ރައީސް ޑރ މުޙައްމަދު މުއިއްޒުގެ ”ރަތް ރޮނގާއެކު“ ދިވެހި އަސްކަރިއްޔާގެ ޤާބިލުކަން އިތުރު ކުރުމުގެ މަސައްކަތް މުޅިން އާ ޖޯޝަކާއެކު ފެށިފައިވާކަމަށް ދިފާއީ ވަޒީރު ޣައްސާން މައުމޫނު ވިދާޅުވެއްޖެއެވެ.
ނަސްރުގެ ދުވަހުގެ ޚާއްސަ ޖަލްސާގައި ވާހަކަ ދައްކަވަމުން ޣައްސާން ވިދާޅުވީ، ނަސްރުގެ ދުވަސް ފާހަގަ ކުރުން ހީނަރުވެގެން އައި އައުން ހުއްޓުވުމަކަށް ގެންނަވައި އަނެއްކާވެސް މި ފަޚުރުވެރި ދުވަސް ޤައުމީ ފެންވަރެއްގައި ފާހަގަ ކުރައްވަން ފައްޓަވާފައިވާތީ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒަށް ޝުކުރު ދަންނަވާ ކަމަށެވެ.
ޣައްސާން ވަނީ އޭރު ޤައުމުގެ ދިފާއުގައި ނުކުންނެވި ބަތަލުންނަށް ދިވެހި ސިފައިންގެ ނަމުގައި ޝުކުރު ދަންނަވާފައެވެ.
ޣައްސާން ވިދާޅުވީ، އޭރު ޤައުމާއި ރައްޔިތުންގެ މައްޗަށް ގޮއްމުށުގެ ބާރު ބޭނުންކޮށްފައިވާ ކަމަށާއި، އެކި ކަހަލަ ހަތިޔާރު ބޭނުންކޮށްގެން އެ ދުވަހު ޙަމަލާ ދީފައިވާ ކަމަށެވެ. ނަމަވެސް އިސްލާމް ދީނާއި ޤައުމުގެ ހިމާޔަތުގައި އެ ދުވަހު ފުރާނައަށް ބެއްލެވުމެއް ނެތި ނުކުތް ބަތަލުން ތިއްބެވިކަން ޣައްސާން ފާހަގަ ކުރެއްވިއެވެ.
އެ ޙަމަލާ ދުޝްމަނުންގެ ހިިތްތަކަށް ވެގެން ދިޔައީ ފުއްލާ އައިނެއްގެ ތެރެއަށް ކުއްލިއަކަށް ބޮޑު ސިންގާއެއް ފުންމާލީމާ ލިބޭ ސިހުން ފަދައިން، ޝަހީދު ހުސައިން އާދަމްގެ މަސައްކަތްޕުޅުން ހޯދަވައިދެއްވި ވަގުތުކޮޅު ވެގެންދިޔައީ ފަޚުރުވެރި ދިވެހި ސިފައިން ދިން ރައްދު ޙަމަލާ ތަރުތީބު ކުރުމަށް ލިބުނު މުހިއްމު ފުރުސަތަކަށް
އެ ދުވަހު ދުޝްމަނުންގެ މައްޗަށް ނަސްރާއި ފަތަޙަ ހޯދައިދެއްވީ ދިވެހި ސިފައިންކަން ފާހަގަ ކުރައްވައި ޣައްސާން ވިދާޅުވީ، އެ ދުވަހުގެ ޙާދިސާ ވެގެންދިޔައީ ދިވެހި އަސްކަރިއްޔާގެ ޤާބިލުކަން އިތުރު ކުރުމުގެ ވަގުތު ޖެހިއްޖެކަމުގެ ރަނގަބީލަކަށް ކަމަށެވެ. އަދި ރައީސް ޑރ މުއިއްޒު ވެރިކަމަށް ވަޑައިގެން ދަންމަވާލެއްވި ރަތް ރޮނގާއެކު އެ މަސައްކަތް އާ ބާރަކާއެކު އަލުން ފެށިގެން ގޮސްފައިވާކަމަށްވެސް ޣައްސާން ވިދާޅުވިއެވެ.
ޣައްސާން އިތުުރަށް ވިދާޅުވީ، މަދު ދުވަސްކޮޅެއްގެ ތެރޭގައި އަސްކަރިއްޔާއަށް ގިނަ ކާމިޔާބީތަކެއް ހޯދިފައިވާ ކަމަށާއި، މިއީ ފުންކޮށް ވިސްނަން ޖެހޭ ކަންކަން ކަމަށެވެ. އަދި މިއީ އަމިއްލަ ނަފްސަށްވުރެ ޤައުމު އިސްކުރަން ޖެހޭ ދުވަސްކަމަށްވެސް ޣައްސާން ވިދާޅުވިއެވެ.
ޣައްސާން ވަނީ ދިވެހި އަސްކަރިއްޔާ ދެމި އޮތްހާ ހިނދަކު ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި، އިސްތިޤުލާލު ދިވެހި ސިފައިންގެ ލެޔާއި ފުރާނައިން ޤުުރުބާން ވެގެން ހިމާޔަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

