ސަރުކާރުގެ ތައުލީމީ ސިޔާސަތުގެ ދަށުން މުދައްރިސުން ތަމްރީނު ކުރުމުގެ ޤައުމީ ޕްރޮގްރާމް ފަށައިފިއެވެ.
ބުރާސްފަތި ދުވަހު ކުރިއަށް ދިޔަ ޚާއްސަ ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް އިފްތިތާޙު ކޮށްދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒުއެވެ.
މި ރަސްމިއްޔާތުގައި ޕްރޮގްރާމްގައި ބައިވެރިވާ ދަރިވަރުންނަށް ސްކޮލަރޝިޕް ލިޔުން ވަނީ ޙަވާލުކޮށްދެއްވާފައެވެ. އެގޮތުން މި ލިޔުން ޙަވާލުކޮށްދެއްވީ ރައީސް ޑރ މުއިއްޒުއެވެ.
މުދައްރިސުން ތަމްރީނު ކުރުމުގެ ޤައުމީ ޕްރޮގްރާމާ ގުޅޭ ގޮތުން މަތީ ޘާނަވީއަށް ކިޔަވާ ދަރިވަރުންނަށް މަޢުލޫމާތު ދިނުމުގެ ސެޝަންތަކެއް ސަރުކާރުން މީގެ ކުރިން ކުރިއަށް ގެންގޮސްފައިވެއެވެ.
ސަރުކާރުން މައުލޫމާތު ދޭ ގޮތުގައި މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމް ކުރިއަށްގެންދާނީ ޘާނަވީ މަރުޙަލާ ނިންމާ ދަރިވަރުންނަށް އަމާޒުކޮށްގެން، މުދައްރިސްކަމުގެ ދާއިރާއަށް ވަންނަ ދަރިވަރުންގެ އަދަދު އިތުރުކޮށް، ތަމްރީނުވެފައިވާ، ފެންވަރު ރަނގަޅު، ދޭސީ މުދައްރިސުންތަކެއް ބިނާކުރުމުގެ މަޤުސަދުގައެވެ.
މި ޕްރޮގްރާމްގެ ދަށުން ދަރިވަރުން ތަމްރީނުކުރުމަށް ހަމަޖެހިފައިވަނީ، މުދައްރިސުން ލިބުން ދަތިވާ މާއްދާތަކާއި، ރަށްތައް ފާހަގަކޮށް، އެ ކަންކަމަށް ޚާއްޞަ އިސްކަމެއް ދީގެންނެވެ.
ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވައިދޭ މުދައްރިސުންނަކީ ދޭސީ މުދައްރިސުންނަށް ހެދުމަށްޓަކައި ގައުމީ ފެންވަރުގެ މުދައްރިސުން ތަމްރީން ކުރުމުގެ ޕްރޮގްރާމެއް އިފުތިތާހުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

