ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގައި ކޮންމެ ރައްޔިތެއްގެ ފުރިހަމަ އެއްބާރުލުމާއި އަމިއްލަ ހިޔާލާއި ލަފާ ބޭނުންވާނެކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަހުމަދު ވިދާޅުވެއްޖެއެވެ.
ޤައުމީ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގެ މަސައްކަތް ފެށުމުގެ ގޮތުން ޒުވާނުންގެ މަރުކަޒުގައި ބޭއްވި ޙާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، 20 އަހަރުގެ ޤައުމީ ތަރައްޤީ ޕްލޭން އެކުލަވާލާނީ އެއް އަހަރު ދުވަހުގެ މުއްދަތެއްގެ ތެރޭގައި ކަމަށެވެ. އެހެންކަމުން އެ މުއްދަތުގެ ތެރޭގައި އެންމެ ފައިދާހުރި ޕްލޭންއެއް އެކުލަވާލުމަށް ހުރިހާ ރައްޔިތުންގެ ޝާމިލުވުން މުހިންމު ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ޤައުމީ ތަރައްޤީގެ ޕްލޭނެއް ހަދަން މަސައްކަތްފަށާއިރު އެ ޕްލޭނަށް ޤާނުގެ ތެރެއިން ރައްކާތެރިކަން ދޭންޖެހޭނެ ކަމަށާއި އެ ޕްލޭނަށް ދޭންޖެހޭ ޤާނޫނީ ރައްކާތެރިކަން ދިނުމަށް ޤާނޫނު އަސާސީއަށް މާއްދާއެއް އިތުރުކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ 20 އަހަރުގެ ޤައުމީ ތަރައްޤީ ޕްލޭންނަކީ އިޖުތިމާއީ އިޤްތިސާދީ ތަރައްގީއަށާއި، ތިމާވެށި ރައްކާތެރިކުރުމަށާއި، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުން ރާއްޖެއަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އާޅާނެ މުހިންމު ފިޔަވަޅުތައް ހިމަނައި އެކުލަވާލެވޭނެ ޕްލޭނެއް ކަމަށެވެ.
20 އަހަރުގެ ދުރު ރާސްތާ ޕްލޭންއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅާއި އެއްގޮތައް ދިވެހި ރާއްޖޭގެ ހުރިހާ ރަށެއްގެ ކައުންސިލްތަކާއި ، ސިޔާސީ ޕާޓީތަކާއި އާންމު ރައްޔިތުންގެ ބައިވެރިވުމާއި މަޝްވަރާ ހިމަނައިގެން ކުރިއަށް ގެންދާ މަސައްކަތެކެވެ.

