2025 އަށް ލަފާކޮށް ހުށައަޅާފައިވާ ބަޖެޓަކީ ދިވެހި ރައްޔިތުންނަށް މާޔޫސްކަން ގެނުވާނެ ޚަރަދާއި ދަރަނި ބޮޑު ބަޖެޓެއްކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރ އަދި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.
އަންނަ އަހަރަށް ލަފާކޮށް 56.6 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅުއްވަމުން ފިނޭންސް މިނިސްޓަރ މުސާ ޒަމީރު ފާހަގަކުރެއްވީ މާލީ ދޯހަޅި ސިޔާސަތުތަކެއް ގެންގުޅެފައިވާތީ މި ސަރުކާރުން އަޅަން ޖެހިފައިވާ ފިޔަވަަަޅުތަކެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހުށަހަޅާ މި ބަޖެޓާއި މެދު އެމްޑީޕީގެ ހިތްހަމަނުޖެހުން ބޮޑެވެ.
އެގޮތުން ލާމަރުކަޒީ ނިޒާމާއި ކައުންސިލްތަކުގެ ބަޖެޓުގެ ނުރުހުމާއި އެކު ފައްޔާޒް ވަނީ މި ބަޖެޓާ މެދު ރައްޔިތުން މާޔޫސްވާނެ ބައެއް ސަބަބުތައް ހާމަކޮށްފައެވެ. އެގޮތުން ސަރުކާރުން ހުށައަޅާފައިވާ ބަޖެޓުން އާންމު ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތި ނުވާނެ ކަމަށާއި އޭގެ ބަދަލުގައި ރައްޔިތުންނާއި ވިޔަފާރިތަކުގެ ފައިސާ ސަރުކާރަށް ޓެކްސްގެ ގޮތުގައި އިތުރަށް ނަގައި، އެ ފައިސާ ސަރުކާރުން ޚަރަދުކުރަނީ ރައްޔިތުންނަށް ފައިދާހުރި ކަންކަމަކަށް ނޫން ކަމަށާއި އެ ފައިސާ ގެއްލި ދަނީ ސަރުކާރުގެ އިސްރާފަށް ކަމަށް ވިދާޅުވިއެވެ.
ކޮވިޑް-19އަށް ފަހު ބޭނުންވާ އިޤްތިސާދީ އިސްލާހީ އެޖެންޑާ މި ބަޖެޓުގައި ބޭނުންވާ މިންވަރަށް ހިމެނިފައިނެތް ކަމަށް ފާހަގަކޮށް އޭނާ ވިދާޅުވީ މިއީ ދަރަނި ބޮޑު ކުރާނެ ބަޖެޓެއް ކަމަށެވެ. އަދި މި ބަޖެޓު ފޫބައްދަން 16.9 ބިލިއަން ރުފިޔާގެ އިތުރު ދަރަނި ހޯދަން ޖެހޭ ކަމަށް ވިދާޅުވިއެވެ. ފައިސާ ހޯދަން ސަރުކާރު މިހާރުވެސް ފެއިލް ވަމުން ދާއިރު މި ފައިސާ ހޯދޭނެ ގޮތުގެ ރަނގަޅު ޕްލޭނެއް ނެތްކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ފައިސާގެ ބޮޑުބައި ހޯދުމަށް ބަޖެޓުގައި ޖަހާފައިވަނީ ބޭރުގެ ކޮމާޝަލް ބޭންކުތަކުން ބަޖެޓް ސަޕޯޓް ލޯނު ނަގައިގެން ކަމަށާއި މިއީ ކަންބޮޑުވާ ފައިނޭންސިންގ ސްޓްރެޓެޖީއެއް ކަމަށް ފައްޔާޒް ވިދާޅުވިއެވެ. ބޭރުގެ ކޮމާޝަލް ބޭންކުތަކުން ބަޖެޓް ސަޕޯޓް ލޯނު ދޭނެ ކަމަށް ނިންމީ ކިހިނަކުންތޯވެސް ފައްޔާޒް ސުވާލު އުފައްދަވާފައިވެއެވެ. ސަރުކާރުން ބަޖެޓަށް ބޭރުން ފައިސާ ނުހޯދިގެން ދައުލަތުގެ ކޭޝްފްލޯ އާއި ރިޒާވް ވަނީ ދުވަހަކު އަޑިނާޅާ މިންވަރަކަށް ހީނަރުވެފައި ކަމަށާއި