ޓެރަރިޒަމްގެ މައްސަލައެއްގައި 27 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ޏ ފުވައްމުލަކު މުޙައްމަދު އަމީންގެ އިސްތިއުނާފު މައްސަލަ ސިއްރު ނުކޮށް ކުރިއަށް ގެންދަން ދިވެހިރާއްޖޭގެ ހައިކޯޓުން ނިންމައިފިއެވެ.
މި މައްސަލައިގައި ހައިކޯޓުގައި ކުރިއަށް ދިޔަ އަޑުއެހުމުގަގައި މައްސަލަ ސިއްރުކޮށްދޭން އެދިލައްވާ ސަބަބުތަކުގެ ގޮތުގައި ވަކީލު ހަމްޒާ ލަތީފް ވިދާޅުވީ، އަމީންގެ މައްޗަށް ކުށެއް ސާބިތުނުވަނީސް އޭނާއަކީ ކުށްވެރިއެއް ގޮތުގައި ޚަބަރުތަކާއި މީސްމީޑިއާގައި ދައުރު ކުރުވުން ހުއްޓުވުމަށް ކަމަށެވެ.
އަދި މި މައްސަލައިގައި އިންޓެލިޖެންސްއާ ގުޅޭ މައުލޫމާތުތައް ހިމެނިފައިވުމާއެކު، އެކަމުގެ ހައްސާސްކަމުގެ ސަބަބުން އެފަދަ މައުލޫމާތެއް އާންމުވެއްޖެނަމަ ޤައުމީ ސަލާމަތަށް ނުރައްކާވުން އެކަށީގެންވާކަމަށްވެސް ވަކީލު ވިދާޅުވިއެވެ.
އެކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ، ޝަރީއަތްތައް ސިއްރު ކުރެވޭ ޙާލަތްތަކުގެ ގޮތުގައި ހައިކޯޓުގެ ޤަވާއިދުގައި ބަޔާންކޮށްފައިވަނީ މުޖުތަމައުގެ އަހުލާގީ މިންގަނޑުތައް ހިފެހެއްޓުމާއި، އަމަންއަމާންކަން ޤާއިމު ކުރުމާއި، ޤައުމީ ސަލާމަތަށް ނުރައްކާވުން ހުއްޓުުވުމަށް ކަމަށެވެ. އެފަދަ ޙާލަތެއް މި މައްސަލައިގައި ފާހަގަވެފައިނުވާކަމަށްވެސް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.
ދެފަރާތުގެ ވާހަކަތަކަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ފަނޑިޔާރުން ނިންމެވީ މި މައްސަލައިގެ އަޑުއެހުންތައް ކުރިއަށް ގެންދަވާނީ އާންމުކޮށް ހުޅުވާލައިގެން ކަމަށެވެ. އެހެންނަމަވެސް މައްސަލަ ކުރިއަށްދާއިރު އަޑުއެހުން ސިއްރު ކުރަންޖެހޭ ފަދަ ކަމެއް ދިމާވެއްޖެނަމަ އެ އަޑުއެހުމެއް ސިއްރު ކުރައްވާނެކަމަށްވެސް ފަނޑިޔާރު ވިދާޅުވިއެވެ.
ހައިކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ފައިސަލް, ފަނޑިޔާރު އަލްއުސްތާޛު ޙުސައިން ޝަހީދު އަދި ފަނޑިޔާރު އަލްއުސްތާޛު މުޙައްމަދު ޝަނީޒް ޢަބްދުﷲއެވެ.
ޓެރަރިމް މަނާކުރުމުގެ ގާނޫނުގެ ދަށުން، މުހައްމަދު އަމީންގެ މައްޗަށް ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓުންކޮށްފައިވާ ހުކުމް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރީ މިއަހަރުގެ ފެބްރުއަރީ މަހުއެވެ.
ކްރިމިނަލް ކޯޓުން އޭނާގެ މައްޗަށް 27 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އެގޮތުން ކްރިމިނަލް ކޯޓުން އޭނާ 27 އަހަރަށް ޖަލަށް ލުމަށް ހުކުމް ކުރި ނަމަވެސް، ބަންދުގައި ހުރި މުއްދަތު އުނިކުރުމުން ތަންފީޒު ކުރަން ޖެހޭނީ 23 އަހަރާއި، 11 މަހާއި އަދި 9 ދުވަސް ކަމަށް ކޯޓުގެ ޙުކުމުގައި ބަޔާންކޮށްފައިވެއެވެ.
އަމީނަށް ކުރި ޙުކުމާއި ގުޅިގެން އޭނާގެ އާއިލާއާއި ގާނޫނީ ވަކީލުންގެ ޓީމުން އޭރު ބަޔާނެއް ނެރެފައިވެއެވެ. އެ ބަޔާނެއްގައި ބުނެފައިވަނީ، 8 ނޮވެމްބަރު 2023 ގައި އަމީންގެ މައްޗަށް ޙުކުމް ކޮށްފައިވަނީ ދިގު މުއްދަތަކަށް ބަންދުގައި ބަހައްޓައިގެން 4 އަހަރަށް ދިގުދަންމައިގެން ކުރިއަށްގެންދިޔަ ޝަރީއަތަކަށްފަހު ކަމަށެވެ. އެގޮތުން 23 އޮކްޓޯބަރ 2019ގައި މުހައްމަދު އަމީން ހައްޔަރުކުރެވި، ނޮވެމްބަރު 8 2023ގައި އޭނާގެ މައްޗަށް މައްޗަށް ކޮށްފައިވާ ދައުވާތައް ސާބިތުވާކަމަށް ނިންމައި 27 އަހަރު ޖަލުގައި ބަންދުކުރުމަށް ކުރި ހުކުމަކީ، ހުށަހެޅިފައިވާ ހެކިތަކާއި ގަރީނާތަކަށް ބަލައި، އެންމެ އިންސާފުވެރި ގޮތަކަށް ކުރެވިފައިވާ ހުކުމެއްކަމަށް އާއިލާއަށް ނުފެންނަ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.
އޭގެ އިތުރުން، އެ މައްސަލައާމެދު ފާހަގަކުރެވޭ ބޭއިންސާފު ކަންކަން ހުރިކަމަށްވެސް އާއިލާއިން ވަނީ ބުނެފައެވެ. އެގޮތުން ހައްޔަރުކުރުމަށްފަހު، ދައުލަތުގެ އެދުމާއެކު ދިގު މުއްދަތެއް ތަހުގީގުގައި ހޭދަކުރިކަމަށް އާއިލާގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި އެ މުއްދަތުގައި އަމީން ހުރީ ބަންދުގައި ކަމަށާއި، ޝަރީއަތުގެ މަރުހަލާގައިވެސް ދައުލަތުން މައްސަލަ ދިގުދަންމަން މަަސައްކަތްކުރި ކަމަށް ތުހުމަތުކޮށްފައި ވެއެވެ.
ހަމައެއާއެކު، ކްރިމިނަލް ކޯޓުން އެކުލަވާލި ތާވަލާ އެއްގޮތަށް ޝަރީއަތްވެސް ގެންދެވިފައި ނުވާކަމަށް އާއިލާގެ ފަރާތުން ފާހަގަކޮށްފައިވެއެވެ.

