ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި 2025 ވަނަ އަހަރުގެ ނިޔަލަށް އޭޓީއެމް ބެހެއްޓުމުގެ މަޝްރޫއު އިފްތިތާޙުކޮށްފިއެވެ.
ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތުގައި ”މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް“ ޕްރޮޖެކްޓް އިފްތިތާޙް ކޮށްދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއެވެ.
މުޅި ރާއްޖެއަށް އޭޓީއެމް ހިދުމަތް ފުޅާކުރުމަށްޓަކައި ބޭއްވުނު ރަސްމިއްޔާތުގައި ބޭންކުން ވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓާއެކު ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ. އަދި މި ޕްރޮޖެކްޓް ގެ ދަށުން ބޭންކުން މިހާރު ވަނީ އދ.ހަންޏާމީދޫ އާއި އދ.އޮމަދޫގައި އޭޓީއެމް ބަހައްޓައި ހިދުމަތްދޭން ފަށާފައެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަރީފް ވަނީ މި ޕްރޮޖެކްޓްގެ މުހިންމު ކަމާއި މި ޕްރޮޖެކްޓްގެ ސަބަބުން ޤައުމުގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އެންމެހާ ރައްޔިތުންނަށް ފަސޭހަކަމާއެކު ބޭންކިންގ ޚިދުމަތް ލިބުމުގެ މަގު ތަނަވަސްވެގެންދާނެކަން ފާހަގަކުރައްވާފައެވެ.
އޮމަދޫގައި މިއަދު ހުޅުވިގެންދިޔަ އޭޓީއެމްއާއި އެކު މިއަދު ބޭންކަށް މިވަނީ މުހިންމު ލަނޑުދަނޑިއެއް ހާސިލްވެފައި، މި އޭޓީއެމްއަކީ ބީއެމްއެލްގެ 150 ވަނަ އޭޓީއެމް. ބޭންކުގެ ވިއުގަ ފުޅާކުރުމުގެ މަސައްކަތް ކުރަމުންދާއިރު ޑިޖިޓަލް ބޭންކިންގ ހިދުމަތްތަށް އިތުރަށް ތަރައްޤީކޮށް ފުރިހަމަ ކުރުމަށް ބޮޑެތި މަސައްކަތްތަކެއް ވެސް ކުރެވިގެންދާނެ. ކަސްޓަމަރުން ބޭނުންވާފަދަ ފަސޭހަ އަދި ރައްކާތެރި ހިދުމަތްތައް ދިނުމަށް އަޅުގަނޑުމެން ބައިނަލްއަޤްވާމީ ކާޑު ނެޓްވޯކްތަކާއި ޕޭމަންޓް ސޮލިއުޝަންދޭ ފަރާތްތަކާއެކު ގުޅުން ބަދަހިކޮށް މުހިންމު މަސައްކަތްތަކެއް ކުރެވިގެންދާނެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗ،ް 95 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ 150 އޭޓީއެމް އަދި އޭޖެންޓު ބޭންކިންގ ހިދުމަތުގެ އިތުރުން، އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތް ޤާއިމު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

