އަންހެނުންނަށް ހާއްސަކޮށްގެން ސްޓެލްކޯއިން އިލެކްޓްރީޝިއަން ކޯހެއް ފަށަން ނިންމައިފި އެވެ.
މީޑިއާތަކަށް މައުލޫމާތު ދެމުން ސްޓެލްކޯއިން ބުނެފައި ވަނީ މިއީ އިލެކްޓްރިކަލް ދާއިރާއަށް އަންހެނުން ޝައުގުވެރި ކުރުވައި، ދައިރާއަށް ޝައުގުވެރިކަން ހުންނަ އަންހެނުންނަށް ފުރުސަތު ހޯދައިދިނުމުގެ ގޮތުން ކުރިޔަށް ގެންދަން ނިންމި ޕްރޮގްރާމެއް ކަމަށެވެ.
ސްޓެލްކޯ ބުނެފައި ވަނީ އަމާޒަކީ އަންހެނުންނަށް ވެސް ހަމަހަމަ ފުރުސަތުތައް ހޯދައިދިނުން ކަމަށެވެ. އެގޮތުން ”ބިގިނާސް އިލެކްރީޝިއަން ކޯސް ފޯ ވިމެން“ ގެ ނަމުގައި ކަރަންޓާއި ގުޅޭ އަސާސީ ކޯހެއް ހިންގުމަށް ތައްޔާރުވަމުންދާކަމަށް ހާމަކުރި އެވެ.
ސްޓެލްކޯއިން ބުނީ މި ކޯހުގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލާފައިވާކަމަށާއި، ކޯހަށް އެއްވެސް ފީއެއް ދައްކަން ނުޖެހޭނެ ކަމަށެވެ.
މި ކޯހުގައި ރައްކާތެރިގޮތުގައި ކަރަންޓު ބޭނުން ކުރުމާއި، ކަރަންޓަށް ކުރާ ހަރަދު ކުޑަ ކުރުމުގެ އިތުރުން، ކަރަންޓު ވަޔަރ ކުރުމުގެ އަސާސީ މައުލޫމާތު ކިޔަވައިދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

