މޯލްޑިވްސް އިމިގްރޭޝަނުން ހުޅުމާލޭގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި، ޤާނޫނާ ޚިލާފަށް އުޅެމުންދިޔަ 5 ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
އިމިގްރޭޝަނުން ދިން މަޢުލޫމާތުގައިވާ ގޮތުން، ހުޅުމާލޭގައި ވެހިކަލް ދޮވެ ސާފުކުރުމުގެ މަސައްކަތް ކުރަމުންދާ 5 ސަރަހައްދެއް ބަލައި ފާސްކުރެވުނެވެ. މި އޮޕަރޭޝަނުގައި، ޞައްޙަ ވިސާއެއް ނެތި ޤާނޫނާ ޚިލާފަށް އުޅެމުންދިޔަ 5 ބިދޭސީން ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ.
ސަރުކާރުން މިހާރު ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން، ރާއްޖޭގައި ޤާނޫނާ ޚިލާފަށް އުޅެމުންދިޔަ 4،000 އަށްވުރެ ގިނަ ބިދޭސީން ވަނީ އެމީހުންގެ އަމިއްލަ ޤައުމުތަކަށް ފޮނުވާލެވިފައެވެ. ސަރުކާރުގެ އަމާޒަކީ މި އަހަރުގެ ތެރޭގައި ޖުމްލަ 5،000 ބިދޭސީން ޤައުމުން ބޭރުކުރުމެވެ. މީގެ ތެރޭގައި އަމިއްލަ އިޚްތިޔާރުގައި ފުރަން އެދުނު ފަރާތްތައްވެސް ހިމެނެއެވެ.
މީގެ އިތުރުން، ރާއްޖޭގައި ދިރިއުޅޭ އެންމެހައި ބިދޭސީންގެ ފޮޓޯއާއި އިނގިލީގެ ނިޝާން ނެގުމަށާއި، ޤާނޫނާ ޚިލާފަށް އުޅޭ ބިދޭސީން ޤާނޫނީ އިމުގެ ތެރެއަށް ގެނައުމަށްޓަކައި މުޅި ރާއްޖެއަށް އަމާޒުކޮށްގެން ”ކުރަނގި“ އޮޕަރޭޝަން ވަނީ ފެށިފައެވެ. މި މަސައްކަތުގެ ދަށުން މީހުން ދިރިއުޅޭ 45 ރަށެއްގައި ކުރަނގި އޮޕަރޭޝަން ވަނީ ފެށިފައެވެ. މި އޮޕަރޭޝަންގެ ދަށުން މިހާތަނަށް ޖުމްލަ 4،272 ބިދޭސީއެއްގެ ބަޔޯމެޓްރިކް ޑޭޓާ ވަނީ އެއްކުރެވިފައެވެ. އަދި 8 ރަށެއްގައި ތިބި އެންމެހައި ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ މަސައްކަތް ވަނީ ނިމިފައެވެ.
އޮޕަރޭޝަން ކުރަނގީގެ މައިގަނޑު މަޤްޞަދަކީ ދިވެހިރާއްޖޭގައި ޤާނޫނާ ޚިލާފަށް ދިރިއުޅެމުންދާ ބިދޭސީ މަސައްކަތްތެރިންގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމެވެ. މި އޮޕަރޭޝަންގެ ތެރެއިން، ރާއްޖޭގައި ވަޒީފާ އަދާކުރާ ބިދޭސީންގެ އިނގިލީގެ ނިޝާން ނެގުމާއި، އެ ބިދޭސީން ވަޒީފާ އަދާކުރަނީ ރާއްޖޭގައި ހެދިފައިވާ ޤާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށްތޯ ކަށަވަރުކުރެވޭނެއެވެ. ސަރުކާރުގެ އަމާޒަކީ ބިދޭސީންގެ މައްސަލަ 3 އަހަރުގެ ތެރޭގައި ޙައްލުކުރުމެވެ

