ދެމެހެއްޓެނިވި މަސްވެރިކަމަށް އައު އީޖާދުތައް ގެނައުން މުހިންމުކަމަށް ފިޝަރީޒް މިނިސްޓަރ އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ޗައިނާގެ ޝިންޑާއޯގައި އޮކްޓޫބަރުމަހުގެ 24 އިން 25 އަށް ކުރިއަށްދިޔަ 2024 ގްލޯބަލް އޯޝަން ޑިވެލޮޕްމަންޓް ފޯރަމުގައި ވާހަކަފުޅު ދައްކަމުން މިނިސްޓަރ ވަނީ ރާއްޖޭގެ މަސްވެރިކަން ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކުގެ ތަފްސީލު ދެއްވާފަ އެވެ.
ރަސްމިއްޔާތުގައި ޝިޔާމް ދެއްކެވި ވާހަކައިގައި ފާހަގަކުރެއްވި ގޮތުގައި ރާއްޖެއަކީ ވަށައިގެން ކަނޑު އޮންނަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ގައުމެކެވެ. އަދި މޫސުމީ ބަދަލުތަކުގެ ސަބަބުން ކަނޑުގެ ދިރުންތަކަށް ކުރާ އަސަރާއި، މަސްވެރިކަމުގެ ނުރަނގަޅު އާދަތަކުގެ ސަބަބުން އެ ސިނާޢަތަށް ބަރޯސާވާ އެތައް ބަޔަކަށް އެކަމުގެ ގެއްލުން ލިބެމުންދާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ޝިޔާމް ވިދާޅުވީ މަހާއި މަހުގެ އުފެއްދުންތަކަށް ދުނިޔޭގެ ބާޒާރުގައި އޮންނަ ޑިމާންޑު އިތުރުވަމުންދާއިރު، ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމަށް ރާއްޖެފަދަ ޤައުމުތަކަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވަމުން އަންނަ ކަމަށެވެ.
ގްލޯބަލް އޯޝަން ޑިވެލޮޕްމެންޓް ފޯރަމުގެ މަގްސަދަކީ ކަނޑުގެ ވަސީލަތްތަކުގެ ދެމެހެއްޓެނިކަން ކަށަވަރު ކުރުމަށް ޤައުމުތައް ގުޅިގެން މަސައްކަތް ކުރުންކަމަށް މިނިސްޓަރ ވިދާޅުވި އެވެ. މި ފޯރަމަކީ ކަނޑުގެ ވަސީލަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ބޭނުންކުރުމާ ގުޅޭ ގޮތުން ބައިނަލްއަޤްވާމީ ފެންވަރުގައި މަޝްވަރާކުރުމަށް ލިބުނު މުހިންމު ފުރުސަތެއް ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

