އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ރައީސް ކަނޑައެޅުމުގެ ބާރު ރައީސުލްޖުމްހުރިއްޔާ އަށް ދިނުމުން ސަރުކާރުގެ ނުފޫޒު އީސީއަށް ފޯރުވާނެކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި އީސީގެ ގާނޫނަށް ހުށައަޅުއްވާފައިވާ އިސްލާހުގެ ބަހުސްގެ މަރުހަލާ ވަނީ ފަށަފައެވެ. މި ބިލަށް ބަހުސް ކުރައްވަމުން މައުރޫފް ވިދާޅުވީ، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އީސީގެ ރައީސް އާއި ނައިބު ރައީސް އައްޔަނުކުރުމުގެ ބާރު ރައީސުލްޖުމްހުރިއްޔާ ދެއްވަން އިސްލާހު ގެންނަނީ ކުރީ ސަރުކާރުން، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް އައްޔަނުކުރުމަށް މި އިސްލާހު ގެނެސްފައިވާތީކަމަށް ޕީއެންސީގެ މެންބަރުން ފާހަގަކުރިކަމަށެވެ.
ސިވިލް ސަރވިސް ކޮމިޝަނަކީ އިދާރީ ގޮތުން ސަރުކާރު ނުވަތަ ޕަބްލިކް ސެކްޓަރ ހިންގުމުގެ މަސްއޫލިއްޔަތު އޮތް ބައެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ސިވިލް ސަރވިސް ކޮމިޝަންގެ މެންބަރުންގެ ގޮތުގައި ތިއްބަވާ ބޭފުޅުންނަށް ބާރުގެ ބޭނުން ނާޖާއިޒު ގޮތުގައި ހިފުމުގެ ފުރުސަތު އޮތީ ވަރަށް ހަނިކޮށްކަމަށް އޭނާ ވިދާޅުވިއެވެ.
ނަމަވެސް އޭސީސީއާއި އީސީއަކީ ވަރަށް މުހިންމު. މުސްތަގިއްލު މިނިވަން މުއައްސަސާތަކެއްކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އީސީ ފާހަގަވެފައި އޮންނަނީ، އޭރެއްގައި ވެރިކަމުގައި އޮންނަ ޕާޓީއަށް ތާއީދުކޮށް، އެ ޕާޓީގެ ނުފޫޒުން ހިނގާ ތަނެއްގެ ގޮތުގައިކަމަށް ވިދާޅުވިއެވެ.
އީސީއަށް އޭރެއްގައި އޮންނަ ސަރުކާރެއްގެ ނުފޫޒު އޮންނަކަން، ކޮމިޝަންގެ ބައެއް ނިންމުންތަކުން އެނގޭކަމަށް ވިދާޅުވެ، މައުރޫފް ތުހުމަތު ކުރެއްވީ ސަރުކާރުން ބޭނުންވުމުން ބައެއް ޕާޓީތައް އުވާލާކަމަށާއި، އަދި މަޖިލީހުގެ ދާއިރާތައް ކަނޑައެޅުމުގައިވެސް ވަކި ބަޔަކު ބޭނުންވާ ގޮތަށް ކަން ކުރާކަމަށެވެ.
އަޅުގަނޑު ސިޔާސީ ޕާޓިއެއް ތަމްސީލު ކުރުމުގެ ގޮތުން އިލެކްސްޝަންސް ކޮމިޝަނާއިއެކު ވަރަށް ގިނަ ދުވަސްތަކެއްގައި މަސައްކަތް ކުރިން، އަދި ހަމަ އެހެންމެ، އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް ނިންމާފައި ހުރި ބައެއް ނިންމުންތަކަށް ބަލާއިރުގައި، ސަރުކާރުން ބޭނުންވެގެން ބައެއް ސިޔާސީ ޕާޓީތައް އުވާލައި، ރައްޔިތުންގެ މަޖިލީހުގެ ދާއިރާތައް ކަނޑައެޅުމުގައި ވަކި ފަރާތްތަކެއް ބޭނުންވާގޮތަށް އިލެކްޝަންސް ކޮމިޝަނުން މަސައްކަތްކޮށްފައި އެބަހުރި.
މައުރޫފް ވިދާޅުވިއެވެ.
އީސީއިން އަންނަނީ ވަރަށް ބޮޑަށް ނުފޫޒުގެ ބޭނުންކުރަމުންކަމަށްވެސް މައުރޫފް ވިދާޅުވިއެވެ. ޑިމޮކްރަސީއެއްގައި މިނިވަން މުސްތަގިއްލު އިންތިހާބުތަކެއް ބާއްވަނީ، ރައްޔިތުންގެ ބަސް ހިމެނުން މުހިންމުވާތީކަމަށް ފާހަގަކުރެއްވިއެވެ.
ބޮޑު ހަރަދުކޮށް، ރާއްޖޭގައި އިންތިހާބުތައް ވަކި ވަކިން ބާއްވާއިރު، އީސީއަށް އެއްވެސް ބައެއް ނުފޫޒު އޮންނާނެ ގޮތަށް ނިޒާމު ބައްޓަން ކުރެވިފައި އޮތުމަކީ ނަތީޖާއަށް އަސަރުކޮށްފާނެކަމެއްކަމަށް މައުރޫފް ވިދާޅުވިއެވެ.
މިހެން ހުރި ސަބަބުތަކާއި ހެދި، އީސީގެ ރައީސް އަދި ނައިބު ރައީސް ކަނޑައެޅުމުގައިވެސް ރައީސުލްޖުމްހުރިއްޔާ ދައުރު އޮތުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

