ސަރުކާރުގެ ސިޔާސީ މުއައްޒަފުންގެ ތެރެއިން 248 މީހުން ވަކިކޮށްފައިވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ސިޔާސީ މުއައްޒަފުންގެ އަދަދުތައް މަދުކުރަން ކަނޑައެޅި މުއްދަތު ހަމަވުމާއިއެކު، ތަރުޖަމާނު ހީނާ ވަނީ އެކަމުގެ ތަފްސީލުތައް ހިއްސާކުރައްވާފައެވެ. އެގޮތުން އޮކްޓޫބަރު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް 248 ސިޔާސީ މުއައްޒަފުން މަދުކުރެވިފައިވާކަށާއި އެއީ އިކޮނޮމިކް ރިފޯމް އެޖެންޑާގެ ދަށުން ހަރަދު ކުޑަކުރުމަށްޓަކައި އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން ބައެއްކަމަށް ހީނާ ވިދާޅުވި އެވެ.
ހީނާ ވިދާޅުވީ، ގިނަ އަދަދެއްގެ މީހުން މަދުކުރުމުގެ އިތުރުންވެސް ބައެއް މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކަނޑައެޅިފައިވާކަމަށެވެ.
އޭނާ ވިދާޅުވީ، ސަރުކާރުންވަނީ ސިޔާސީ މުއައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމަށާއި ކުރުންތެރިކަން އިތުރުކުރުމަށްޓަކައި ސިޔާސީ މުއައްޒަފުންގެ ޕާފޯމެންސް ބަލާނެ ނިޒާމެއް ގާއިމުކުރުމަށް ނިންމާފައިކަމަށާއި ރައީސްގެ ކެބިނެޓުން މިކަން ފާސްކޮށްފައިވާކަމަށެވެ. ހީނާ ވިދާޅުވީ، އެ ނިޒާމަށް ވަރަށް އަވަހަށް އަމަލުކުރަން ފަށާނެކަމަށެވެ.

