ދިވެހިރާއްޖެއަކީ ބޭރުގެ ޤައުމުތަކަށް ވަރަށް ބޮޑަށް ބަރޯސާވެފަިއވާ ގައުމަކަށް ވާއިރު އިޤްތިސާދު ރާއްޖޭގެ ކުރިއަރުވާއި ރާއްޖެއިން ލިބިދޭ ޤުދުރަތީ މަންފާ އިތުރު ކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. ދިވެހިރާއްޖެއަކީ ޒަމާނުއްސުރެ ދަނޑުވެރިކަމާ ގުޅިލާމެހިފައިވާ ޤައުމެކެވެ. ކާބަފައިން ދިރިއުޅުމުގެ ބޮޑު ބައެއް ހޭދަކޮށްފައިވަނީ ދަނޑުބިންތަކުގައި މަސައްކަތް ކުރު ކުރުމުގައެވެ. ނަމަވެސް، ޒަމާން ބަދަލުވެ، ތަރައްޤީގެ ރާގު ބާރުވުމާއެކު، ދަނޑުވެރިކަމަށް ދެވޭ އަހައްމިއްޔަތުކަން ކުޑަވެގެން ދިޔައެވެ. އެހެންނަމަވެސް، މިއަދު އަލުން އަނބުރާ ދަނޑުވެރިކަމުގެ ދާއިރާއަށް ޙާއްސަ ސަމާލު ކަމެއް ދެއްވައި ކަމަށް ފާހަގަކޮށްލެވެއެވެ.
ދަނޑުވެރިކަން ކުރިއެރުމުން ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުވެގެންދާނެއެވެ. ބޭރުން އެތެރެކުރާ ތަރުކާރީއާއި މޭވާގެ މައްޗަށް ބަރޯސާވުން މަދުވެ، އަމިއްލަ އުފެއްދުންތެރިކަމުގެ މައްޗަށް ބަރޯސާވުން އިތުރުވާނެއެވެ. މީގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ވެސް ބޮޑެތި ފައިދާ ތަކެއް ކުރާނެއެވެ. ބޭރަށް ދާ ފައިސާ މަދުވެ، ރާއްޖޭގައި ދައުރުވާ ފައިސާގެ އަދަދު އިތުރުވެގެންދާނެއެވެ.

ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ވަނީ ވަރަށް ބޮޑަށް އަމާޒު ހިފާފައެވެ. ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައީސަކަށް އިންތިހާބު ވުމާއި ހިސާބުން ފެށިގެން ރާއްޖޭގެ އެންމެހާ ކަންތައްތައް ހަމަ މަގަށް އެޅުވުމަށް ބޮޑު ޕްލޭނެއް ރާވައި މެނިފެސްޓޯއެއް ވަނީ ޤާއިމުކޮށްފައެވެ. ސަރުކާރަށް އަހަރެއް ފުރިގެންދާއިރު ގިނަ ކަންތައްތަކެއް ހާސިލް ވެގެންދާނެ ކަމަށް ސަރުކާރުން ޤަބޫލުކުރެއެވެ.
ވާޓިކަލް ފާމިން މަޝްރޫއެއް ފެށުމަކީ މި ސަރުކާރުގެ ފުރަތަމަ 14 ހަފުތާގެ ތެރޭގައި ކުރުމަށް ނިންމާފައިވާ ކަންތައްތަކުގެ ތެރެއިން، ދަނޑުވެރިކަމާ ގުޅޭ އެންމެ މުހިންމު މަޝްރޫއުއެވެ. އެގޮތުން ވާޓިކަލް ފާމިން ޕައިލެޓް ޕްރޮގުރާމްތައް ވަނީ ފަށާފައެވެ. ރާއްޖެފަދަ ބިންކޮޅު ކުޑަ ޤައުމެއްގައި ކާނާގެ ޔަޤީންކަން ކަށަވަރު ކުރުމަށް، މިފަދަ ޤައުމެއްގައި އެންމެ އެކަށީންގެންވާ ގޮތަށް ދަނޑުވެރިކަމުގެ އުފެންދުންތެރިކަން އިތުރު ކުރެވޭނެ ޒަމާނީ ގޮތްތައް ތަޢާރަފް ކުރުމަށް ވަނީ ނިންމައިފައެވެ.

