ޑިވެލޮޕްމެންޓް ބޭންކުގެ ސަބަބުން ބޭރު ފައިސާގެ ދަތިކަމަށް ލުއިތަކެއް ލިބިގެންދާނެކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ރާއްޖޭގައި ދިމާވެފައިވާ ބޭރު ފައިސާގެ ދަތިކަން ޙައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ސަންގު ޓީވީގެ ”ޚަބަރަށްފަހު“ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ސަޢީދު ވިދާޅުވީ، މި މައްސަލައަށް ޙައްލު ހޯދުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ވަނީ ރާއްޖޭގައި ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތަކަށް އަމާޒުކޮށް، މަނިޓަރީ ސިޔާސަތަށް ބަދަލުތަކެއް ގެނެސްފައެވެ. މި ބަދަލުތަކުގެ ނަތީޖާ ކުރިއަށް އޮތް ތަނުގައި ފެންނާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި އައު ގަވާއިދުގެ ދަށުން، ބޭރު ފައިސާއިން ލިބޭ އާމްދަނީ ރާއްޖޭގައި ހިފެހެއްޓުން ހަރުދަނާކޮށް، ބޭރު ފައިސާގެ ލިކުއިޑިޓީ އިތުރުކުރުމަށް ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ބަޔާންކޮށްފައިވާ ގޮތުގައި، މި ފިޔަވަޅުތައް އަޅާފައިވަނީ ވިޔަފާރިތަކަށް މާލީ ބުރައަކަށް ނުވާނެ ގޮތަށެވެ.
ގަވާއިދުގައި ކެޓަގަރީ އޭގެ ގޮތުގައި ހިމެނޭ ޓުއަރިސްޓު ރިސޯޓުތަކާއި، އިންޓަގްރޭޓެޑް ޓުރިސްޓު ރިސޯޓުތައް، ރިސޯޓު ހޮޓާތަކާއި، ޓޫރިސްޓު އުޅަނދުތައް އަދި އެ ނޫންވެސް މިފަދަ ތަންތަނުން ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރުގެ ރޭޓުން، މީލާދީ މަހެއްގައި ޒިޔާރަތްކޮށްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ބޭންކަކަށް ރުފިޔާއަށް މާރުކުރަންޖެހޭ ގޮތަށް ވަނީ ހަމަޖައްސާފައެވެ.
ކެޓަގަރީ ބީގެ ގޮތުގައި ހިމެނޭ ޓޫރިސްޓް ގެސްޓްހައުސްތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކުގެ ތެރެއިން 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު އަދަދެއްގެ ކޮޓަރި ރަޖިސްޓަރީކޮށްފައިވާ ތަންތަނުން ކޮންމެ ޓޫރިސްޓަކަށް 25 ޑޮލަރުގެ ރޭޓުން މީލާދީ މަހެއްގައި ޒިޔާރަތްކޮށްފައިވާ ޖުމްލަ ޓޫރިސްޓުންނަށް ޖެހޭ އަދަދު ބޭންކަކަށް ރުފިޔާއަށް މާރުކުރަން ޖެހެއެވެ. ކެޓަގަރީ އޭ އަދި ބީގައި ހިމެނޭ ފަރާތްތަކުން ވެސް ކޮންމެ މީލާދީ މަހެއް ނިމި، އޭގެ ފަހުން އަންނަ ތިންވަނަ މަހުގެ 28 ވަނަ ދުވަހުގެ ކުރިން ބޭރު ފައިސާ ބޭންކަށް މާރުކުރަން ޖެހެއެވެ.
އަދިވެސް މީގެ އިތުރަށް ވަރަށް ގިނަ ތަފާތު މަސައްކަތްތަކެއް އެބަ ކުރެވޭ، ހަމަ ޑޯލަރަށް މި އޮންނަ ޕްރެޝަރު ކުޑަ ކުރުމަށްޓަކައި، މިސާލަކަށް ރައީސުލްޖުމްހުރިއްޔާގެ ލަފާފުޅާއިއެކު އަޅުގަނޑުމެން މިހާރު މި ގެންދަނީ، ބޭރުގެ އިތުރު ބޭންކްތަކާއިވެސް ވާހަކަދައްކަމުން.
ސައީދު ވިދާޅުވިއެވެ.
މީގެ އިތުރުން ބޭރުގެ އިތުރު ބޭންކަތާއިއެކު ގުޅުން ބަދަހިކޮށް، މެންބަރޝިޕް ހޯދުމުގެ މަޝްވަރާތައް ކުރަމުންދާކަމަށް ފާހަގަކޮށް ސައީދު ވިދާޅުވީ، ރާއްޖޭގައި އަމިއްލަ ޑިވެލޮޕްމެންޓް ބޭންކެއް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގާއިމްކުރެވިގެންދާނެކަމަށެވެ. މިހާރު މި ބޭންކަށް ލައިސެންސްވެސް ލިބިފައިވާކަމަށް ސައީދު ވިދާޅުވިއެވެ.

