ސައްހަ ނޫން ފައިސާއިން މުއާމަލާތް ކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން މާލެއިން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރީ ތ. ތިމަރަފުށި، ސަލްވާ، އާއިޝަތު ޝިޒުނީ، 25 އަދި ސ. ހިތަދޫ، އަތަމާވިލާ، މައުޒޫ މުހައްމަދު، 29 އެވެ.
ފުލުހުން ބުނީ ހުށަހެޅުނު މައްސަލައަކާ ގުޅިގެން އޮކްޓޯބަރު 29، ގައި ހިންގި އޮޕަރޭޝަނެއްގައި އެ ދެ މީހުން ހައްޔަރުކޮށް ބަލައިފާސްކުރިއިރު 500ރ. ގެ ސައްހަ ނޫން 24 ނޫޓު ފެނިފައިވާ ކަމަށެވެ.
އެ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަމުރު ކޮށްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ ފަހަކަށް އައިސް އާދައިގެ ކަރުދާހަށް ޕްރިންޓުކޮށްފައި ހުންނަ 500ރ. ސައްހަ ނޫން ނޫޓު ދައުރުވަމުންދާކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.
އެހެންކަމުން، ވިޔަފާރީގެ މުއާމަލާތްތަކާއި ފައިސާގެ މުއާމަލާތްތައް ކުރުމުގައި ވެސް، ދިވެހި ރުފިޔާގެ ތަފާތު ނޫޓުތަކުގައި ހުންނަ ސެކިއުރިޓީ ފީޗާސްތައް ހުރިތޯ ބެލުމަށާއި ފައިސާ ޕްރިންޓުކޮށްފައިވާ ކަރުދާހުގެ ކޮލިޓީ ބެލުންފަދަ ކަންކަމަށް ސަމާލުވުމަށް ދަންނަވަން.
ފުލުހުން ބުންޏެވެ.
އެފަދަ މައްސަލައެއް ދިމާވެއްޖެނަމަ ފުލުހުންނަށް ރިޕޯޓުކުރުމަށް ވެސް ފުލުހުން ވަނީ އެދިފަ އެވެ.

