ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްބަސްވެވޭ އަގުތަކެއްގައި ބޭރުގެ ސިއްހީ ހިދުމަތްތައް ހޯދުމަށް މަސައްކަތްތައް އެބަކުރޭ: ޝުޖާއު

ޕީއެންސީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ރައްޔިތުންނަށް ސިއްހީ ހިދުމަތްތައް ދޭ ބޭރުގެ ހޮސްޕިޓަލްތަކާއިއެކު އެއްބަސްވެވޭ އަގުތަކެއް ކަނޑައެޅުމަށް މަޝްވަރާތައް ކުރަމުންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޕީއެންސީއިން ކުރިއަށް ގެންދިޔަ ”ރައްޔިތުންގެ ސައްލާ“ ބައްދަލުވުމުގައި މެމްބަރު ޝުޖާއު ވިދާޅުވީ، ރައީސް ޑރ މުހައްމަދު މުއިއްޒު ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު ދިވެހިންނަށް ހިދުމަތް ދިން ބޭރު ހޮސްޕިޓަލްތަކަށް އާސަންދައިން 1.6 ބިލިއަން ރުފިޔާ ދައްކަންޖެހިފައި އޮތްކަމަށާއި އެންސްޕާއިންވެސް 1.5 ބިލިއަން ދައްކަންޖެހިފައި އޮތްކަމަށެވެ. އަދި ރާއްޖޭގެ އެކި އެފަދަ ހިދުމަތްތައް ދޭ ތަންތަނަށް 400 ވަރަކަށް މިލިއަން ރުފިޔާ ދޭންޖެހިފައި އޮތްކަމަށް ފާހަގަކުރެއްވިއެވެ.

ޝުޖާއު ވިދާޅުވީ، އެ ފައިސާ ނުދައްކާ އޮތީ އެމްޑީޕީގެ ސަރުކާރުގައިކަމަށްވާއިރު މިހާރު އާސަންދަ ނުލިބޭކަމަށް ބުނެ އެ ޕާޓީން ވާހަކަތައް ދައްކަމުންދާކަމަށެވެ. އަދި އިންޑިއާގެ އަމްރިތާ ހޮސްޕިޓަލުން އާސަންދައިގެ ދަށުން ހިދުމަތް ނުލިބޭކަމަށް ބުނަމުންދާކަމަށްވާއިރު ފައިސާ ނުދެންޔާ ކަނޑާލާނެ ނުންތޯ ޝުޖާއު ސުވާލުކުރެއްވިއެވެ. ޝުޖާއު ވިދާޅުވީ، މި ސަރުކާރުންދަނީ އެ މައްސަލަތައް ހަމަ މަގަކަށް އެޅުވުމަށް މަސައްކަތްކުރަމުންކަމަށާއި އެގޮތުގެ މަތިން ކުރަމުންދާ މަސައްކަތްތަކަކީ ހިދުމަތްދޭ ތަންތަނާއިއެކު ހިދުމަތްތަކުގެ އަގުތަކަށް އެބަސްވުމުގެ ގޮތުން މަޝްވަރާތައް ކުރުންކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ވަކި ވަކި ހިދުމަތްތަކާއި އެކަމުގެ އަގާއި ގުޅޭގޮތުން ހިދުމަތް ދޭ ފަރާތްތަކާއިއެކު މަޝްވަރާތައް ކޮށްގެން އެއްބަސްވުންތަކެއް ގާއިމުކުރުމުގެ މަސައްކަތްތައް ކުރެވެމުންދާކަމަށާއި އެއްބަސްނުވެވޭ ހާލަތު ނުވަތަ 500 އިންސައްތަ ބޮޑުކޮށް އަގު ކިޔާނަމަ އާސަންދައާއި އެންސްޕާއިން މަޝްވަރާތައް ކޮށްގެން އެ އަގުތައް ތިރިކުރުމަށް މަސައްކަތްކުރާކަމަށެވެ. އަދި އެވަރުންވެސް އެއްބަސް ނުވެވޭ ތަންތަނަށް ދިވެހިން ނުފޮނުވާނީކަމަށް މައުލޫމާތު ދެއްވިއެވެ.

އެހެންނަމަވެސް އެހެން ތަންތަނާއި މަޝްވަރާކޮށްގެން އެ ހިދުމަތްތަކާއިމެދު އަގެއްގެ މައްޗަށް އެއްބަސްވެ އެތަންތަނަށް ފޮނުވައިގެން ހިދުމަތް ފޯރުކޮށްދޭނެކަމަށާއި އަވަށްޓެރި ގައުމުތަކަށް ފަރުވާ ހޯދަން ވަޑައިގަންނަވާ ރައްޔިތުންނަށް މިކަން ސާފުކޮށް އެނގިވަޑައިގަންނަވާނެކަމަށެވެ.

ޝުޖާއު ވިދާޅުވީ، ކުރިން އޮތް ގޮތުން ރާއްޖޭގެ ހޮސްޕިޓަލަކުން ކުރެވޭ ސާޖަރީއެއް ރާއްޖެއިން ބޭރުން ކުރުމުން 500 އިންސައްތަ އަގު ބޮޑުވާކަމަށާއި އެހެންކަމުން ރައީސް މުއިއްޒުވަނީ އެކަން އެގޮތަށް ނުކުރެވޭނެކަމަށް ނިންމަވާފައިކަމަށެވެ. އަދި ސިއްހީ ހިދުމަތްތެއް ދިނުމަށް ރާއްޖެއާއި ދެމެދު މުއާމަލާތެއް ކުރާނަމަ އެކަން ކުރެވެންޖެހެނީ އެއްބަސްވެވޭ އަގެއްގެ މައްޗަށް ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާކަމަށެވެ.

މީގެ ކުރިން އާސަންދަ އާއި އެންސްޕާގެ ވެރިން އަބަދު ރާއްޖެއިން ބޭރުގައި އުޅުއްވާކަމުގެ މައްޗަށްވެސް އަލިއެޅުއްވިއެވެ. ޝުޖާއު ވިދާޅުވީ، މިހާރު އެގޮތަށް އެކަން ނުކުރާނެކަމަށާއި ޕީޢެންސީގެ ސަރުކާރުގައި ކުންފުނިތަކުގެ ވެރިން ނަޒާހާތްތެރިވާނެކަން އެކަމުންވެސް ފެނިގެންދާކަމަށެވެ. އަދި ކުރެވިފައިވާ މަސައްކަތްތަކުގެ ސަބަބުން ސަރުކާރާއިއެކު އެއްބަސްނުވި ހޮސްޕިޓަލްތަކުންވެސް ވަނީ ސަރުކާރުން އެދުނު އަގުގައި ހިދުމަތް ދިނުމަށް އެއްބަސްވެފައިކަމަށާއި އެއީ ހަރަދުކުޑަކުރުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކުން ބައެއްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: