ކައުންސިލްތަކަށް ގާނޫނުން ދޭން ކަނޑައަޅާފައިވާ އަދި ކައުންސިލް ހިންގުމަށް ބޭނުންވާ ބަޖެޓުން ބޮޑުބައެއް އުނިކޮށް ބަޖެޓް ހަދާފައިވުމީ ކައުންސިލްތަކުން ރައްޔިތުންނަށް ދޭ ހިދުމަތްތައް ހުއްޓުވައި ރައްޔިތުން ނިކަމެތި ކުރުންކަމަށް އެމްޑީޕީގެ ރައީސް، އަދި ކުރީގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީގެ ސަރުކާރުގައި ކައުންސިލްތަކަށް ބްލޮކް ގްރާންޓުގެ ގޮތުގައި ދޫކުރި ފައިސާއަށް ވުރެ ކުޑަ އަދަދެއް އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހިމަނާފައިވާކަމަށް ބުނެ އެމްޑީޕީން ދަނީ އެކަމަށް ނުރުހުންފާޅު ކުރަމުންނެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ 56.6 ބިލިއަން ރުފިޔާގެ ބަޖެޓާއި ގުޅޭގޮތުން، ޝާހިދު ވިދާޅުވީ ކައުންސިލް ހިންގުމަށް ބޭނުންވާ ބަޖެޓުން ބޮޑުބައެއް އުނިކޮށްލުމަކީ ލާމަރުކަޒީ ނިޒާމު ނެތިކޮށްލުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގެ އިތުރު ފިޔަވަޅެއް ކަމަށެވެ. އަދި ކައުންސިލްތަކަށް ލިބިދޭ ބަޖެޓުގެ ނިސްބަތް މަދުކޮށް އެ ފައިސާ އެހެންކަންކަމަށް ހަރަދުކުރުމުގެ ގާނޫނީ ބާރެއް ދައުލަތަށް ލިބިގެން ނުވާ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.
އެމްޑީޕީގެ ރައީސް ޝާހިދުގެ އިތުރަށް އެމްޑީޕީގެ ޕާލިމަންޓު ގުރޫޕުގެ ލީޑަރު، ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އިބްރާހިމް ނާޒިލްގެ ފާޑުކިއުންތަކެއްވެސް ވަނީ މި މައްސަލައަށް އަމާޒުވެފައިވެއެވެ.
ނާޒިލް ވިދާޅުވެފައިވަނީ ބަޖެޓު ހުށަހަޅަން ޖެހޭ ގޮތް ގާނޫނުއަސާސީގައި ވަރަށް ސާފުކޮށް ލިޔެފައިވީ ނަމަވެސް ފިނޭންސް މިނިސްޓަރ މޫސާ ޒަމީރު އަމަލު ކުރެއްވީ އެ އިޖުރާއަތްތަކުގެ ތެރެއިން ނޫންކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ބަޖެޓު ހުށަހަޅުއްވަން ވާނީ، އަދަދުތަކުގެ ހުރިހާ ތަފްސީލެއް މެމްބަރުންނަށް ފޯރުކޮށްދީކަމަށް ގާނޫނުގައި އޮތް ނަމަވެސް މިހާތަނަށް އެއްވެސް މައުލޫމާތެއް ނުލިބޭކަމަށް ނާޒިލް ވިދާޅުވި އެވެ.
މީގެއިތުރުން ނާޒިލް ވިދާޅުވީ ކުރިޔަށް އޮތް އަހަރަށް ބަޖެޓު ހުށަހަޅާއިރު، އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގާނެ ގޮތް ގާނޫނުގައި ލިޔެވިފައިވާކަމަށެވެ. އެމްޑީޕީގެ ސަރުކާރުގައި ލާމަރުކަޒީ ގާނޫނަށް މުހިންމު އިސްލާހުތަކެއް ގެނެސްފައިވާނެކަން ފާހަގަކުރައްވައި ނާޒިލް ވިދާޅުވީ، މިނިވަންކަމާއި އެކު ހިންގޭނެ ހުރިހާ ގޮތެއް ކައުންސިލްތަކަށް ހޯދައިދީފައިވާނެކަމަށެވެ. އަދި ވިދާޅުވީ ކައުންސިލްތަކަށް ދޭން ޖެހޭނެ ބަޖެޓު ގާނޫނުގައި ބަޔާންކޮށްފައިވާކަމަށާއި، ބްލޮކް ގްރާންޓުގެ ގޮތުގައި ބަޖެޓުގެ 05 އިންސައްތަ ދޭން ޖެހޭނެކަމަށް ލިޔެފައިވާނެކަމަށެވެ.