އެގޮތުން މިހާރުވެސް ދަނޑުވެރިންނަށް ތައާރަފުކޮށްދީފައިވާ ނިއުޓްރިއެންޓް ފިލްމު ޓެކްނިކް ބޭނުންކޮށްގެން ވާޓިކަލް އޭ ފްރޭމް ސްޓްރަކްޗާގައި ގަސް އިންދާ ނިޒާމު ގާއިމުކޮށް، ’ޕައިންއެޕަލް ޓަވާ ސިސްޓަމް’އާއި ’އޭރޯޕޯނިކްސް ޓަވާ ސިސްޓަމް’ތައް ވެސް ޓެސްޓުކުރުމަށް ވެސް ވަނީ ނިންމައިފައެވެ. އެ ސިސްޓަމްތަކުން އެންމެ ފުރަތަމަ ޓެސްޓު ކުރުމަށް ނިންމައިފައިވަނީ ތަރުކާރީއާއި ފަތްޕިލާވެލީގެ ބާވަތްތަކެވެ.
’ޕައިންއެޕަލް ޓަވާ ސިސްޓަމް‘ އާއި ’އޭރޯޕޯނިކްސް ޓަވާ ސިސްޓަމް‘ އަކީ ގައިގެ ގޮތުން ދަތި ސަރަޙައްދުތަކުގައި ދަނޑުވެރިކަން ކުރުމަށް ފަރުމާކުރެވިފައިވާ ސިސްޓަމެކެވެ. ’ޕައިންއެޕަލް ޓަވާ ސިސްޓަމް‘ އަކީ ގަސްތައް ތިރިން މައްޗަށް އަރާގޮތަށް ހެދިފައިވާ ސިސްޓަމެއް ކަމުގައިުގައިވާއިރު، ’އޭރޯޕޯނިކްސް ޓަވާ ސިސްޓަމް‘ އަކީ ވައިގެ ތެރެއިން ކާނާ ފޯރުކޮށްދީގެން ގަސް ހައްދާ ސިސްޓަމެކެވެ. މި ފަދަ އައު ޓެކްނޮލޮޖީތައް ރާއްޖޭގައި ތަޢާރަފުކުރުމުން، މަދު ޖާގައެއްގައި ގިނަ އަދަދަކަށް ތަފާތު ބާވަތްތަކުގެ ތަރުކާރީއާއި މޭވާ އުފެއްދުމަށް މަގުފަހިވެގެންދާނެއެވެ. އަދި މިއީ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާ ކާބޯތަކެތި އުފެއްދުމަށް ލިބޭ ބޮޑު ކުރިއެރުމެއް ކަމުގައި ސަރުކާރުން ދެކެއެވެ.

މި މަސައްކަތުގެ ދަށުން ޕައިލެޓް ޕްރޮޖެކްޓް 14 ފެބްރްއަރީ 2024 ވަނަ ދުވަހު ހދ. ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި ވަނީ އިފްތިތާހް ކޮށްފައެވެ. މި މަޝްރޫއުގެ ދަށުން އަޖުމަބެލުމުގެ ގޮތުން، ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި 3 ވައްތަރެއްގެ ވާޓިކަލް ހައިޑްރޮޕޯނިކްސް ސެޓަޕް ވަނީ ޤާއިމުކޮށްފައެވެ. މި މަޝްރޫގެ ދަށުން ހަނިމާދޫ އެގްރިކަލްޗާ ސެންޓަރުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޓީމުން އެއްކުރާ މައުލޫމާތުން، ރާއްޖެއަށް އެންމެ އެކަށީގެންވާ ވާޓިކަލް ފާމިން ސިސްޓަމް ދެނެގަނެވޭނެ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.
އެގޮތުން މި ޕްރޮޖެކްޓްގެ ދަށުން އެކި ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ. ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރގައި ތަރުކާރީގެ ތަފާތު ބާވާތްތަކުގެ އެކި ވެރައިޓީތައް ޓެސްޓްކުރުމާއި ވަކި ވަކި ބާވަތްތަކަށް ޖެހޭ ބަލިތައް ކޮންޓްރޯލް ކުރުމަށް ތަފާތު މެތަޑްތައް ބޭނުން ކޮށްގެން ނެރެވޭ ނަތިއްޖާ ދެނެގަތުން ފަދަ ދިރާސާ މަސައްކަތްތައް ކުރުމަށް ވަނީ ނިންމައިފައެވެ. މީގެ އިތުރުން، މިނިސްޓްރީގެ ފުޑް ސެކިއުރިޓީ ޕްރޮގުރާމަށް ބޭނުންވާ ގަސްއުފެއްދުމުގެ މަސައްކަތް އެތަނުގައި ކުރިއަށް ގެންދިއުމަށް ވެސް ވަނީ ނިންމައިފައެވެ.