މި ބަޖެޓުން ހީނަރުކަން ފިލުވައިދޭނެ ހައްލެ ނުފެނަކަމަށާއި އަދި ފޫބައްދަންޖެހޭ މިންވަރު ބޮޑުކަމުން ނަގަން ޖެހޭ ދަރަނިވެސް ބޮޑު ކަމަށް އޭނާ ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ ޓެކްސްތައް ބޮޑު ކުރުމާއި، ބަޖެޓު ފައިނޭންސް ކުރުމަށް ބެންކުގައި ހުރި ފައިސާ ސަރުކާރަށް ނެގުމުން ޕްރައިވެޓް ސެކްޓަރަށް ވަނީ ވަރަށް ދަތިވެފައި ކަމަށާއި އަދި ސަރުކާރުން ޕްރައިވެޓް ސެކްޓަރަށް ގަވާއިދުން ފައިސާވެސް ނުދައްކާ ކަމަށެވެ. މި ބަޖެޓުން ފެންނަނީ ޕްރައިވެޓް ސެކްޓަރ އިތުރަށް ހީނަރު ކުރާނެ ތަންކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ބަޖެޓު ސިފަކުރެއްވީ ސިޔާސީ ބޭނުމަށް ކައުންސިލްތަކަކީ ނުކުޅެދޭ ތަންތަން ގޮތުގައި ރައްޔިތުންނަށް ވިސްނައިދިނުމަށް ކައުންސިލްތަކަށް އެއްވެސް ކަމެއް ނުކުރެވޭ ގޮތަށް އޮތް ބަޖެޓެއްގެ ގޮތުގައެވެ.
ކައުންސިލްތަކުގެ ބަޖެޓު ލާމަރުކަޒީ ޤާނޫނާ ޚިލާފަށް އުނިކޮށް، ލޯކަލް ކައުންސިލްތަކުގެ ބާރު ކަނޑުވާލައި، ބާރުތައް މަރުކަޒުކުރާނެ ބަޖެޓެއް ކަމަށާއި ދައުރުގެ ކުރީކޮޅުގައި ރައީސް މުޢިއްޒު އިތުރު ބަޖެޓް ކައުންސިލުތަކަށް ދެއްވާނެ ކަމަށް ވައުދުވި ނަމަވެސް، އެކަން ބޮލާލައި ޖަހައި، ކުރީގެ ހައުސިން މިނިސްޓަރުގެ ގޮތުގައި ހުންނެވި އިރުވެސް ކައުންސިލުތަކުގެ ބާރު ކަނޑުވާލީ ރައްޔިތުންނަށް ބާރު ނުދީ ބަޖެޓުން ސަރުކާރުން ހިންގާ ޖަރީމާތައް އިތުރުކުރަން ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ ބަޖެޓުގެ މުހިއްމު ތަފްސީލުތައް ވަނީ ނުހިމަނައި ފޮރުވާފައިކަމަށާއި އަދި މުސާރައިގެ ތަފްސީލު އަންގައިދޭ ތާވަލެއް، މަޝްރޫޢުތަކުގެ ލިސްޓެއް ބަޖެޓުގައި ހިމަނާފައި ނެތް ކަމަށެވެ. އަދި މިހާރު ހުށައަޅާފައިވާ ބަޖެޓުން ސަރުކާރުގެ ސިއްރުވެރި ސިޔާސަތު ފެންނަ ކަމަށް އޭނާ ވިދާޅުވިއެވެ. މަޝްރޫޢުތަކުގެ ލިސްޓް ފޮރުވުމުން ރައްޔިތުންގެ ފަރާތުން މަޖިލީހުގެ މެންބަރުންނަށް ސަރުކާރު ޖަވާބުދާރީ ކުރެވޭނެ ގޮތެއްވެސް ނެތް ކަމަށާއި އަދި ރައްޔިތުންގެ އުއްމީދުތަކުގައި ކެރިގެން ކުލަޖައްސައިދެވޭނެ ޕްލޭނެއް ނެތް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
ފައްޔާޒް ވިދާޅުވީ ސަރުކާރު ދަނީ ރައްޔިތުންނާ ދުރަށް ކަމަށާއި ރައީސް މުޢިއްޒު ވެވަޑައިގެން ބޮޑެތި ވަޢުދުތައްވެސް މި ބަޖެޓުގައި ނުހިމެނޭ ކަމަށާއި އަދި އެކަން ބަޖެޓުގެ ތަފްސީލަކުން ނަންބަރަކުން ފެންނާނަން ނެތް ކަމަށެވެ.

