ދިވެހިރާއްޖޭގައި މަސްވެރިކަމުގެ ސިނާއަތުގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދިގު މުއްދަތަކަށް އެ ދާއިރާގައި ކެޕޭސިޓީއެއް ނެތުން ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ވެހޭ ވުޒާރާގެ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލިހުގައި މަރަދޫ ދާއިރާގެ މެމްބަރ އަހްމަދު ދީދީ ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ، މަސްވެރިކަމުގެ ދާއިރާގައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ހުރިހާ ގޮތަކުންވެސް އެ ދާއިރާގައި ކެޕޭސިޓީ ނެތުން ކަމަށެވެ. މަސްރައްކާކުރުމާއި އަގު އެއްކުރުމުގެ ކެޕޭސިޓީ އޭގެ ތެރެއިން ހިމެނިގެންދާ ކަމަށް ވަނީ ވިދާޅުވެފައެވެ.
“ އެއީ އަނގު އެއްކުރުމުގެ ކެޕޭސިޓީ ކަމުގައި ވީ ނަމަވެސް، ކެޕޭސިޓީ ނެތި އެހާ ގިނަ ދުވަސް މަސްވެރި ސިނާއަތް އޮތް އޮތުން ހަނގީގަތުގައި މިއީ މަސްވެރި ސިނާއަތަަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ “ ވަޒީރު ވިދާލުވިއެވެ.
ވަޒީރު ވިދާޅުވީ، ފެލިވަރުގެ އޮޕަރޭޝަނަށް 47 އަހަރު ވެގެން ދިޔައިރުވެސް މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް އެއްވެސް މަސައްކަތް ކޮށްފައި ނުވާ ކަމަށެވެ. އަދި މިފްކޯއަށް 28 އަހަރު ވެގެންދިޔައިރު، މަސްވެރިކަމުގެ ސިނާއަތުގައި ދިވެހިރާއްޖޭގެ މަސްވެރިން އަތުން މަސް ގަންނަ ގޮތް ތަރައްޤީވެފައި ނެތުމަކީ މިއަދު އޮތް ގޮންޖެހުމެއް ކަމަށްވެސް ވަޒީރު ވަނީ ފާހަގަކުރައްވައިފައެވެ.
ކުރީ ސަރުކާރުން، ދެކުނުގައި ޤާއިމުކޮށްފައިވާ ފެސެލިޓީގެ ކެޕޭސިޓީ އިތުރުކުުރުމަށް ވޭތުވެ ދިޔަ ސަރުކާރުން ވަރަށް ގިނަ މަޝްވަރާތަކެއް ކޮށްފައިވީ ނަމަވެސް ހިތާމައަކީ ކެޕޭސިޓީ އިތުރުކުުރުމަށް އަމަލީ ގޮތުން މަސައްކަތް ކޮށްފައިނެތުން ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލު ވުމަށްފަހު މަސްވެރިކަމުގެ ސިނާއަތުގައި ހުރި ގޮންޖެހުންތައް ހައްލު ކުރުމަށްޓަކައި، މަސްވެރިކަމުގެ ސިނާއަތުގެ ކެޕޭސިޓީ އިތުރުން ކުރުމުގެ މަސައްކަތް ފެށި ކަމަށެވެ.
ވަޒީރު ވިދާޅުވީ، މިފްކޯގެ ތަރައްޤީއަށް ކުރަންޖެހިފައިވާ މަސައްކަތުގެ ތެރެއިން އައްޑޫގެ ފިޝަރީސް ކޮންޕްލެކްސް ހިމެނޭ ގޮތަށް ފަންޑިން އެޖެންސީތަކުން ނިމިދިޔަ ހަފްތާގާއި ފައިސާ ހަމަޖެހިފައިވާ ކަމަށެވެ. އަދި އައްޑޫގެ ފިޝަރީސް ކޮންޕްލެކްސްގެ މަސައްކަތް 2025 ވަނަ އަހަރުގެ ކުރީކޮޅު ފެށި 2026 އަހަރަށް އެ މަސައްކަތް ނިމިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