މީގެ އިތުރުން، މޯލްޑިވްސް އެގްރި ބިޒްނަސް ޕްރޮގުރާމް ( މެޕް ޕްރޮޖެކްޓް ) ގެ މައި ހަބަކީ ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ. އޭޑީބީ ޕްރޮޖެކްޓްގެ ތެރެއިން ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި މަލްޓިޕަރމަސް އިމާރާތެއް އެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށްވެސް ވަނީ ރޭވިފައެވެ.
އެގްރި ބިޒްނަސް ޕްރޮގުރާމް ( މެޕް ޕްރޮޖެކްޓް )ގެ ތެރެއިން، ދަނޑުވެރިންނަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި، އައު ޓެކްނޮލޮޖީތަކާ ބެހޭ މަޢުލޫމާތު ދިނުން ހިމެނެއެވެ. މީގެ އިތުރުން، މި ޕްރޮގްރާމުގެ ދަށުން ދަނޑުވެރިކަމުގެ ވިޔަފާރިތައް ފެށުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި، އުފެއްދުންތައް މާކެޓްކުރުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުން ހިމެނެއެވެ.
ސަރުކާރަށް އަހަރެއް ވެގެން އައިރު 17 ނޮވެންބަރ 2023 އިން ފެށިގެން 30 ސެޕްޓެންބަރގެ ނިޔަލަށް ދަނޑުވެރިކަމުގެ ދާއިރާއިން ވަނީ ތަމްރީނު ޕްރޮގުރާމްތަކެއް ކުރިއަށް ގެންގޮސްފައެވެ. މި ތަމްރީނު ޕްރޮގުރާމްގައި ޖުމްލަ 278 ބައިވެރިން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި 134 އަންހެނުންނާއި 144 ފިރިހެނުން ހިމެނެއެވެ.
2024 ވަނަ އަހަރު ވާރޓިކަލް ފާރމިންގ އެހެން ރަށްރަށަށް ތަޢާރަފްކުރުމުގެ ޕްރޮގުރާމްގެ ތެރެއިން ޅ. ނައިފަރު، ރ. ހުޅުދުއްފާރު، ނ. ކެނދިކޮޅުދޫ، ތ. ކިނބިދޫ އަދި އއ. މަތިވެރީގައި މި ނިޒާމުގެ ތެރެއިން ޕްރޮގުރަމް ޤާއިމުކުރުމަށް ވަނީ ނިންމައިފައެވެ. މީގެ އިތުރުން ޖަޕާނު ސަރުކާރުގެ ހިލޭ އެހީގައި ޔޫއެންޑީޕީ ގެ ބެލުމުގެ ދަށުން ހިންގާ “ ޕްރޮޖެކްޓް ފޮރ ސަސްޓެނަބަލް އެގްރިކަލްޗަރަލް އިކޮނޮމީ“ ޕްރޮގުރާމްތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމައިފައެވެ.

މީގެ ތެރެއިން، އިޔާދަ ކުރަނިވި ހަކަތައަށް ރާއްޖެއިން އިންވެސްޓް ކުރުން ހިމެނެއެވެ. މިހާރު ރާއްޖެއަކީ ތެލަށް ބޮޑު ޙަރަދެއް ކުރާ ޤައުމެކެވެ. އިޔާދަ ކުރަނިވި ހަކަތައިގެ އެކި ދާއިރާތަކަށް އިންވެސްޓް ކުރެވިއްޖެނަމަ ހަކަތައަށް ކުރާ ހޭދަ ކުޑަ ކުރެވިގެންދާނެ އެވެ. އަދި މި ސިސްތަމް ޤާއިމު ކުރުމަށް ބޭނުންވާ ތަކެތި އެ ރަށްރަކަށް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ޔޫއެންޑީޕިން 12 ސެޕްޓެންބަރ ގައި ވަނީ ޢިއުލާން ކޮށްފައެވެ. އަދި 26 ސެޕްޓެންބަރ 2024 ވަނަ ދުވަހު ބިޑު ހުށަހެޅުން ވަނީ ބާއްވައިފައެވެ. 20 އަހަރު ދުވަހަށް އަމާޒުކޮށްގެން ކުރިއަށް ގެންދިއުމަށް ނިންމައިފައިވާ މި މަސައްކަތަކީ އީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.
ރާއްޖޭގައި ގަސްތަަކަށް ޖެހޭ ތަފާތު ވައްތަރުގެ ބަލިތައް ދެނެގަނެވޭނެ ލެބޯޓްރީއެއް މިހާތަނަށް ރާއްޖޭގައި ޤާއިމުވެފައި ނެތުމުގެ ސަބަބުން، ބަލިތައް ތަހުލީލުކޮށް، އެއަށްދޭންޖެހޭ ފަރުވާ ދަނޑުވެރިންނާއި ހަމައަށް ފޯރުކޯށްދިނުމަށް ހުރި ހުރަސްތައް ނައްތާލުމަށް ރާއްޖޭގައި ޤައުމީ ފެންވަރުގައި ލެބޯޓްރީއެއް ހުރުމަކީ މުހިންމު ކަމެއް ގޮތުގައި އެ ވުޒާރާއިން ވަނީ ފާހަގަކުރައްވައިފައެވެ. އަދި މިހާތަނަށް ރާއްޖޭގައި ދަނޑުވެރިކަމުގެ ލެބޯޓްރީއެއް، ނެތުމުގެ ސަބަބުން، ބޭރަށް ސާންޕަލް ފޮނުވައިގެން ޓެސްޓްތައް ހަދަން ޖެހުމުގެ ސަބަބުން ޙަރަދު ބޮޑުވެ ގޮންޖެހުންތަކާއި ކުރިމަތިލާންޖެހެއެވެ.

