ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި 5 އިންސައްތައަށްވުރެ އިންޓަރެސްޓް ރޭޓް ބޮޑުނުވާގޮތަށް ދޫކުރާ ގެދޮރުވެރިކަމުގެ ލޯނުތައް ކުރިއަށް އޮތް 4 އަހަރުވެސް ސަރުކާރުގެ ބަޖެޓުގައި ހިމަނައިގެން ދޫކުރަމުންދާނެކަމުގެ ޔަޤީންކަން ރައީސުުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ދެއްވައިފިއެވެ.
ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މިއަދުގެ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ ފަޅީގައި ތިބެގެން ކަމަށާއި، އަބަދުވެސް އިސްކަންދޭނީ ރައްޔިތުންނަށް އެންމެ މުހިއްމުވެފައިވާ ކަންކަމަށް ކަމަށެވެ. އެގޮތުން މިއަދު ރައްޔިތުންނަށް އެންމެ ބޮޑަށް ދިމާވެފައިވާ މައްސަލައަކީ ގެދޮރުގެ މައްސަލަކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، އެކަމުގައި އެއްވެސް ޝައްކެއް ނެތް ކަމަށެވެ.
ރައީސް ވިދާޅުވީ، އެންމެ އިސް ސިޔާސަތަކަށް ހައްދަވާނީ ގެދޮރުވެރިކަމުގެ މައްސަލަ ކަމަށް އިންތިޚާބުގައިވެސް ވައުދުވެވަޑައިގެންފައިވާނެ ކަމަށެވެ.
އަޅުގަނޑުމެންގެ ސަރުކާރުން، ދިވެހިރައްޔިތުންގެ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންގެ ފަޅީގައި ތިބެގެން، ރައްޔިތުންނަށް އެންމެ މުހިއްމުވެފައިވާ ކަންކަމަށް އިސްކަންދީގެން، ދިވެހި ރައްޔިތުންނަށް އެންމެ ބޮޑަށް ދިމާވެފައިވާ މައްސަލައަކީ ގެދޮރުގެ މައްސަލަ، ބޯހިޔާވަހިކަމުގެ މައްސަލަ، އެއީ ޝައްކެއް ނެތް، ދެބަސްވުމެއް ނެތް ޙަގީގަތެއް، އެހެންވެ އަޅުގަނޑު އިންތިޚާބު ތެރޭގައިވެސް ވައުދުވީ އެންމެ އިސް ސިޔާސަތަކަށް ހަދާނީ ގެދޮރުވެރިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމަށްކަމަށް
ރައީސް އިތުރަށް ވިދާޅުވީ، ގެދޮރުވެރިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނައުމަށް ސަރުކާރުން ޚާއްސަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށާއި، ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމަކީ އޭގެ ތެރެއިން މުހިއްމު މަސައްކަތެއް ކަމަށެވެ. އަދި އެއީ އިންތިޚާބީ ވައުދުފުޅެއްކަންވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.
ހަމައެއާއެކު، ރާއްޖޭގެ ކޮންމެ ރަށެއްގައި އަމިއްލަ ބިން ނުވަތަ އިމާރަތް ހުރި މީހުންނަށް އެތަންތަނަކީ ދިރިއުޅެވޭ ތަންތަން ކަމުުގައި ހެދުމަށް މި ލޯން ސްކީމްގެ ބޭނުން ހިފޭނެކަން ފާހަގަ ކުުރައްވައި ރައީސް ވިދާޅުވީ، އަމިއްލަ ގެދޮރުވެރިކަން ޤާއިމު ކުރުމަށް މި ސްކީމުން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
މިއީ މިއަދު ފަށާފައި އަންނަ އަހަރު ހުއްޓާލާނެ ސްކީމެއް ނޫން، މިއީ ދާއިމަށް އިރާދުކުރެއްވީތީ ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާނެ މަޝްރޫއެއް
މީގެ އިތުރުން، ބަޖެޓަށް އަލިއަޅުވާލައްވާ ރައީސް ވިދާޅުވީ، 2025 ގެ ބަޖެޓުގައި މި ސްކީމްގެ މަސައްކަތަށް 1 ބިލިއަން ރުފިޔާ އިންވެސްޓްކޮށްފައިވާ ކަމަށެވެ. އެގޮތުން އެޗްޑީއެފްސީ، ބީއެމްއެލް އަދި އެމްއައިބީ މެދުވެރިކޮށް 5% ގެ އިންޓްރެސްޓުގެ ލޯނުތައް ދޫކުރަމުންދާނެކަން ފާހަގަ ކުރައްވައި ރައީސް ވިދާޅުވީ، ހަގީގަތުުގައި އަހަރު ނިމިގެންދާއިރު 2 ބިލިއަނަށްވުރެ ގިނަ ރުފިޔާގެ ލޯނު ދޫކުރެވޭނެ ކަމަށެވެ.
ރައީސް ވަނީ ކުރިއަށް އޮތް 4 އަހަރުވެސް އެގޮތުގެ މަތިން ބަޖެޓުގައި ހިމަނައިގެން ލޯނު ދޫކުރައްވަމުން ގެންދަވާނެކަމަށް ވިދާޅުވެފައެވެ. މިއީ ރާއްޖޭގެ ގެދޮރުވެރިކަމުގެ މައްސަލައަށް ދާއިމީ ޙައްލު ގެނައުމުގެ އެންމެ ފުރިހަމަ ނަތީޖާ ނެރެވިގެންދާނެ ކަމަކަށްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ހިޔާވެހި ޕޯޓަލް އާންމުންނަށް ހުޅުވާލުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުން ފެށިގެންނެވެ. އެކަމާ ގުޅޭ ތަފްސީލުތައް ގެޒެޓުގައި ޝާއިއު ކުރައްވާނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.
ދެމެހެއްޓެނިވި ތަރައްޤީގެ ވިސްނުމުގެ ތެރެއިން 3 ގިންތިއެއްގައި ލޯނު ދޫކުރެވޭނެކަމަށާއި އެއީ މާލެ ސިޓީގައި 6 މިލިޔަން ރުފިޔާއާ ހަމައަށް އަދި އާބަންސެންޓަރުތަކުގައި 3 މިލިޔަން ރުފިޔާއާ ހަމައަށް އަދި އެހެން ރަށްރަށުގައި 1 މިލިޔަން ރުފިޔާއާ ހަމައަށް ލޯނަށް ޝަރުތު ހަމަވާ ފަރާތްތަކަށް ދޫކުރާ ގެދޮރުވެރިކަމުގެ ލޯނުތައްކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

