އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ދިރާސާ ކުރުމުގެ މަސައްކަތް މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ނިންމަން ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާ ކުރާ ކޮމިޓީން ނިންމައިފި އެވެ.
މިއަދު ކުރިޔަށް ދިޔަ ބަޖެޓު ކޮމިޓީގައި އެކުލަވާލާފައި ވަނީ، ބަޖެޓު ދިރާސާ ކުރާނެ ގޮތުގެ ޓައިމްލައިނެކެވެ. އަދި ބަޖެޓު ކޮމިޓީގެ މުގައްރިރަކަށް ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާދު، ނައިބު މުގައްރިރަކަށް އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމެވެ.
މިއަދުގެ ބައްދަލުވުމުގައި ބަޖެޓުގެ މަސައްކަތް މި މަހުގެ 20 ވަނަ ދުވަހުގެ ކުރިން ނިންމައި، އޮޑިޓު އޮފީހާއި އެމްއެމްއޭއިން ބަޖެޓާއި ގުޅޭގޮތުން ހުށަހަޅާ ބަޔާން ހުށަހެޅުމަށް އެދެން ވެސް ވަނީ ނިންމައިފަ އެވެ. އަދި މިނިވަން މުވައްސަސާތަކުގެ ބަޖެޓާއި ގުޅޭ ތަފްސީލުތައް ހޯދުމާއި، ވަކިވަކި އޮފީސްތަކާއި ގުޅޭ ބަޖެޓުގެ ތަފްސީލު ވެސް ހޯދުމަށް އިދާރާތަކަށް ސިޓީ ފޮނުވުމަށް ނިންމާފައިވެއެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައި ވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
މީގެ ތެރެއިން، ހަރަދުގެ ގޮތުގައި ހިނގާނީ 49.2 ބިލިއަން ރުފިޔާ އެވެ އެއީ ރިކަރަންޓް ހަރަދުގެ ގޮތުގައި 35.9 ބިލިއަން ރުފިޔާއާއި ކެޕިޓަލް ޚަރަދުގެ ގޮތުގައި 13.3 ބިލިއަން ރުފިޔާ އެވެ.
މި ހަރަދުތަކުގެ އިތުރުން، ބަޖެޓުގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ދައުލަތުގެ ދަރަނި އަދާކުރުމަށް ބޭނުންވާ 3.9 ބިލިއަން ރުފިޔާއާއި، ސަރުކާރު ކުންފުނިތަކަށް ކެޕިޓަލް ދޫކުރުމާއި އެހެނިހެން އިންވެސްޓްމަންޓްތައް ކުރުމަށް ހިނގާނެ 378 މިލިއަން ރުފިޔާ އަދި ސަރުކާރުން ލޯނު ދޫކުރުމަށް ކަނޑައަޅާފައިވާ 3.2 ބިލިއަން ރުފިޔާ އެވެ.
މީގެ ތެރޭގައި 5 އިންސައްތަ އިންޓްރެސްޓުގައި ގެދޮރުވެރިކަމުގެ ލޯނު ދޫކުރުމަށް 1 ބިލިއަން ރުފިޔާ ހިމަނާފައިވެއެވެ.
ޒަމީރު ވިދާޅުވީ އަންނަ އަހަރަށް ލަފާ ކުރާ ބަޖެޓު ޑެފިސިޓު ވަނީ 9.4 ބިލިއަން ރުފިޔާއިން ކަމަށެވެ. އަދި މިއީ ރާއްޖޭގެ ޖީޑީޕީގެ ނިސްބަތުން 7.8 އިންސައްތަކަމަށްވާއިރު، ބަޖެޓުގެ ޕްރައިމެރީ ޑެފިސިޓަކީ ޒަމީރު ވިދާޅުވި ގޮތުގައި 3.8 ބިލިއަން ރުފިޔާ ކަމަށެވެ. މިއީ ޖީޑީޕީގެ ނިސްބަތުން ބަލާއިރު 3.2 އިންސައްތަ އެވެ.
ހިނގަމުން މިދާ އަހަރުގެ ބަޖެޓާއި ގުޅޭގޮތުން ޒަމީރު ވިދާޅުވީ ބަޖެޓަކީ ތަންފީޒު ކުރުމަށް ތައްޔާރުވެފައި ނެތް އިސްލާހީ ފިޔަވަޅުތަކަށް ބިނާކޮށް އެކުލަވާލާފައިވާ، އަދި އެ ފިޔަވަޅުތަކާއި އެކު ވެސް އެކަށިގެންވާ ގޮތެއްގައި ޑެފިސިޓު ކުޑަ ކުރެވޭނެ ގޮތްތަކެއް ހިމެނިފައި ނުވާ ބަޖެޓެއް ކަމަށެވެ. މިއާއި އެކު މިއާއި އެކު މި އަހަރުގެ ބަޖެޓު ޑިސިޓު އިތުރުވެގެން ދިޔަ ނަމަވެސް ބަޖެޓު ވެގެން ދާނީ 2019 ވަނަ އަހަރުގެ، ފަހުން ޖީޑީޕީގެ ނިސްބަތުން އެންމެ ކުޑަ ބަޖެޓުކަމަށް ޒަމީރު ވިދާޅުވި އެވެ.
މީގެއިތުރުން ޒަމީރު ވިދާޅުވީ އިކޮނޮމިކް ރީފޯމް އެޖެންޑާގައި ހިމެނޭ ކަންކަމާއި އަދި ބަޖެޓުގައި ތަސައްވުރުކޮށްފައިވާ ކަންކަން ތަންފީޒު ކުރުމުގެ ތެރެއިން ރާއްޖޭގެ އިގްތިސާދީ ދުވެއްޔަށް އެދެވޭ އަސަރުތަކެއް ކުރާނެކަމަށް ބެލެވޭ ކަމަށެވެ. އަދި އަންނަ އަހަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޕެސެންޖަރ ޓާމިނަލް ތަރައްގީ ކުރުމުގެ މަޝްރޫއު ނިމި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަަދަދު އިތުރުވާނެކަމަށް ލަފާ ކުރެވޭ ކަމަށެވެ. ފަތުރުވެރިކަމާއި ގުޅުން ހުރި އެހެނިހެން ދާއިރާތަކުގެ ކުރިއެރުމާއި އެކު ޒަމީރުގެ ލަފައަކީ އަންނަ އަހަރު ރާއްޖެ އިގްތިސާދު 6.4 އިންސައްތައިން ކުރިއެރުމެވެ.

