އިމިގްރޭޝަނުން ކ. ގުރައިދޫގައި ޙާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ވިޔަފާރިކުރަމުންދާ ބިދޭސީން ހޯދައި ފިޔަވަޅު އެޅުމުގެ ބޮޑު އޮޕަރޭޝަނެއް އިމިގްރޭޝަނުން ވަނީ ފަށައިފައެވެ. މި އޮޕަރޭޝަން ރާއްޖޭގެ އެކި ރަށްތަކަށް ފުޅާ ކުރުމަށް ސަރުކާރުން އަމާޒު ހިފާފައިވާއިރު، އިމިގްރޭޝަނުން ކ. ގުރައިދޫގައި ޤަވައިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް އޮޕަރޭޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.
މި އޮޕަރޭޝަނާ ގުޅޭގޮތުން އިމިގްރޭޝަނުން ވިދާޅުވެފައިވަނީ، ރަށްރަށުގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި ގުޅޭ ރިޕޯޓުތަކަށް ބަލައި، އިމިގްރޭޝަނާއި ފުލުހުން އަދި ކަމާގުޅުންހުރި އެހެނިހެން އިދާރާތައް ގުޅިގެން ގުރައިދޫގައި ޚާއްސަ އޮޕަރޭޝަނެއް ފަށައިގެން ކުރިއަށްދާ ކަމަށެވެ.
މިއޮޕަރޭޝަނާއި ގުޅޭގޮތުން ކޮންޓްރޯލަރ އޮފް އިމިގްރޭޝަން ވިދާޅުވީ އިމިގްރޭޝަންގެ އެންމެ ބޮޑު ސަމާލުކަމެއް މިވަގުތު ހުރީ ގަވާއިދާ ޚިލާފަށް ޙަރަކާތްތެރިވާ ބިދޭސީން ހިންގާ ވިޔަފާރިތައް ދެނެގަނެ ޤާނޫނީ ހަމަތަކުގެ މަތިން ފިޔަވަޅުއެޅުމަށް ކަމަށެވެ. އަދި ރާއްޖޭގައި ބޮޑުވެފައިވާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ކުރާ މަސައްކަތުގެ ދަށުން ޤަވައިދާ ހިލާފައް އުޅޭ ބިދޭސީންގެ ތެރެއިން 5000 މީހުން ފޮނުވާލަން މި އަހަރު އަމާޒު ހިފާފައިވާ ކަމަށެވެ. އޭގެތެރެއިން މިހާތަނައް ޤަވައިދާ ޚިލާފަށް އުޅޭ 4361 ބިދޭސީއެއް އަނބުރާ ޤައުމަށް ފޮނުވާލާފައިވާކަމަށް ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން އިން ވަނީ ވިދާޅުވެފައެވެ.
ޤަވާއިދާ ޚިލާފަށް އުޅުމުގެ ސަބަބުން އިމިގްރޭޝަންގެ ބެލުމުގެ ދަށައް ގެންދާ ފަރާތްތަކާއި އަމިއްލައަށް ފުރަން ބޭނުން ވެގެން އެކަމަށް އެދިގެން ފުރުވާލި ފަރާތްތަކުގެ އިތުރުން އިމިޤްރޭޝަނުން ނޯޓިސްދިނުމަށްފަހު ފުރުވާލެވުނު ފަރާތްތައްވެސް ހިމެނެއެވެ.
މީގެ އިތުރުން، އެފަދަ ފަރާތްތައް ރިޕޯޓް ކުރުމަށް އިމިގްރޭޝަނުން ވަނީ ”އިމިގްރޭޝަން ވޮޗް“ ޤާއިމުކޮށްފައެވެ. މި ޕްލެޓް ފޯމު މެދުވެރިކޮށް އެ ފަރާތްތަކުގެ ފޮޓޯއާއި ވީޑިއޯ ހިއްސާ ކުރެވޭނެއެވެ. ”އިމިގްރޭޝަން ވޮޗް“ އަށް އެންމެ ފަހުން ލިބިފައިވާ މައުލޫމާތުގެ އަލީގައި އިއްޔެ ވަނީ މާލޭގައި ހުންނަ 03 ތަނެއް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިއަ 05 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ފައެވެ. މީގެ އިތުރުން މާލޭގައި ހިންގުނު އިންސްޕެކްޝަނެއްގައި ގަވާއިދާ ހިލާފަށް އުޅެމުންދިއަ 03 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
މާލެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް މިސަރުކާރުން ފެށި ހާއްސަ އޮޕަރޭޝަނުގެ ތެރެއިން، ނޮވެމްބަރު 17، 2023 އިން ފެށިގެން 21 އޮކްޓޯބަރާއި ހަމައަށް 186 ރެއިޑް އޯޑަރު ނެރެ، 1،237 ތަން ބަލައި ފާސްކޮށްފައިވެއެވެ. މާލޭ ސަރަހައްދުގެ 896 ތަނެއް ބަލައި ފާސްކޮށް، ނޯޓިސް ދިނުމުގެ އިތުރުން ގިނަ އަދަދެއްގެ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
މި ސަރުކާރުން ދަނީ ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހުއްޓުވައި، އެ މީހުންނާއި ދެތޭރެގައި އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންނެވެ. މި މަސައްކަތުގެ ތެރެއިން މުޑުދާރުކޮށް ކާބޯތަކެތި ތައްޔާރުކުރަމުންދާ ބިދޭސީންގެ މަސައްކަތްތައް ހުއްޓުވައި ދަނީ ޤާނޫނުގެ ތެރެއިން ފިޔަވަޅުތައް އަޅަމުންނެވެ.

