އިޒްރޭލުން ފާއިތުވި 48 ގަޑިއިރު ތެރޭގައި ފަލަސްތީނުގެ 50ށް ވުރެ ގިނަ ކުޑަކުދިން ޝަހީދުކޮށްލައިފިއެވެ.
އަލްޖަޒީރާގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި އިޒްރޭލުން ގާޒާގެ މެދުތެރޭގައި ހުންނަ ޖަބާލިޔާ ރެފިއުޖީ ކޭމްޕަށް އަމާޒުކޮށް ޙަމަލާ ދީފައިވަނީ ”ސްޓަން ގްރެނޭޑް“ ބޭނުންކޮށްގެންނެވެ.
އެ ޙަމަލާ ދިން ވަގުތަކީ އެ ސަރަޙައްދުގައި ކުޑަކުދިންނަށް ޕޯލިއޯ ވެކްސިން ދިނުމުގެ މަސައްކަތް ކުރަމުން ދިިޔަ ވަގުތެއްކަމަށްވެސް އަލްޖަޒީރާގައި ރިޕޯޓު ކޮށްފައިވެއެވެ. އެގޮތުން ޕޯލިއޯ ވެކްސިންގެ ދެވަނަ ޑޯޒް ޖެހުމަށް އެތައް ސަތޭކަ ކުޑަކުދިންނެއް ގާޒާގެ އެކި ކްލިނިކްތަކަށް ގޮސް ތިއްބެވެ.
ރިޕޯޓުތައް ބުނާ ގޮތުން ޕޯލިއޯ ވެކްސިން ދިނުމުގެ މަސައްކަތް ކުރަމުން ދިޔަ ސެންޓަރުތަކުން އެކަނިވެސް 4 ކުޑަކުދިންނަށް އަނިޔާވެފައިވެއެވެ.
އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ދުނިޔޭގެ ސިއްޙަތު ޖަމިއްޔާއިންވެސް ވަނީ ވެކްސިން ދިނުމުގެ ކަންކަން ކުރިއަށްދާ ވަގުތު ޙަމަލާ ބަދަލުކުރުން ހުއްޓާލުމަށް ގޮވާލާފައެވެ.
ރިޕޯޓުތައް ބުނާގޮތުން ޕޯލިއޯ ވެކްސިން ގެ ދެވަނަ ޑޯޒް ދިނުމުގެ މަސައްކަތް ފެށީވެސް އެތައް ދުވަހެއް ވަންދެން އިޒްރޭލުގެ އުނދަގުލާހެދި އެ މަސައްކަތް ލަސްވުމަށްފަހުގައެވެ. އެގޮތުން ހޮނިހިރު ދުވަހު ފެށި މި ޕްރޮގްރާމް ހޯމަ ދުވަހާ ހަމައަށް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
ފަލަސްތީނުގެ ރެޑް ކްރެސެންޓް ސޮސައިޓީން ބުނެފައިވާ ގޮތުގައި އެމީހުންގެ އަމާޒަކީ އުތުރު ގާޒާގެ އެއްލައްކައަށްވުރެ ގިނަ ކުޑަކުދިންނަށް ޕޯލިއޯ ވެކްސިން ޖަހައިދިނުމެވެ.

