މިއަހަރުގެ ދިރާގު މޯލްޑިވްސް ރޯޑް ރޭސް މެދުވެރިކޮށް ދިރާގުން ކުޑަކުދިންގެ ރައްކާތެރިކަމަށް މަސައްކަތްކުރާ 12 އެން.ޖީ.އޯއަކަށް ޖުމްލަ 680،850 ރުފިޔާ ހަދިޔާކޮށްފިއެވެ.
އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުގެ ދިރާގު މޯލްޑިވްސް ރޯޑް ރޭސް ވެސް ހާއްސަކުރެވިފައިވަނީ ކުޑަކުދިންގެ ރައްކާތެރިކަމަށެވެ. އެގޮތުން މި ދުވުމުގައި ކުޑަކުދިންގެ ރައްކާތެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އެން.ޖީ.އޯތަކަށް އާންމުން ހޭލުންތެރިކުރުވުމަށާއި ފަންޑްރެއިޒް ކުރުމުގެ ފުރުސަތު ފޯރުކޮށްދިނެވެ. އެގޮތުން ދިރާގުންވަނީ އެއްބައިވަންތަ މާހައުލެއް ބިނާކުރުމަށާއި ކުޑަކުދިންގެ ރައްކާތެރިކަމަށާއި އަނިޔާއިން ކުޑަކުދިން ހިމާޔަތްކުރުމުގެ އިތުރުން ކުދިންގެ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރާ 12 އެން.ޖީ.އޯއަކާއެކު ޕަރޓްނަރ ވެފައެވެ.
އެގޮތުން ކޮންމެ ދުވުންތެރިއެއް ވެސް ރޭހަށް ރަޖިސްޓްރީ ކުރިއިރު އިހްތިޔާރުކުރާ އެން.ޖީ.އޯއެއް ނޮމިނޭޓްކުރުމުގެ ފުރުސަތު ހުޅުވާލެވުނެވެ. މިގޮތުން ބައިވެރިންގެ ފަރާތުން އެންމެ ގިނައިން ނޮމިނޭޓްކުރެވުނު 5 އެން.ޖީ.އޯއަކަށް ބެހިގެންދާގޮތަށް ދިރާގުން ޖުމުލަ 200،000 ރުފިޔާގެ ހާއްސަ ޑޮނޭޝަންއެއް ހަދިޔާކުރެވުނެވެ. މީގެ އިތުރުން ކޮންމެ ރަޖިސްޓްރޭޝަން ކިޓަކުން 100 ރުފިޔާއާއި ރީތި ބިބް ނަންބަރު ވިއްކައިގެން ލިބުނު ފައިސާއިން ޖުމްލަ 480.850 ރުފިޔާ ވަނީ ރޯޑް ރޭހުގެ ހުރިހާ ޕާޓްނަރ އެން.ޖީ.އޯތަކަށް ބެހިގެންދާގޮތަށް ހަދިޔާކޮށްފައެވެ.
މިގޮތުން މިއަހަރުގެ ދިރާގު މޯލްޑިވްސް ރޯޑްރޭސް މެދުވެރިކޮށް ޖުމުލަ 680,850 ރުފިޔާ ވަނީ އެން.ޖީ.އޯތަކަށް ހަދިޔާކޮށްފައެވެ. އަދި މި އެހީގެ ސަބަބުން އެ ޖަމިއްޔާތަކުގެ ޕްރޮގްރާމްތައް ފެށުމަށް މަގުފަހިވެގެން ގޮސް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޑަކުދިން ހިމާޔަތްކުރުމަށް ކުރާ މުހިންމު މަސައްކަތްތަކުގެ ތެރެއިން އެ ޖަމިއްޔާތަކުގެ ޕްލޭންތައް ފެށުމަށް ހިތްވަރު ލިބިގެންދާނެކަމަށް އުންމީދުކުރާ ކަމަށްވެސް ދިރާގުން ވަނީ ބުނެފައެވެ.
ދިރާގުން ވަނީ ބައިވެރިންގެ އެންމެ ގިނަ ނޮމިނޭޝަން ލިބުނު 5 އެން.ޖީ.އޯގެ ތެރެއިން ކޮންމެ އެން.ޖީ.އޯއަކަށް ވެސް 80،071 ރުފިޔާ ހަދިޔާކޮށްފައެވެ. އެއީ:
- ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް
- މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަން
- އަރކް – އެޑްވޮކޭޓިންގް ދަ ރައިޓްސް އޮފް ޗިލްޑްރަން
- މޯލްޑިވްސް ތެލެސީމިއާ ސޮސައިޓީ
- ޗައިލްޑް އެބިއުސް ޕްރިވެންޝަން ސޮސައިޓީ
އަދި ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2024 ގައި އެންޑޯސްކޮށްފައިވާ އަނެއް 7 އެން.ޖީ.އޯތަކުގެ ތެރެއިން ކޮންމެ އެން.ޖީ.އޯއަކަށް ދިރާގުން ވަނީ 40،071 ރުފިޔާ ހަދިޔާކޮށްފައިވެއެވެ. އެއީ:
- ޓައިނީ ހަރޓްސް އޮފް މޯލްޑިވްސް
- ބްލައިންޑް އެންޑް ވިޝުއަލް އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސް (ބީ.ވީ.އައި.އެސް.އެމް)
- ކެއަރ ސޮސައިޓީ
- މޮމްސް އެއިޑް
- ސޮސައިޓީ ފޯ ހެލްތް އެޑިއުކޭޝަން (ޝީ)
- މޯލްޑިވްސް އެސޯސިއޭޝަން އޮފް ޕަރސަންސް ވިތް ޑިސްއެބިލިޓީސް (އެމް.އޭ.ޕީ.ޑީ)
- ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސް
ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ދިވެހިރާއްޖޭގައި ބާއްވާ ފުރަތަމަ އަދި ހަމައެކަނި ބައިނަލްއަޤްވާމީ ދުވުމެވެ. އަދި މިއީ ވަރލްޑް އެތުލެޓިކްސް ސަރޓިފައިޑް ރޭސް ރޫޓަކާއެކު އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ވަރލްޑް ރަނިންގ ކަލަންޑަރުގައި ލިސްޓުކޮށްފައިވާ ދުވުމެކެވެ.
ދިރާގުން ވަނީ އަންނަ އަހަރުގެ ދިރާގު މޯލްޑިވްސް ރޯޑް ރޭސް 24 އޮކްޓޫބަރު 2025 ގައި ބާއްވާނެކަމަށްވެސް އިއުލާނުކޮށްފައެވެ.

