ނިޝާން އަސްކަރީގެ ވެރިކަމުގެ އިއްޒަތް މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ އަލީ ޖަލީލަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އަރުވައިފި އެވެ.
މި އިއްޒަތް މޫސާ އަލީ ޖަލީލަށް އެރުވީ ދަރުބާރުގޭގައި ކުރިޔަށް ގެންދިޔަ ނަސްރުގެ ދުވަހުގެ ހާއްސަ ޖަލްސާގަ އެވެ.
މޫސާ އަލީ ޖަލީލަށް މި އިއްޒަތް އެރުވުމަށް ރައީސް މުއިއްޒު ކަނޑައެޅުއްވީ ދިވެހި ގައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި އަސްކަރީ ގޮތުން ކުރެއްވި އަގުހުރި ހިދުމަތާއި ގައުމުގެ އިސްތިގުލާލާއި ސިޔާދަރު ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ކުރެއްވި މަސައްކަތް ފާހަގަކުރެއްވުމުގެ ގޮތުންނެވެ. ހާއްސަކޮށް 1988، ނޮވެމްބަރު 3 ގައި ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި އުދުވާނީ ހަމަލާއާއި ގުޅިގެން ދިވެހި ގައުމާއި ރައްޔިތުންގެ ދިފާއުގައި އެމަނިކުފާނު ކުރެއްވި މަތިވެރި ޖިހާދުގެ އަގުވަޒަން ކުރެއްވުމަށެވެ.
1980، ޖުލައި 03 ގައި ސިފައިންގެ ހިދުމަތާއި ގުޅިވަޑައިގެންނެވި މޫސާ އަލީ ޖަލީލު ދިވެހި އަސްކަރިއްޔާގައި އިހުލާސްތެރިކާމާއި އެކު އަދާކުރެއްވި ގައުމީ ހިދުމަތާއި ދެއްކެވި މަތިވެރި އަހުލާގުގެ ސަބަބުން ޝަރަފުގެ ނިޝާންގެ ގޮތުގައި 09 ކުލައާއި، 11 މެޑަލް ލިބިވަޑައިގެންފައި ވެއެވެ. އެގޮތުން ލިބިވަޑައިގެންނެވި ބައެއް ކުލަތަކުގެ ތެރޭގައި އިހުލާސްތެރި ހިދުމަތުގެ ކުލައާއި، ސިފައިންގެ ހިދުމަތުގެ ކުލަ އަދި އަހުލާގީ ކުލަ ހިމެނެ އެވެ.
މީގެއިތުރުން އެމަނިކުފާނަށް ލިބިވަޑައިގެންނެވި ބައެއް މެޑެލްތަކުގެ ތެރޭގައި، 3 ނޮވެންބަރުގެ މެޑެލް، ޖިހާދުގެ ރަތް މެޑެލް، ހުރަވީ ރަން މެޑެލް، ނަމޫނާ އަސްކަރީ އިސް ހިދުމަތްތެރިންގެ މެޑެލް، މަތިވެރި ހިދުމަތުގެ މެޑެލް އަދި ރައިސުލްޖުމްހޫރިއްޔާގެ މެޑެލް ހިމެނެއެވެ.
މޫސާ އަލީ ޖަލީލު ދިވެހި އަސްކަރިއްޔާގައި އިސް މަގާމުތައް އަދާކުރެއްވިއިރު، އޭގެ ތެރޭގައި ދިވެހި އަސްކަރިއްޔާގެ އަސްކަރީ އެންމެ އިސް ކޮމާންޑަރެއްގެ މަގާމާއި އެމްއެންޑީއެފްގެ ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމު ހިމެނެއެވެ. އަދި މިނިސްޓްރ އޮފް ޑިފެންސް ނޭޝަނަލް ސެކިއުރިޓީގެ މަގާމު ވެސް ވަނީ ފުރުއްވާފަ އެވެ.

