މިދިޔަ ސަރުކާރުގައި ގިރާވަރުފަޅުން ގޯތި ދޫކުރީ ގަނޑެއްގައި ގޮޅި ކުރަހާލައިގެން ގޯތިދޭ އުސޫލުންކަމަށް ރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހިޔާވެހި ފައިނޭންސިންގ ޕްރޮގުރާމް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މިދިޔަ ސަރުކާރުން ގިރާވަރުފަޅުން ގޯތި ދޫކޮށްފައިވަނީ އެއްވެސް ވަރަކަށް މިންގަނޑަކަށް ބަލައިގެންނެއް ނޫން ކަމަށެވެ. އެގޮތުން ގޯތި ދޫކޮށްފައިވަނީ އޮންނަންވާ މިންގަނޑަށް ހަދާފައިވާ ލޭންޑް ޔޫސް ޕްލޭނަކަށް ބަލައިގެންނެއް ނޫންކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މީހުން އުޅޭ ތަނެއް ނަމަ މަގުތަކާއި، ސްކޫލުތަކާއި، ހޮސްޕިޓަލުތަކާއި، ހުސްބިންތަކުގެ އިތުރުން ޕާކު ފަދަ ތަންތަންވެސް ހުންނަންޖެހޭ ކަމަށާއި، އެ ބައިތައް ހިމެނުމެއް ނެތި ސިޓީއެއްވެސް އަދި އާބަން ސެންޓަރެއްވެސް ތަރައްޤީ ނުވާނެ ކަމަށެވެ. އެހެންކަމުން މިދިޔަ ސަރުކާރުން ދޫކޮށްފައިވާ ގޯތިތައް ލޭންޑް ޔޫސް ޕްލޭނަކަށް ފައްތާލުމުން ގިނަ ގޯތިތައް ކަނޑުންވެސް ދޭން ޖެހޭކަމަށް ރައީސް ވިދާޅުވިއެވެ.
މިދިޔަ ސަރުކާރުން ގިރާވަރުފަޅުން ގޯތި ދޫކޮށްފައިވަނީ އެއްވެސް ވަރަކަށް ސްޓޭންޑަރޑްއަކަށް ބަލައިގެންނެއް ނޫން، ލޭންޑް ޔޫސް ޕްލޭން އޮންނަންވާ މިންގަނޑަށް ހަދާފައިވާ ލޭންޑް ޔޫސް ޕްލޭނަކަށް ބަލައިގެންނެއް ނޫން، ނަތީޖާއަކަށްވީ އެ ފަޅުން ގޯތި ދެވޭވަރަށްވުރެ މާ ގިނައިން ގޯތި ދޫކުރެވިފައި އޮތީ، ކައިރީގައި އޮތް ކަނޑުންވެސް ގޯތި ހަމަޖައްސައިގެން ގޯތި ދީފައި އޮތީ، ފުރިގެން ބަންޑުންވާ ވަރަށް، މިހެން މި ދަންނަވަން ޖެހެނީ ހަގީގަތުގައިވެސް އެކަން ވެފައި އޮތްގޮތް ވީމާ، މީހުން އުޅޭ ތަނެއް ނަމަ މަގު ހުންނަން ޖެހޭ، ސްކޫލުތައް، ހޮސްޕިޓަލުތައް، ހުސްބިން، ޕާކު، މިއިން އެއްވެސް އެއްޗެއް ނުލާ ގަނޑެއްގައި ގޮޅި ޖަހާލައިގެން 5000 އެއްހާ ގޯތި ދެންޏާ ދެވިދާނެ މިހާރުވެސް، އެހެނެއް ނޫން ދެއްތޯ ސިޓީއެއް ނޫނީ އާބަން ސެންޓަރެއް ނޫނީ އެއްވެސް ތަނެއްގައި މީހުން ދިރިއުޅޭ ތަނެއް ޑިވޮލޮޕްވާން ޖެހޭނީ، އެގޮތަށް ތަރުތީބުކޮށްފައި ބަލާ ނިމުނުއިރު 1200 އެއްހާ ގޯތި ކަނޑަށް މި ބަދަލުވީ
ރައީސް ވިދާޅުވީ، ގިރާވަރުފަޅުން ދީފައިވާ ގޯތިިތައް ގުޅީފަޅަށް ބަދަލު ކުރެއްވީ އެ ސަބަބާހުރެ ކަމަށެވެ. ގުޅީފަޅުގެ ބާކީ ހުރި ސަރަޙައްދުތައް ހިއްކުމަށް ވަރަށް އަވަހަށް ބަޔަކާ ޙަވާލު ކުރެވިގެންދާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ގުޅީފަޅުގެ މަގު ހެދުމާއި ކަރަންޓުގެ މަސައްކަތްވެސް ވަރަށް އަވަހަށް ޙަވާލު ކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އެމަނިކުފާނު ވެވަޑައިގެންފައިވާ ވައުދުފުޅުތައް ފުއްދަވާނެ ކަމަށާއި ގެދޮރުވެރިކަމުގެ މައްސަލަ ޙައްލު ކުރައްވާނެ ކަމަށެވެ.
ގުޅީފަޅުން އިތުރަށް ހިއްކަން ނިންމާފައިވާ 85 ހެކްޓަރުގެ ބިން ހިއްކުމަށް ސަރުކާރުން އެމްޓީސީސީއާއި އެކު އެއޯޔޫއެއްގައި ސޮއިކޮށް ފައިނޭންސް ހޯދުމުގެ މަސައްކަތް ކުރަމުންދާކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

