2025 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓަކީ އިންޓަނޭޝަނަލް މަނިތަރީ ފަންޑު (އައިއެމްއެފް) ގެ އިރުޝާދާއި އެއްގޮތަށް ތައްޔާރުކޮށް ހުށަހެޅި ފުރަތަމަ ބަޖެޓުކަމަށް ފިނޭންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހުމަދު ސާއިދު މުސްތަފާ ވިދާޅުވެއްޖެ އެވެ.
ސަރުކާރުގެ ފަރާތުން މިދިޔަ ހަފްތާގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ވަނީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.
އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު މަޖިލީހަށް ހުށަހަޅުއްވަމުން ޒަމީރު ވިދާޅުވީ، މިދިޔަ އަހަރުތަކުގައި އެއްވެސް ޒިންމާދާރުކަމެއް ނެތި މާލިއްޔަތު ގެންގުޅެފައިވާތީ މި ސަރުކާރުން ހުރިހާކަމެއް އަލުން ފަށަން ޖެހިފައިވާކަމަށެވެ. މި މައްސަލަތަކާއި ކަންބޮޑުވުންތައް ހައްލު ކުރުމުގެ ގޮތުން ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތައް ފާހަގަކުރައްވައި ޒަމީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސައްވުރު ކުރައްވަނީ ކެބިނެޓުން ފާސްކޮށްފައިވާ އިކޮނޮމިކް ރީފޯމް އެޖެންޑާ ތަންފީޒު ކުރުމުގެ ތެރެއިން ދިވެހި ރާއްޖޭގެ ޖީޑީޕީ 2028 ވަނަ އަހަރު 10 ބިލިއަން ޑޮލަރާއި ހަމައަށް ގެންދިއުން ކަމަށެވެ.
ބަޖެޓުގެ މައުލޫމާތުތައް ފޯރުކޮށްދިނުމަށް ޕީއެންސީ ކުރިޔަށް ގެންދާ ”ބަޖެޓު ސައްލާ“ ގެ ފުރަތަމަ ޕްރޮގްރާމްގައި ސާއިދު ފާހަގަކުރެއްވީ ހިދުމަތް ދިނުމުގައި ސަރުކާރުގެ އަމާޒުތަކެވެ. އޭގެ ތެރެއިން އެއް ދާއިރާއަކަށް ސާއިދު ތަފްސީލު ދެއްވީ ބޯހިޔާވަހިކަމުގެ ދާއިރާގެއެވެ.
ސާއިދު ވިދާޅުވީ ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ ބަޖެޓުން އަންނަ އަހަރު 07 ބިލިއަނެއްހާ ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށެވެ. އަދި މިއީ ރާއްޖޭގެ އިގްތިސާދަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ވިދަޅުވި އެވެ.
އަންނަ އަހަރުގެ ބަޖެޓަކީ ސާއިދު ވިދާޅުވި ގޮތުގައި އައިއެމްއެފްގެ ގަވަމަންޓް ފައިނޭންސް ސްޓެޓިސްޓިކްސްއާއި އެއްގޮތަށް ތައްޔާރުކޮށް ހުށަހަޅާ ފުރަތަމަ ބަޖެޓެވެ. އެހެންކަމުން ނިޒާމީ ގޮތެއްގައި ހަރަދުތައް ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ބަޖެޓު ތަންފީޒު ކުރެވޭއިރު ފެނިގެންދާނެކަމަށް އޭނާ ވިދާޅުވި އެވެ.
ދައުލަތަށް ލިބެން ޖެހޭ އާމްދަނީ ނުލިބި، އިގްތިސާދާއި އެއް ހަމައެއްގައި ނުހިފެހެއްޓުމުގެ އެންމެ ބޮޑު ސަބަބަކީ ޓެކްސްއާއި ބެހޭ ގާނޫނު ރަނގަޅަށް ތަންފީޒު ނުކުރެވުންކަން ފާހަގަކޮށް ސާއިދު ވިދާޅުވީ އެއަށް އަމަލު ކުރާ މިންވަރު ވެސް ދަށްވެގެން ދިޔައީ ހާލަތެއް ނެތި ދިއުމަށް ފަހު ވެސް ދީފައި ހުންނަ ލުއިތައް ދަމަހައްޓާފައި ހުރުމެވެ. އެކަމުގެ މިސާލެއްގެ ގޮތުން ސާއިދު ދެއްކެވީ ކޮވިޑު-19 ގެ ހާލަތުގައި ފީތަކާއި ޓެކްސް ދެއްކުމަށް ދިން ލުއިތަކެވެ.
ދައުލަތަށް ލިބެން ޖެހޭ ފައިސާ ހޯދުމަށް މި ފިޔަވަޅުތަކުން އެކަނި ވެސް ބިލިއަނުން ފައިސާ ދައުލަތަށް ވަދެފައިވާކަމަށް ސާއިދު ވިދާޅުވި އެވެ.
މިހާރު މި އެޅޭ ފިޔަވަޅުތަކުން އިގްތިސާދާ އެއްހަމައެއްގައި، ދައުލަތުގެ އާމްދަނީ ކުރިއަރާނެ ފުރުސަތު ލިބިގެންދާނެ
ޓެކްސްތަކަށް ބަދަލު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުތަކުގެ މަސައްކަތް ހުރީ ކޮމިޓީ މަރުހަލާގަ އެވެ.
ޓެކްސްތަކަށް ގެންނަ ބަދަލުތައް ހިމެނޭ ތިން އިސްލާހެއް ހުށަހަޅާފައި ވަނީ ދައުލަތުގެ ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އިޔާދަކުރުމަށާއި ހާއްސަކޮށް ދައުލަތަށް ބޭރު ފައިސާއިން ލިބޭ އާމްދަނީ އިތުރު ކުރުމަށް މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން ޓޫރިޒަމް ދާއިރާގެ މުދަލާއި ހިދުމަތުން ނަގަމުން އަންނަ ޓެކުހުގެ މިންވަރު އިތުރު ކުރުމަށެވެ.
އެގޮތުން ގްރީން ޓެކްސް 50 އިންސައްތަ އިތުރު ކުރުމަށް ނިންމިއިރު، 50 ކޮޓަރިއަށް ވުރެ މަދުން ހިންގާ ޓުއަރިޒަމް ހިދުމަތް ދޭ ތަންތަން ނުވަތަ ގެސްޓްހައުސްތަކުން ތިން ޑޮލަރުގެ ބަދަލުގައި ހަ ޑޮލަރު ނަގާ ގޮތަށް ވަނީ ނިންމާފަ އެވެ. ރިސޯޓުތަކުން ބޮލަކަށް ހަ ޑޮލަރުގެ ބަދަލުގައި، 12 ޑޮލަރު ނަގާ ގޮތަށް ހުށަހެޅި އިސްލާހަށް އަމަލު ކުރަން ފަށާގޮތަށް ހިމަނާފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ.

