މަސައްކަތް ކުރި މަރުހަލާގައި މި ބަޔަށް ބަޖެޓުކޮށްފައި ވަނީ ބަލްކް ޕްރޮކިއުމަންޓު ޕްރޮޖެކްޓު ފުޅާކޮށް މެޑިކަލް ކޮންސިއުމަބަލްއަށް ކުރެވޭ ހޭދަތައް ވެސް ކުޑަކުރެވޭނެކަމަށް ބަލައިގެން ނަމަވެސް އެ ސިޔާސަތުގެ ތެރެއިން މިހާތަނަށް އަަގުހެޔޮކޮށް ލިބިފައި ވަނީ ބޭސް އެކަނިކަމަށް ވާތީ އެވެ. އަދި ބޭހުގެ ތެރެއިން ވެސް ބާޒާރަށް ނެރެފައި ވަނީ ނިސްބަތުން މަދު މިންވަރެއްކަމަަށް ވާތީ އެވެ.

މީގެ ސަބަބުން ބަޖެޓު ތައްޔާރު ކުރިއިރު، އަންދާޒާ ކުރި މިންވަރަށް ސޭވިން ރިއަލައިޒް ކުރެވިފައި ނުވެއެވެ. އަދި ޓާޝަރީ ހޮސްޕިޓަލްތަކުގެ ފެންވަރުގައި ހިންގާ ހޮސްޕިޓަލްތަކުގެ ހިދުމަތް ފުޅާވެ ލެބޯޓްރީ ހިދުމަތްތައް ދިނުމަށް ބޭނުން ކުރާ އިކުއިޕްމަންޓު އަދި މެޝިނަރީއަށް ބޭނުންވާ ރިއޭޖެންޓުކުގެ އަގު ބޮޑުވުމުން ވެސް ހަރަދުތަކަށް އަސަރު ކުރި އެވެ.

މި އަހަރަށް ފާސްކުރި ބަޖެޓުގައި މެޑިކަލް އަދި ކޮންސިއުމަބަލްސް ސަރުކާރުގެ ހޮސްޕިޓަލްތަކުން ހިދުމަތް ދިނުމަށް ބޭނުން ކުރާ، މެޑިކަލް ސަޕްލައިޒް އަދި ކޮންސިއުމަބަލް ހޯދުމަށް އިތުރު 200 ރުފިޔާ ސަޕްލިމެންޓު ކުރަން ޖެހޭނެކަމަށް ލަފާ ކުރެވެ އެވެ. އޭގެ ސަބަބެއްކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައި ވަނީ މި އަހަރުގެ ބަޖެޓު އެކުލަވާލެވުނު މަރުހަލާގައި އެ ދާއިރާއަށް ބަޖެޓުކޮށްގައި ވަނީ ބަލްކް ޕްރޮކިއުމަންޓު ޕްރޮޖެކްޓު ފުޅާކޮށް މެޑިކަލް ކޮންސިއުމަބަލްއަށް ކުރެވޭ ހޭދަތައް ވެސް ކުޑަ ކުރެވޭނެކަމަށް ބަލައިގެން ނަމަވެސް ބަލްކް ޕްރޮކިއުމަންޓު ސިޔާސަތުގެ ތެރެއިން މިހާތަނަށް އަގުހެޔޮކޮށް ލިބިފައި ވަނީ ބޭސް އެކަނިކަމަށް ފާތީ އެވެ. އަދި ބޭހުގެ ތެރެއިން ވެސް ބާޒާރަށް ނެރެފައި ވަނީ ނިސްބަސްތުން މަދު މިންވަރަކަށް ވާތީ އެވެ.

ސަބްސިޑީޓަކަށް ބަލާއިރު ފާސްކުރި ބަޖެޓުގައި ކަރަންޓު، ތެޔޮ، ނަރުދަމާގެ ހިދުމަތް އަދި ކާބޯތަކެތި އަގުހެޔޮ ކުރުމަށް ދޭ ސަބްސިޑީއަށް ހިނގާނެ ހަރަދުތައް އަންދާޒާކޮށްފައި ވަނީ މި އަހަރުގެ ޖުލައި މަހު ސަބްސިޑީގެ ރީފޯމް ސިޔާސަތުތައް ތަންފީޒު ކުރެވޭނެކަމަށް ބަލައިގެންނެވެ. އެހެން ނަމަވެސް އެ ބަދަލުތައް ގެނެވިފައި ނެތުމުގެ ސަބަބުން މި އަހަރުގެ ނިޔަލަށް ވެސް އެ އަމާޒު ތަންފީޒު ކުރެވޭނެކަމަށް ނުބެލެވެ އެވެ.