މި ފަދަ ލެބޯޓްރީއެއްގެ ސަބަބުން، ގަސްތަކަށް ޖެހޭ ބަލިތައް އަވަހަށް ދެނެގަނެ، އެކަށީގެންވާ ފަރުވާ ދިނުމަށް މަގުފަހިވެގެންދާނެއެވެ. މީގެ ސަބަބުން ދަނޑުވެރިންނަށް ލިބޭ ގެއްލުން ކުޑަވެ، އުފެއްދުންތެރިކަން އިތުރުވެގެންދާނެއެވެ. އަދި މިއީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. މި ލެބޯޓްރީގެ ސަބަބުން، ރާއްޖޭގެ ދަނޑުވެރިކަމުގެ ދާއިރާއަށް އައު ހޯދުންތަކާއި ދިރާސާތައް ކުރުމަށް މަގުފަހި ވެގެންދާނެ އެވެ.
އެގޮތުން ލެބޯޓްރީ އިމާރާތް ކުރުމަށް 29 އޮގަސްޓް 2024 ގައި ސޮއިކޮށްފައެވެ. އަދި މަސައްކަތް ނިންމުމަށްފަހު އިމާރާތް މިނިސްޓްރީ އާއި ހަވާލު ކުރުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ ސެޕްޓެންބަރ މަހު 18 ވަނަ ދުވަހުގައެވެ. މިނިސްޓްރިގެ އަމާޒަކީ 2025 ވަނަ އަހަރު އެ ލެބޯޓްރީން ދަނޑުވެރިންނަށް ހިދުމަށްތައް ފޯރުކޮށްދިނުން ފެށުމެވެ. ލެބޯޓްރީއިން ފޯރުކޯށްދޭ ޙިދުމަށްތަކުގެ ތެރޭގައި ގަސްތަކަށް ޖެހޭ ބަލި ދެނެގަތުމާއި، ފަސް ޓެސްޓްކުރުމާއި، ނައޮލޮޖިކަލް ކޮންޓްރޯލް އެޖެންޓްސް އުފެއްދުން، ޕްލާންޓް ޓިޝޫކަލްޗަރ ކޮށްގެން ދޮންކެޔޮ ކަހަލަ ކުދި ގަސްތައް އުފެއްދުން ހިމެނެއެވެ.
ލެބޯޓްރީއަށް ބޭނުންވާ ސާމާނުތައް ވަނީ މެޕް ޕްރޮޖެކްޓުންނާއި، ޖަޕާން ސަރުކާރުގެ އެހީގެ ދަށުން ޔޫ.އެން.ޑީ.ޕީއިން ކުރިއަށް ގެންދާ ޕްރޮމޯޓިންގ ޑެވޮލޮޕްމެންޓް އޮފް ސަސްޓޭނަބަލް އެގްރިކަލްޗަރ އިކޮނޮމީ ޕްރޮޖެކްޓްގެ ދަށުން ހޯދާ އެ ސިޓީއަށް ފޮނުވާފައެވެ.

