އެމެރިކާގެ ރައީސްކަން ގެއްލިގެންދިއުމަށްފަހު ދެވަނަ ފަހަރަކަށް މަގާމު ކާމިޔާބުކޮށް، ރިޕަބްލިކަން ކެނޑިޑޭޓު ޑޮނަލްޑު ޓްރަމްޕުގެ ނަން އެ ގައުމުގެ ތާރީހުގައި ފެވިއްޖެއެވެ.
އެމެރިކާގެ ރައީސްކަމަށް ޑޮނަލްޑް ޓްރަމްޕު ދެވަނަ ފަހަރަށް އިންތިހާބުވެފައިވަނީ ބޮޑު ނުތަނަވަސްކަމެއް އުފެދިގެންދިއުމަށްފަހު ވެރިކަން ގެއްލުނުތާ ހަތަރު އަހަރު ދުވަހުގެ މުއްދަތަކަށްފަހުއެވެ. މިއީ ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކުނު މަންޒަރެއް ނޫނެވެ. ވޭތުވެދިޔަ 120 އަހަރުގެ ތާރީހުގައި އެއްވެސް ފަރާތަކަށް މިކަން ފުރިހަމަކުރެވިފައިނުވާއިރު 2024 ވަނަ އަހަރުގެ އިންތިހާބުގައި ކުރިއަށްވުރެވެސް ގިނަ ވޯޓު ހޯދައިގެން ޓްރަމްޕުވަނީ އޭނާ އަދި ތާއީދުކުރާ އެތައް މިލިއަން ބަޔަކު ތަސައްވަރުކުރި ހުވަފެން ހަގީގަތަކަށް ހަދާފައެވެ.
އިންތިހާބު ކާމިޔާބުކުރުމަށްޓަކައި ބޭނުންވަނީ އާންމު ވޯޓުގެ އަގުލަބިއްޔަތުގެ އިތުރުން ސަރަހައްދީ މަންދޫބުންގެ އިލެކްޓޯރަލް ވޯޓުގެ އަގުލަބިއްޔަތުކަމަށްވާއިރު ގިނަ އަދަދެއްގެ ވޯޓުތައް ހިއްސާވާ ޕެންސިލްވޭނިއާ އާއި އެލާސްކާގެ އަގުލަބިއްޔަތު ވޯޓާއިއެކު ލިބުނު އިލެކްޓޯރަލް ވޯޓުތައް ހިމަނައިގެން ޓްރަމްޕަށް ލިބުނު ޖުމުލަވަނީ 279 އަކަށް އަރާފައެވެ.
މިހާރުގެ ނައިބުރައީސް ކަމަލާ ހެރިސްގެ މައްޗަށް ޓްރަމްޕު ކާމިޔާބު ހޯދީ ހީވެސް ނުކުރާފަދަ ގިނަ ގޮންޖެހުންތަކާއި ކުރިމަތިލުމަށްފަހުއެވެ. އެގޮތުން އޭނާގެ މައްޗަށް ޖިނާއީ ކުށްތަކަކަށް އަރައިގަތުމުގެ ދައުވާކުރެވި ޝަރީއަތްތައްވެސް ކުރެވިފައިވާއިރު ދެ ފަހަރެއްގެ މަތިން އޭނާ މަރާލުމަށްވެސް މަސައްކަތްކޮށްފައިވެއެވެ. އަދި އިންތިހާބުގައި ކުރި ކަށަވަރުކުރުމަށްޓަކައި މަގުބޫލުކަން ގެއްލިފައިވާ އެ ގައުމުގެ މިހާރުގެ ރައީސް ޖޯބައިޑެން އެއްފަރާތަށް ޖެހި ފުރަތަމަ ރައީސާ އިންތިހާބުކުރުމުގެ ޖޯށުވެސް ގެނުވިއެވެ. އެހެންނަމަވެސް ޓްރަމްޕުވަނީ ވޭތުވެދިޔަ 120 އަހަރުގެ ތެރޭގައި ގޮނޑި ގެއްލުމަށްފަހު އަލުން އިންތިހާބުވި ފުރަތަމަ ރައީސްގެ މަގާމު ހާސިލުކޮށްފައިކަމަށްވާއިރު މި މަންޒަރު މީގެ ކުރިން އެމެރިކާގެ ތާރީހުން ފެނިފައިވަނީ 1892 ވަނަ އަހަރުގެ ތެރޭގައެވެ. އެ ފުރުސަތުގައި އިންތިހާބުވީ ގްރޯވާރ ކްލީވްލަންޑްއެވެ.
