އަސްކަރީ އެހީ ފޯރުވުމުގެ ގޮތުން ނޯތުކޮރެއާ ދެމެދު ގާއިމުކޮށްފައިވާ އެއްބަސްވުން ރަޝިއާގެ މަޖިލީހުގެ ލޯވާ ހައުސްއިން ބަލައިގަނެވެފައިވާކަމަށް މީޑީއާތަކުން ބުނެފިއެވެ.
ރިޕޯޓުތަކުގައިވާގޮތުން ރަޝިއާގެ ގާނޫނު ހަދާ ފަރާތްތަކުންވަނީ އެ ގައުމު އަދި ނޯތުކޮރެއާ ދެމެދު އަސްކަރީގޮތުން އެހީތެރިކަން ދިނުމަށްޓަކައި ގާއިމުކޮށްފައިވާ އެއްބަސްވުން އެންޑޯސްކޮށްފައެވެ. އަދި މި މަސައްކަތްތައް ކުރެވިގެންދިޔައީ ނޯތުކޮރެއާގެ 3000 ސިފައިން ރަޝިއާއަށް އެހީތެރިވުމަށް ފޮނުވާފައިވާކަން އެމެރިކާއިން މީޑިއާތަކަށް ކަށަވަރުކޮށްދީފައިވަނިކޮށްކަމަށެވެ.
ނޯތުކޮރެއާ ދެމެދު ”ކޮމްޕްރިހެންސިވް ސްޓްރެޓީޖިކް ޕާޓްނާޝިޕް“ އެއްބަސްވުމެއްގައި ސޮއިކޮށް މަޖިލީހަށް ފޮނުއްވީ ރަޝިއާގެ ރައީސް ވްލެޑިމިއަރ ޕުޓިންކަމަށްވާއިރު އެ ގައުމުގެ މަޖިލީހުންވަނީ ލަސްތަކެއް ނެތި އެ މަސައްކަތްތައް ފާސްކޮށްފައިކަމަށާއި މިއީ ޖޫން މަހުގެ ތެރޭގައި ޕުޓިން ނޯތުކޮރެއާއަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން އައިސްފައިވާ ނިންމުމެއްކަމަށެވެ. މިހާރު ފާސްވެފައިވަނީ ލޯވާ ހައުސްއިންކަމަށްވާއިރު އަޕާ ހައުސްއިންވެސް ފާސްވެގެންދާނެކަމަށް މީޑީއާތަކުން އަންދާޒާކުރެއެވެ.
މި އެއްބަސްވުމުގެ ދަށުން އެއްބަސްވުމުގައި ހިމެނޭ ގައުމަކަށް އެއްވެސް ފަރާތަކުން ހަމަލާއެއް ދީފި ހާލަތެއްގައި ވަގުތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ކަނޑައެޅިފައިވެއެވެ. އަދި އެ ހަމަލާއިން ދިފާއުކުރުމަށްޓަކައި ހުރިހާ ގާބިލުކަމެއްގެ ބޭނުންތައް ކުރާނެކަމަށްވެސް ބުނެފައިވާއިރު މިއީ ފިނި ހަނގުރާމައިގެ ދުވަސްވަރަށްފަހު ދެ ގައުމުގެ ދެމެދުގެ ގުޅުން އެންމެ ބޮޑަށް ވަރުގަދަވެފައިވާ ފަހަރުކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ފާހަގަކުރެއެވެ.
އެމެރިކާއިން ބުނެފައިވާގޮތުން ނޯތުކޮރެއާއިންވަނީ އެ ގައުމުގެ 3000 ސިފައިން ރަޝިއާއަށް ފޮނުވާފައިކަމަށާއި އެކި ސަރަހައްދުތަކުގައި ޓްރެއިނިންގް މަސައްކަތްތައް ކުރަމުންދާކަމަށެވެ. އަދި އެ ގައުމުންވަނީ މިއީ ނުރައްކާތެރި އިންޒާރެއްގެ ގޮތުގައި ސިފަކޮށްފައިކަމަށްވާއިރު ޔޫކްރެއިން އާއި ދެކޮޅަށް ނުކުމެއްޖެ ހާލަތެއްގައި އެ ފަރާތްތަކަށްވެސް ހަމަލާ ދިނުން އެކަށީގެންވާ ކަމެއްގެ ގޮތުގައި ހިއްސާކުރިއެވެ.
ބްރިކްސް ސަމިޓުގެ ހަވާސާގައި މިކަމާއި ގުޅޭގޮތުން ސުވާލުކުރުމުން ޕުޓިންވަނީ ދެ ގައުމުގެ ދެމެދު ދެމެދު ގާއިމުކުރެވިފައިވާ އެއްބަސްވުމަށް އިޝާރާތްކުރައްވާފައެވެ. އަދި ނޯތުކޮރެއާއިން އެ ގައުމާއި ދެމެދު ވެފައިވާ އެއްބަސްވުން މުހިންމު ކަމެއްގެ ގޮތުގައި ދެކޭނެކަމާއިމެދު ޝައްކެއްވެސް ނެތްކަމަށާއި އެއްބަސްވުމުގެ އޮނިގަނޑުގެ ތެރެއިން ކުރެވޭ މަސައްކަތްތަކަކީ ދެ ގައުމުގެ ދޭތެރޭ އޮތް ކަމެއްކަމަށްވެސް ފާހަގަކުރެއްވިއެވެ.