މީގެ އިތުރުން، ހައިޑްރޮޕޯނިކް ޕްރޮގުރާމްތައް ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ. މި ފަދަ ޒަމާނީ ގޮތްތައް ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމުން، މަދު ޖާގައެއްގައި ގިނަ އުފެއްދުންތެރިކަމެއް ހޯދުމަށް މަގުފަހިވެގެންދާނެއެވެ. މި ޕްރޮގުރާމްގެ މަޤްސަދަކީ ކުޑަ ބިންކޮޅެއްގައި ޒަމާނީ އާލާތްތައް ބޭނުންކޮށްގެން ވިޔަފާރީގެ އުސޫލުން ފަތްތަރުކާރި އުފައްދާ މާކެޓް ކުރުމުގެ މަގު ތަނަވަސް ކޮށްދިނުމެވެ. މި ޕްރޮގުރާމް ހިންގުމަށް ނިންމައިފައިވަނީ ކޮންމެ އަހަރަކުވެސް ހޮވާލެވޭ 2 ރަށެއްގައެވެ.

މީގެ ކޮންމެ ރަށެއްގައި 10 ދަނޑުވެރިންނަށް ފަތްޕިލާވެއްޔަށް ޙާއްސަ، އަދި ކިޔުކަންބާ އާއި މެލަންފަދަ ތަރުކާރީގެ ބާވާތްތަކަށް ޙާއްސަ ހައިޑްރޮޕޯނިކްސް ސިސްޓަމެއް ޤާއިމުކޮށް ދިނުމާއި އެކަމާ ގުޅޭ ތަންރީނު ފޯރުކޮށް ދިނުމަށް ވަނީ ނިންމައިފައެވެ. 2024 ވަނަ އަހަރު ހައިޑްރޮޕޯނިކްސް ޕްރޮގުރާމް ހިންގުމަށް ހަމަޖެހިފައިވަނީ އަދ. އޮމަދޫ އަދި ފ. ދަރަނބޫދޫގައެވެ. މި ރަށްތަކުގައި ހައިޑްރޮޕޯނިކްސް ސިސްޓަމް ޤާއިމުކުރުމަށް ތަކެތި ގަނެ ސަޕްލައި ކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާއިފައެވެ. މި ޕްރޮގުރާމްގެ ތެރެއިން 2 ރަށުގައި ހައިޑްރޮޕޯނިކްސް ސިސްޓަމްތައް ޤާއިމްކޮށްދިނުމާއި ތަމްރީނު ދިނުމުގެ އަމަލީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ނޮވެންބަރ އަދި ޑިސެންބަރ މަހުގައެވެ.

ދަނޑުވެރިކަމަކީ ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަމަށް މަގުފަހިކުރާ އެންމެ މުހިންމު އެއް ވަސީލަތެވެ. ނަމަވެސް، ޒަމާނާ އެއްގޮތަށް ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަކީ މިއަދު ކޮންމެހެން ކުރަންޖެހިފައިވާ ކަމެކެވެ. ހައިޑްރޮޕޯނިކްސް، އޭރޯޕޯނިކްސް، އަދި ޕައިންއެޕަލް ޓަވަރ ސިސްޓަމް ފަދަ ޒަމާނީ ޓެކްނޮލޮޖީތައް ތަޢާރަފުކުރުމަކީ މި ދާއިރާ ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ.
މީގެ އިތުރުން، ގަސްތަކަށް ޖެހޭ ބަލިތައް ދެނެގަނެވޭނެ ލެބޯޓްރީއެއް ޤާއިމުކުރުމާއި، އެގްރި ބިޒްނަސް ޕްރޮގްރާމްތައް ހިންގުމަކީވެސް މުހިންމު ކަންކަމެވެ. މި ފަދަ މަސައްކަތްތަކުގެ ސަބަބުން، މަދު ޖާގައެއްގައި ގިނަ އުފެއްދުންތެރިކަމެއް ހޯދުމަށް މަގުފަހިވެ، ތިމާވެށްޓާ ރައްޓެހި ގޮތަކަށް ދަނޑުވެރިކަން ކުރެވޭނެއެވެ. އަދި މިއީ ރާއްޖޭގެ ކާބޯތަކެތީގެ ރައްކާތެރިކަން އިތުރުކުރުމަށާއި، އިޤްތިޞާދީ ގޮތުން ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެކެވެ. ސަރުކާރާއި އަމިއްލަ ފަރާތްތަކުން މި ދާއިރާއަށް އިތުރު އަހައްމިއްޔަތުކަމެއް ދީ، އިތުރު އިންވެސްޓްމަންޓްތައް ކުރުމަކީ މުޅި ޤައުމަށް ލިބިގެންދާނެ ކުރިއެރުމެކެވެ. ދަނޑުވެރިކަމުގެ ދާއިރާ ޒަމާނީކޮށް ކުރިއެރުވުމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދު ވަރުގަދަވެ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިވެގެންދާނެ ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

