ސަރުކާރުގެ ސިޔާސީ މަގާމެއްގައި ހުރެ، އެ މީހަކު ނިސްބަތްވާ ޕާޓީއަށް މެމްބަރުން އިތުރު ކުރުމުގެ މަސައްކަތް ކުރުމަށް މަލްޓި ޕާޓީ ޑިމޮކްރަސީ ހުރަހެއް ނާޅާކަމަށް ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.
ސަރުކާރު ހިންގާ މައި ޕާޓީގެ ހައިސިއްޔަތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭނުންފުޅު ވަނީ ޕީއެންސީއަކީ ރާއްޖޭގައި އެންމެ މެމްބަރުން ގިނަ ޕާޓީއަށް ވުމަށެވެ. ވެރިކަމަށް އަހަރެއް ފުރުމުގެ ކުރިޔަށް ޕާޓީގައި 75،000 މެމްބަރުން ތިބުމަށް އެދިވަޑައިގަންވާކަމަށް ރައީސް ވިދާޅުވެފައި ވާތީ، ޕާޓީގެ ގިނަ ހަރަކާތްތައް މާލެއާއި އަތޮޅުތެރޭގައި ދަނީ ހިންގަމުންނެވެ.
އަންނަ މަހުގެ 17 ގައި މި ސަރުކާރަށް އަހަރެއް ފުރޭއިރު، މިފަހުން ސިލްސިލާކޮށް ކޮންމެ ދުވަހަކު ވެސް މެމްބާޝިޕް ޑްރައިވް ހަރަކާތެއް އޮވެ އެވެ. މި ހަރަކާތުގެ ތެރެއިން، ފޯމުތައް ފުރުމުގެ މަސައްކަތްތައް ދައުލަތުގެ އޮފީސްތަކުގައި ކުރަމުންދާކަމަށް ބުނެ ތުހުމަތު ކުރަމުން ދާތީ، އަބްދުއްރަހީމް އެ ވާހަކަތަކަށް ރައްދު ދެއްވީ މިރޭ ޕީއެންސީ އޮފީހުގައި އޮތް ރަސްމިއްޔާތެއްގަ އެވެ.
ޕާޓީއަށް ސޮއި ކުރި މެމްބަރުންގެ ފޯމުތައް ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އަބްދުއްރަހީމް ވިދާޅުވީ މި ސަރުކާރުގެ މަސައްކަތްތައް ކުރިޔަށް ދަނީ ”މުއިއްޒު ސްޕީޑުގައި“ ކަމަށެވެ. ޕާޓީތައް ހިންގައި، ސިޔާސީ މަސައްކަތް ކުރުމަށް ފަރިތަ ބަޔަކު ޕީއެންސީ ހިންގާއިރު، އަބްދުއްރަހީމް ވިދާޅުވީ މިއީ ވަގަށް މެމްބަރުން ވައްދަން ޖެހޭ ވަރުގެ ދަށް ޕާޓީއެއް ނޫންކަމަށެވެ.
ވަގު ފޯމުތައް ފުރުމުގެ މަސައްކަތް ކުރާނީ، އެއްވެސް ތާއީދެއް ނެތް ޕާޓީތަކުންކަމަށާއި ޕީއެންސީ އޮފީހުގައި ކޮންމެ ދުވަހަކު ވެސް އެތަައް ސަތޭކަ ފޯމަކާއި ހަވާލުވުމުގެ ގޮތުން ރަސްމިއްޔާތުތައް އޮންނަކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
ސަރުކާރުގެ އޮފީސްތަކުގެ ރަސްމީ މަސައްކަތު ގަޑީގައި، ޕީއެންސީއަށް މެމްބަރުން ވެއްދުމަށްޓަކައި ހަރަކާތްތައް ކުރިޔަށް ގެންގޮސް ޕާޓީއަށް ސޮއި ކުރުމަށް މުވައްޒަފުންނަށް މަޖުބޫރު ކުރުވާކަމަށް ކުރާ ތުހުމަތުގެ ރައްދުގައި އަބްދުއްރަހީމް ވިދާޅުވީ މި ސަރުކާރުގައި ވަޒީރުކަމުގައި ތިބީ ޕީއެންސީގެ މެމްބަރުން ކަމަށެވެ. އަދި ދައުލަތުގެ އެކި އިދާރާތަކުން ފެށިގެން ގޮސް، ކުންފުނިތަކުގެ މަގާމުތަކުގައި ވެސް ތިބީ ޕީއެންސީގެ މެމްބަރުންކަމަށް ވާތީ ޕާޓީއަށް ކުރިއެރުން ގެނެސްދިނުމަކީ އެބޭފުޅުންގެ ޒިންމާއެއްކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އެބޭފުޅުން މަގާމަށް ވަޑައިގަންނަވަނީ ޕާޓީގެ ފަރާތުން.. އެހެންވީމަ އެބޭފުޅުންގެ ޕާޓީ.. އެބޭފުޅުން ބޮޑު ކުރުމަށް މަސައްކަތް ކުރުމަކީ އެއްވެސް ގައުމެއްގައި.. އެއްވެސްތަނެއްގައި މަލްޓި ޕާޓީ ޑިމޮކްރަސީ ހުރަސްއަޅާކަމެއް ނޫން.. އެހެންވީމަ މިކަންކަން ނޭނގޭ ބޭފުޅުން މި ވާހަކަތައް ދައްކާތީ، މި ވާހަކަ މި ދަންނަވާލީ..
އަބްދުއްރަހީމް ވިދާޅުވީ އެކި ސިޔާސީ ޕާޓީތަކުން ރާއްޖޭގެ ވެރިކަމަށް އައުމަށް ފަހު، ފެނިގެން ދިޔައީ ޕާޓީ ދޫކޮށްލާ މަންޒަރު ކަމަށެވެ. ވެރިކަމަށް އައުމަށް ފަހު ޕާޓީ ގެއްލިގެން ދާތީ، ޕާޓީގެ ނިޒާމުގެ އެއްވެސް އަސަރެއް އެ ވެރިކަމަކުން ނުފެންނަކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
ސަރުކާރާއި ގައުމުގެ މުހިންމު ނިންމެވުންތަކާއި ހަމައިން، ރައީސް މުއިއްޒު އަބަދުވެސް މަޝްވަރާ ކުރައްވަނީ އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ޕާޓީގެ ލީޑާޝިޕާއި އެކު އެވެ. އަދި ރައްޔިތުންނަށް ބޭނުންވާ ބަދަލުތަކާއި ގުޅޭގޮތުން، ޕާލިމެންޓްރީ ގްރޫޕާއި ބައްދަލު ކުރައްވާކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