100 ދުވަހުގެ އިންތިހާބުތަކަށްފަހު އެންމެ މުހިންމު ދާއިރާގެ ޕޯލްތަކުންވެސް ދެ ކެންޑިޑޭޓުންނަށްވެސް ދާދި އެއްވަރަކަށް ތާއީދު އޮތްކަމަށް ދެއްކިއެވެ. އެހެންނަމަވެސް އިންތިހާބުގައި ޑިމޮކްރެޓުން ކުރި ނަގާނެކަމަށް ބެލި ޖޯރޖިއާ އަދި ނޯތު ކެރޮލިއިނާ ފަދަ ސަރަހައްދުތައް ކާމިޔާބުކޮށް ޓްރަމްޕުވަނީ ޑިމޮކްރެޓުންގެ ސަފު ރޫޅާލާފައެވެ. އިންތިހާބީ ތާރީހުގައި މަގުބޫލު އާންމު ވޯޓުން ރިޕަބްލިކަން ޕާޓީއަށް ކުރި ހޯދިފައިވަނީ މަދު ފުރުސަތެއްގައިކަމަށްވުމުން ގިނަ ފަރާތްތަކުން އަންދާޒާކުރީ މި އިންތިހާބުގެ އާންމު ވޯޓުގައި ބޮޑެތި ފަރަގުތަކެއް ނުހުންނާނެކަމަށްވީނަމަވެސް ޓްރަމްޕުވަނީ އެ ވޯޓުވެސް ބޮޑު ތަފާތަކުން ކާމިޔާބުކޮށްފައެވެ.
މި އިންތިހާބުގައި އަންހެނުންގެ ވޯޓު ލިބޭނީ ކަމަލާއަށްކަމަށް ގިނަ ބަޔަކު ދެކުނު އިރު އެބޯޝަންއާއި ދެކޮޅުވެރިކަމެއް ގެންގުޅޭކަމަށް ދައްކައިގެން ޓްރަމްޕުގެ މަގުބޫލުކަން ގެއްލުވާލުމަށް ކަމަލާގެ ކެމްޕެއިން ޓީމުން ކުރި މަސައްކަތްތައްވެސް ކާމިޔާބުވެފައިނުވާކަން ނަތީޖާތަކުން ފެނިގެންދާކަމަށް ރިޕޯޓުކޮށްފައިވެއެވެ.
2016 ވަނަ އަހަރު ރައީސްކަމަށް އައުމަށްފަހު ދެވަނަ ދައުރެއް ކާމިޔާބުކުރުމަށް ކުރި މަސައްކަތްތަކުގައި ޓްރަމްޕުވަނީ 2020ގެ އިންތިހާބުގައި ނާކާމިޔާބުވެފައެވެ. އެއަށްފަހު އޭނާ ދިޔައީ ގިނަ އެކި ތުހުމަތުތައް ކުރަމުންކަމަށްވާއިރު އެ ވާހަކަތަކާއި ގުޅިގެން ޖޯ ބައިޑެންގެ ކާމިޔާބު ރަސްމީގޮތުން ފާހަގަކުރުމަށް އެ ގައުމުގެ މަޖިލީހުގައި ބޭއްވި ރަސްމިއްޔާތު ހުއްޓުވުމަށްޓަކައި އޭނާގެ ސަޕޯޓަރުންވަނީ މަޖިލީހަށް ވަދެ ހަމަނުޖެހުންތައް ހިންގާފައެވެ. އަދި ބާރުވެރިކަމުގައި ހުރުމަށްޓަކައި ކުރި މަސައްކަތްތަކާއި ގުޅުވައި ޓްރަމްޕު ޖަލަށް ލުމަށް އެތައް މަސައްކަތްތަކެއް ކުރެވިފައިވާއިރު އެނާއާއި ދެކޮޅަށް ހިންގީ ބޮޑު ޖަރީމާތަކެއް ކަަމަށް ޓްރަމްޕު ބުނެފައިވެއެވެ. އަދި އެކަމުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރުތައްވެސް ދީފައިވާކަން ފާހަގަކުރެވެއެވެ.
ޖައްސަ ޖައްސައިގެން ނޫން ގޮތަކަށް ދެވަނަ ދައުރެއް ކާމިޔާބުކުރި ދެވަނަ ރައީސްގެ ތާރީހީ މަގާމު ޓްރަމްޕު ހާސިލ؛ުކޮށްފައިވާއިރު އެމެރިކާގެ ގާނޫނުއަސާސީގެ ދަށުން 2028 ވަނަ އަަހަރުގައި އޮންނާނެ އިންތިހާބުގައި އޭނާއަށް ކުރިމަތިނުލެވޭނެކަންވެސް މީޑިއާތަކުން ފާހަގަކުރެއެވެ.