ފިނޭންސްގެ މައުލޫމާތުތަކުގައި ބުނެފައި ވަނީ ފެނަކައިގެ ކޭޝްފްލޯ ހަމަޖެއްސުމަށް ދެވޭ ފައިސާއާއި، ކުރިން ބަޖެޓުގައި ހިމަނާފައި ނުވާ ސަބްސިޑީ ހަރަދުކަމަށްވާ ރަމަޟާން މަހުގެ ކަރަންޓު ޑިސްކައުންޓާއި މިސްކިތްތަކުން ޓެރިފް ދަށް ކުރުމުގެ ސަބަބުން ސަބްސިޑީ ހަރަދުތައް އިތުރުވެގެން ދިޔަކަމަށެވެ. އަދި ހޫނު ގަދަވުމުގެ ސަބަބުން ކަރަންޓު ބޭނުން ކުރާ މިންވަރު އިތުރުވެފައި ވާތީ، މި އަހަރު ސަބްސިޑީއަށް ހިނގާނެކަމަށް ބެލެވޭ ހަރަދުތައް އިތުރުވެފައިވާކަމަށް ފާހަގަކުރި އެވެ.

ބޭސްފަރުވާގެ އެހީގެ ދަށުން ހިނގާ ހަރަދުތަކަކީ ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ ހިންގަމުން ދާ މެޑިކަލް ވެލްފެއާ އެސިސްޓަންސްއަށް ހިނގާ ހަރަދުތަކަށް ވާތީ، ފާސްކޮށްފައިވާ މިންވަރަށް ވުރެ އިތުރަށް ހަރަދުތއް ހިނގާނެކަމަށް ލަފާކޮށް ފިނޭންސް މިނިސްޓްރީން ބުނެފައި ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުން ހޯދާ ބޭސްފަރުވާގެ ހިދުމަތްތަކަށް ދޭ އެހީގެ ހަރަދުތައް މި އަހަރުގެ މިހާތަނަށް ހިނގާ ހަރަދުތަކަށް ބަލާއިރު ފާސްކޮށްފައިވާ މިންވަރަށް ވުރެ އިތުރުވާނެކަމަށް ލަފާ ކުރެވޭ ކަމަށެވެ. މި ހަރަދުތައް ބޮޑުވާ ސަބަބެއްކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައި ވަނީ މި އަހަރުގެ ތެރޭގައި އައިވީއެފްގެ ހިދުމަތައް މެޑިކަލް ވެލްފެއާގެ ދަށުން ފޯރުކޮށްދޭން ފެށުމާއި ރާއްޖެއާއި ރާއްޖެއިން ބޭރުން ފޯރުކޮށްދޭ ބޭސްފަރުވާގެ ހިދުމަތްތަކުގެ އަގާއި ބޭނުން ކުރެވޭ މިންވަރު އިތުރުވެފައިވުމެވެ.

މި މުއްދަތުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ކެޕިޓަލް ދޫކުރުމަށް ކުރާ ހަރަދު ފާސްކުރި ބަޖެޓުގައި ހިމަނާފައިވާ މިންވަރަށްވުރެ އިތުރުވެފައި ވަނީ ބައެއް ކުންފުނިތައް މެދުވެރިކޮށް ކުރިއަށް ގެންދާ މަޝްރޫއުތަކަށާއ،ި ސަރުކާރުގެ ސިޔާސަތުތަކާ ގުޅިގެން ކުންފުނިތަކުގެ ކޭޝްފްލޯ ހަމަޖެއްސުމަށް ކުންފުނިތަކަށް ފައިސާ ދޫކޮށްފައިވާތީ އެވެ.

ސަޕްލިމެންޓު ކުރާ ބޮޑު އަދަދެއް ސްޓޫޑެންޓް ލޯނަށް ވެސް ހިމަނާފައިވާއިރު، ފިނޭންސުން ބުނެފައި ވަނީ ބަޖެޓު ތައްޔާރު ކުރިއިރު ދޫކުރާނެކަމަށް ބެލެވުނު ލޯނުތަކަށް ވުރެ އިތުރަށް ސަރުކާރުން ސްޓޫޑެންޓް ލޯނު ދޫކުރުމަށް ނިންމާފައިވާ ކަމަށެވެ.

2024 ވަނަ އަހަރަށް ފާސް ކޮށްފައިވާ 49.8 ބލިއަން ރުފިޔާ ގެ ބަޖެޓަށްވުރެ 5.1 ބިލިއަން ރުފިޔާ އިތުރަށް ހަރަދުވާނެކަމަށް ލަފާކުރެވޭތީ މި އަހަރު އިތުރު 4.3 ބިލިއަން ރުފިޔާ ފައިނޭންސިންގގެ ގޮތުގައި ހޯދަ ންޖެހޭނެކަމަށް ފިނޭންސް މިނިސްޓްރީ ގާނޫނު އަސާސީގެ 96 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ސަޕްލިމެންޓަރީ ބަޖެޓު ހުށަހެޅީ މި ސަބަބުތައް ބަޔާން ކުރުމަށް ފަހު އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: