އަސާސީ ހިދުމަތްތައް ފޯރުކޮށްދޭ ސަރުކާރުގެ ކުންފުނިތަކަށް މިހާރު ދެމުންދާ ސަބްސިޑީތަކުގެ ބަދަލުގައި، އެންމެ ބޭނުންޖެހިފައިވާ ދިވެހިރައްޔިތުން ދެނެގަނެ، ސީދާ އެ ރައްޔިތު މީހާގެ ޖީބަށް ސަބްސީޑީ ލިބޭގޮތަށް ނިޒާމު ބަދަލުކުރުން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެކަމަށް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާ ދައުލަތުގެ ބަޖެޓުގެ ކުރު ތަފްސީލެއް މަޖިލީހަށް އިއްވަމުން، މިނިސްޓަރ ޒަމީރު ވިދާޅުވީ ބަޖެޓު އެކުލަވާލުމާއި ތަންފީޒު ކުރުމުގެ މަރުހަލާތަކަށް އިސްލާހީ ބަދަލު ގެނައުމަށް ގިނަ މަސައްކަތްތަކެއް ފެށިފައިވާކަމަށެވެ. އެގޮތުން ބަޖެޓު ބައިކޮށް ފާސްކުރާ ގޮތާއި، ބަޖެޓު ތަންފީޒު ކުރާއިރު ބަޖެޓުގައި އެއްބައިން އަނެއް ބަޔަކަށް ބަދަލު ގެނައުމުގެ އުސޫލުތައް ކަނޑައަޅައި އަންނަ އަހަރު ގާނޫނީ އޮނިގަނޑަށް ބަދަލު ގެނައުމަށް ސަރުކާރުން ވިސްނުން ގެންގުޅޭކަން ހާމަކުރެއްވި އެވެ.
ޒަމީރު ވިދާޅުވީ ދައުލަތުގެ ޕްރޮކިއުމަންޓު ނިޒާމު ހަރުދަނާކޮށް، ނިޒާމުގެ ތެރޭގައި ހުރި ނާޖާއިޒް އަދި ނުހައްގު މަންފާތައް ހޯދުމަށް ހުރި ފުރުސަތުތައް ހަނިކޮށް މުޅި ނިޒާމުގެ ތެރެއިން ހިނގާ އިސްރާފުތައް ކުޑަ ކުރުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ވެސް މި މަސައްކަތުގެ ތެރެއިން ގެނެވޭނެ ކަމަށެވެ.
ބަޖެޓުގައި އެކި ދާއިރާތަކަށް އިސްކަމެއް ދެވިފައިވާނެކަމަށް ޒަމީރު ފާހަގަކުރެއްވިއިރު އޭގެ ތެރޭގައި ބޯހިޔާވަހިކަމާއި، ސިއްހީ ދާއިރާ އަދި ތައުލީމީ ނިޒާމު ހިމެނެ އެވެ. އަދި ރައްޔިތުންނަށް ފޯރުކޮށް ދޭން ޖެހޭ އަސާސީ ހިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމުގެ ގޮތުން، ބަޖެޓުގައި މުހިންމު ބައިތަކެއް ހިމެނިފައިވާނެކަމަށް ވިދާޅުވި އެވެ.
ބަޖެޓުގައި ހުރި ދާއިރާތަކުގެ ތެރެއިން ޒަމީރު ދެން ތަފްސީލު ދެއްވި ދާއިރާއަކީ، އިޖްތިމާއީ ރައްކާތެރިކަން ކަށަވަރު ކުރުމަށް ރައްތިތުންނަށް ދެމުން ގެންދާ އެހީއާއި ސަބްސިޑީ އެވެ. ޒަމީރު ވިދާޅުވި ގޮތުގައި އެންމެ ބޭނުން ޖެހިފައިވާ މީހާ ދެނެގަނެ އެންމެ އިންސާފުވެރިކަމާއި އެކު ދެވޭ އެހީތަކަށް ސަބްސިޑީ ހެދުމަކީ މުޅި އިޖްތިމާއީ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން އެޅުމަށް ނިންމާފައިވާ މުހިންމު އެއް ފިޔަވަޅެވެ.
ޒަމީރު ވިދާޅުވީ އަސާސީ ހިދުމަތްތައް ފޯރުކޮށްދޭ ސަރުކާރުގެ ކުންފުނިތަކަށް މިހާރު ދެމުން ގެންދާ ސަބްސިޑީގެ ބަދަލުގައި އެންމެ ބޭނުންޖެހިފައިވާ ރައްޔިތުން ދެނެގަނެ، ސީދާ އެ މީހާއަށް ސަބްސިޑީ ލިބޭނެ ގޮތަށް ނިޒާމު ބަދަލު ކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ އެވެ.
އިޖްތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށް ރައްޔިތުންނަށް ދެވޭ އެހީއާއި ސަބްސިޑީއަކީ އެންމެ ބޭނުންޖެހިފައިވާ މީހާ ދެނެގަނެ، އެންމެ އިންސާފުވެރިކަމާއި އެކު ދެވޭ އެހީތަކަކަށް ހެދުމަކީ މުޅި އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމު ހަރުދަނާކުރުމަށް ސަރުކާރުން އަޅަން ނިންމާފައިވާ މުހިންމު ފިޔަވަޅެއް. އެގޮތުން، އަސާސީ ހިދުމަތްތައް ފޯރުކޮށްދޭ ސަރުކާރުގެ ކުންފުނިތަކަށް މިހާރު ދެމުންދާ ސަބްސިޑީތަކުގެ ބަދަލުގައި، އެންމެ ބޭނުންޖެހިފައިވާ ދިވެހިރައްޔިތުން ދެނެގަނެ، ސީދާ އެ ރައްޔިތުމީހާގެ ޖީބަށް ސަބްސީޑީ ލިބޭގޮތަށް ނިޒާމު ބަދަލުކުރުން އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާނެ.
ސަބްސިޑީގެ ނިޒާމު ހަރަދަނާ ކުރުމަށް ސަރުކާރުން ގެންގުޅުއްވާ ޕްލޭންގައި ވަނީ، ދެމެހެއްޓެނިވި ގޮތެއްގައި ހަރަދުތައް ކުރުމަށް ވަކި ހާއްސަ ސަބްސިޑީޓަކެއް ތައާރަފު ކުރުމެވެ. އަދި އެކަން ހާސިލު ކުރުމަށް ގެނެވޭ އިސްލާހުގެ ތެރެއިން މުޖްތަމައުގެ އެންމެ ނިކަމެތި ފަރާތްތައް ހިމާޔަތް ކުރުމަށް ސަރުކާރުން އިސްކަން ދޭނެކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައި ވެއެވެ.
ސަބްސިޑީއަށް އަންދާޒާކޮށް ދައުލަތުގެ ބަޖެޓުގައި ހިމަނާ އަދަދަށް ވުރެ، ކޮންމެ އަހަރަކު ވެސް ހަރަދުތައް އިންތިހާއަށް އުފުލިގެންދާއިރު އަހަރު ނިމެން ގާތްވެފައި ވަނިކޮށް ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅާފައިވާ ހަރަދު ބޮޑު އެއް ދާއިރާއަކީ ވެސް އެއީ އެވެ.
ސަބްސިޑީގެ ހަރަދުތައް އަހަރުން އަހަރަށް ބޮޑުވަމުން ދާތީ، ވޯލްޑް ބޭންކު ފަދަ މާލީ އިދާރާތަކުން ވަނީ ރާއްޖޭގެ މާލީ ބުރަ ކުޑަކުރުމަށްޓަކައި ހައްގުވާ ފަރާތްތަކަށް އެކަނި ސަބްސިޑީދޭ ޕްރޮގްރާމެއް ރާއްޖޭގައި ކުރިޔަށް ގެންދަން ވެސް ލަފާދީފަ އެވެ.

